ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އިން މިއަހަރު ބާއްވާ ތިންވަނަ ރައްޔިތުންގެ ބައްދަލުވުމަށް ރައްޔިތުންނަށް ދައުވަތު އަރުވައިފިއެވެ.
ލާމަރުކަޒީ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ ހަތަރު މަހުން އެއް މަހު ބާއްވަން ލާޒިމުކުރާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ ރޭ 20:15 ގައެވެ. މި ބައްދަލުވުން ކުރިއަށް ގެންދާނީ ލަގޮނޑި މާލިމީ މާލަން (އެން.އޯ.ސީ ދެވަނަ ފަންގިފިލާ) ގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމާއި ސިޓީގެ ތަރައްޤީއަށް ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.
އެ ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ވީހާ ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިފައެވެ.
ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، މީގެ ކުރިން އެކައުންސިލުން ބޭއްވި ބައެއް ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 12 ފަރާތަކަށް އަގުހުރި އިނާމުތަކެއް ވެސް ހުށައަޅާފައިވެއެވެ. މިއީ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ތަރުޙީބު އިތުރުކުރުމަށް ކައުންސިލުން ހިންގާ ހަރަކާތެކެވެ. ކައުންސިލުން އުންމީދުކުރަނީ މިފަހަރުގެ ބައްދަލުވުމަށް ކުރީގެ ބައްދަލުވުންތަކަށްވުރެ ގިނަ ރައްޔިތުން ހާޒިރުވާނެ ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލަކީ ލާމަރުކަޒީ ޤާނޫނުން ލާޒިމުކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުންތައް ޤަވާއިދުން ބާއްވަމުން އަންނަ ކައުންސިލެއްގެ ގޮތުގައި އަބަދުވެސް ފާހަގަކޮށްލެވޭ ކައުންސިލެކެވެ. މީގެ އިތުރުން، ރައްޔިތުންގެ ޝަކުވާތަކާއި ޙިޔާލުތައް ދުރާގާތުން އަޑުއެހުމަށްޓަކައި ކޮންމެ ހޯމަ ދުވަހެއްގެ ވަގުތެއްގައި 'ރައްޔިތުން އަޑު ގާތުން' ގެ ނަމުގައި ބައްދަލުވުމެއްވެސް ސިޓީ ކައުންސިލުން އާންމުންނަށް ހުޅުވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!