އުމްރާނީ ތަރައްގީއާ ގުޅުންހުރި 9 ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފުލާގައި، ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުގެ ދަށުން ދިވެހި 53 ކުންފުންޏަކާ ވަނީ މި މަޝްރޫޢުތައް ހަވާލުކޮށްފަ އެވެ. މި މަޝްރޫޢުތަކާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެ އެވެ.
މަޝްރޫޢު ހަވާލުކުރެވުނު ދާއިރާތަކާއި ޢަދަދު:
ތަޢުލީމީ ދާއިރާ: 31 މަޝްރޫޢު
ޞިއްޙީ ދާއިރާ: 30 މަޝްރޫޢު
ދާޚިލީ ދާއިރާ: 39 މަޝްރޫޢު
ތިމާވެށީގެ ދާއިރާ: 24 މަޝްރޫޢު
މަސްވެރިކަމުގެ ދާއިރާ: 2 މަޝްރޫޢު
ކުޅިވަރުގެ ދާއިރާ: 52 މަޝްރޫޢު
ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާ: 13 މަޝްރޫޢު
ދީނީ ދާއިރާ: 14 މަޝްރޫޢު
ޒުވާނުންގެ ދާއިރާ: 1 މަޝްރޫޢު
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަކީ މަސައްކަތަށް ގާބިލު ކުންފުނިތައް ކަމަށެވެ. އަދި ރަށްރަށުގައި ހިންގާ މި މަޝްރޫއުތައް ޑިޒައިންކޮށްފައި ވާނީ ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތަފާތު 53 ކުންފުންޏާ 206 މަޝްރޫއެއް ހަވާލު ކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ އިގުތިސާދު ފުޅާވެ، އިގުތިސާދަށް ދިރުން އައުން ކަމަށެވެ. ހާއްސަކޮށް އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައިގެން ދިއުން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ވަނީ މި މަޝްރޫޢުތަކުގެ ފައިސާ ދޫކުރުމުގައި އެއްވެސް ކަހަލަ ތާށިކަމެއް ނާންނާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހަވާލުކުރާނެކަމުގެ އިޢުލާން ރައީސުލްޖުމްހޫރިއްޔާ ކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!