ދިވެހިރާއްޖޭގެ ޙައްޖާއި ޢުމްރާގެ ދާއިރާ ހަރުދަނާކުރުމަށް ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި މުހިއްމު ކޮންފަރެންސް ކުރިޔަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި އިވެންޓަކީ ކޮންފަރެންސަކާއި، ޙައްޖު ޢުމްރާގެ ޚިދުމަތްދޭ ފަރާތްތަކުގެ މައުރަޒެއް (އެގްޒިބިޝަން) އެކުލެވޭ ގޮތަށް ބާއްވާ އިވެންޓެކެވެ.

Ad
rt

މި މައުރަޒުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން މޯލްޑިވިއަން ވެސް ބައިވެރިވާނެއެވެ. އަދި މި ކުންފުނިތަކުގެ ޚިދުމަތްތައް އިސްތިހާރުކުރުމަށް ޚާއްސަ ސްޓޯލުތައް ބަހައްޓާނެއެވެ. ސްޓޯލު ޙަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާ ގުޅޭ ސާފު އަދި ފުރިހަމަ މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ކޮންފަރެންސް ސެޝަންތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި ތަޖުރިބާކާރުންގެ އިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކުން ވެސް ބައިވެރިވާނެއެވެ. ޚާއްސަކޮށް ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އަލްރާޖިޙީ ބޭންކުގެ ދަށުން ހިންގާ ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ކުރާ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެ، މުހިއްމު ސެޝަންތައް ނަންގަވައިދެއްވާނެއެވެ.

މި ކޮންފަރެންސްގެ ތެރެއިން ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ގޮތާއި، ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅޭ ދީނީ މުހިއްމު މަޢުލޫމާތުތައް ފުންނާބު އުސް ޢިލްމުވެރިންނާއި ތަޖުރިބާކާރުންގެ ފަރާތުން ލިބިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މިފަދަ އިވެންޓަކީ ރާއްޖޭގެ ޙައްޖު ޢުމްރާ ދަތުރުތަކުގެ ފެންވަރު މަތިކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.