ހދ. ނޮޅިވަރަމް ޞިއްޙީމަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށްޓަކައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލްއެމްއޭ އިންވެސްޓަމްނޓް ނަމަކަސް ކިޔާ ކުންފުންޏަކާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސްޓޭޓް މިނިސްޓަރ ފޯ ހެލްތު އިސްމާޢިލް ޝަރީފްއެވެ. އަދި އެލްއެމްއޭ އިންވެސްޓަމްނޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ މޫސާ ނަޒްމީއެވެ. މިރަސްމިއްޔާތުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައަމަދު ރަޝީދު ވެސް ބައިވެރިިވެލެއްވި އެވެ.
މި މަޝްރޫޢުއަކީ ނޮޅިވަރަމްގެ ރައްޔިތުންނަށް ދަތުގެ ފަރުވާގެ ޚިދުމަތްތަކާއި އެކްސްރޭގެ ޚިދުމަތް ފަށައިދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން ނޮޅިވަރަމް ޞިއްޙީމަރުކަޒުގައި ޑެންޓަލް ރޫމަކާއި، އެކްސްރޭ ރޫމަކާއި، އަދި އިތުރު ކޮންސަލްޓޭޝަން ރޫމެއް ހިމެނޭގޮތަށް އާ ޢިމާރާތެއް ބިނާކުރެވޭނެއެވެ. މި މަސައްކަތަށް ޖުމްލަ 1.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 180 ދުވަހެވެ.
މި މަޝްރޫޢު ނިމި، އާ ޚިދުމަތްތައް ފެށުމުން، ނޮޅިވަރަމްގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރަންޖެހޭ މިންވަރު ކުޑަވެ، ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. ޚާއްޞަކޮށް ދަތުގެ ފަރުވާއަށް ރަށުން ބޭރަށް ދާންޖެހޭ މީހުންނަށް މިކަމުން ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!