މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ''ރައްޔިތުންނާއިއެކު ކުރިއަށް - ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު'' ގައި ސަރުކާރުގެ ދެ އަހަރު ދުވަހުގެ މަސައްކަތްތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަތައް ބޮޑުވެގެންދާނެ ކަމަށާއި، މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުވައްޒަފުންގެ މުސާރަތަކަށް އައިސްފައިވާ ކުރިއެރުންތައް ވަރަށް ބޮޑެވެ. މިގޮތުން، ކުރިން އެންމެ ކުޑަ އަސާސީ މުސާރަ ކަމުގައިވާ 3،100 ރުފިޔާ، މިހާރު 7،530 ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި، މިއީ ދެ ގުނައަށް ވުރެވެސް ބޮޑު ކުރިއެރުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވަކި ވަކި މަޤާމުތަކަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފާސްހިސާބު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ އަސާސީ މުސާރަ 5،610 ރުފިޔާއިން 9،110 ރުފިޔާއަށް ބޮޑުވެ، މުސާރައިގެ ކުރިއެރުން 63 އިންސައްތައަށް އަރާ ކަމަށެވެ. އަދި، މުދިމެއްގެ އަސާސީ މުސާރަ 3،565 ރުފިޔާއިން 8،295 ރުފިޔާއަށް އިތުރުވެ، 133 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުސާރަ ބޮޑުކުރުމުގެ މަސައްކަތްތަކާ ގުޅިގެން ނެޝަނަލް ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ ބައްދަލުކޮށްފައިވާނެ ކަމަށާއި، އެންމެ ބޮޑު ކަންބޮޑުވުންތައް ހުރި ހުރިހާ ދިމާލަކުން މައްސަލަ ހައްލުވެއްޖެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އިތުރު ގަޑީގެ ފައިސާއާ ބެހޭ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރަސްމީ ބަންދު ދުވަސްތަކާއި، ރަމަޟާން މަހުގެ ފަހު 10 އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަންދުކުރާ ދުވަސްތައް "އޯވަރޓައިމް ކެޕް"ގެ ތެރެއިން މިހާރު އިސްތިސްނާކުރެވިފައިވާތީ މައިގަނޑު މައްސަލަ ހައްލުވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!