ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، މިއަދު ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު މާފަންނުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަޙައްދުގައި ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތައް، ލުއިފަސޭހަގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިވާގޮތަށް ފަރުމާކުރެވިފައިވާ މި އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރގެ މަސައްކަތް ނިންމަވާ، ރަސްމީކޮށް ޙަވާލުކުރެއްވުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ.

މި ސެންޓަރާ ރަސްމީކޮށް ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުލްރައްޒާޤް ޙަލީމް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މިފަދަ ސެންޓަރުތަކެއް ހުޅުވުމުން ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް، މި އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެ ޚިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެގޮތަށެވެ.

މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި، ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

މީގެ އިތުރުން، ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދަވާނެއެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކުރައްވައި، ކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް ފޯރުކޮށްދެއްވާނެއެވެ. އަދި ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ޚިދުމަތްތައްވެސް މި ސެންޓަރުން ލިބޭނެއެވެ.

ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރައްވާނެއެވެ.