އަންގާރަ ދުވަހު އޮތް އިންތިޚާބުގައި އެމެރިކާގެ އެންމެ ބޮޑު ސިޓީ، ނިއުޔޯކް ސިޓީގެ މޭޔަރުކަން ކަށަވަރުކުރެއްވި ޑިމޮކްރެޓިކް ސޯޝަލިސްޓް، ނިއުޔޯކް ސްޓޭޓް އެސެމްބްލީމެން ޒޮހްރާން މަމްދާނީ ކާމިޔާބީއަށްފަހު ދެއްވި ފުރަތަމަ ތަގްރީރު ވަނީ ތިންކަމެއް ފާހަގަކުރަށްވާފައެވެ. އެއީ އޭނާ އަކީ މުސްލިމެއްކަމަށާއި، ޒުވާނެއް އަދި ޑިމޮކްރެޓިކް ސޯޝަލިސްޓެއް ކަމެވެ.
މަމްދާނީ އަކީ މުސްލިމަކަށްވުމީ މޭޔަރުގެ ރޭހުގައި އޭނާ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އޭނާ އާއި ދެކޮޅަށް އިސްލާމް ދީނާއި ދެކޮޅު ޝިއާރުތައް އުފުލައި ''ޓެރެރިސްޓެއްގެ ތޮފި'' އަޅުވައި ވަރުގަދަ ކެމްޕޭނެއް ހިންގިއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ނިއުޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ ބަލިކުރަށްވައި މަމްދާނީ ޓިކެޓް ހޯއްދެވި ހިސާބުން އަމިއްލަ ޕާޓީގެ ގިނަ އިސްވެރިން ވެސް އޭނާ އަކީ މުސްލިމަކަށްވާތީ ކެމްޕޭން ކޮށްދިނުމަށް ފަސް ޖެހުނެވެ. އަދި އެންމެފަހުން މަމްދާނީގެ އެންމެ ބޮޑު ވާދަވެރިއެއްގޮތުގައި މޭޔަރުކަމުގެ ރޭހަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކޫމޯ ނުކުތެވެ. އެއީ ވެސް މަމްދާނީ އަށް ކުރިމަތިކުރުވި ބޮޑު ދަތިކަމެކެވެ. ނަމަވެސް ނިއުޔޯކުގެ ޒުވާނުންގެ ބޮޑު އާބާދީގެ ތާއީދު އޭނާ އަށް އޮހެމުން ދިޔުމަކީ މަމްދާނީ އަށް ލިބުނު ބޮޑު ހިތްވަރެކެވެ. އޭނާ ދިޔަކީ އެ ސިޓީގެ ބައި މަދު ނަމަވެސް މުސްލިމުންގެ ކިބައިން ހިތްވަރު އައު ކުރަމުންނެވެ.
ފޯބްސްގެ ދިރާސާއިން ދައްކާގޮތުގައި، ޖުމްލަ އެމެރިކާގެ 26 ބިލިއަނަރުންނާއި، ބިލިއަން ޑޮލަރުގެ އާއިލާތަކުގެ މެންބަރުން މަމްދަނީއާ ދެކޮޅު ކެމްޕޭންތަކަށް 22 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފައިވެއެވެ. މި ފައިސާގެ ބޮޑުބައި ހޭދަކުރީ މީސް މީޑިއާގައި މަމްދާނީގެ އަބުރުކަތިލައި ޒުވާނުންގެ މެދުގައި އޮތް މަގްބޫލުކަން ދަށްކުރެވޭތޯކަމަށް ވެސް ފޯބްސްގެ ދިރާސާއިން ދައްކައެވެ.
ފަހު ވަގުތު މަމްދާނީ އިންތިހާބު ނުކުރުމަށް ގޮވާލައްވައި އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި ކޫމޯއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ތާއީދުކުރަށްވާފައެވެ. އަދި މަމްދާނީ ހޮވިއްޖެނަމަ ނިޔޯކްސިޓީ އަށް ފަންޑު ހުއްޓުވާނެކަމުގެ އިންޒާރުވެސް ދެއްވިއެވެ. މީގެ އިތުރުން ބިލިއަނަރު އިލޮން މަސްކް ވެސް ވަނީ ކޫމޯއަށް ތާއީދުކޮށްފައެވެ.
މި ހުރިހާ ކަމަކާއެކު ވެސް މަމްދާނީގެ ނަން ވަނީ ނިއުޔޯކް ތާރީޚްގައި ލިޔެވިފައެވެ. އޭނާ އަކީ އެ ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރެވެ. އަދި އެފްރިކާ ބައްރަށް ނިސްބަތްވާ މީހަކު އެ މަގާމް ހާސިލްކުރި ފުރަތަމަ ފަހަރެވެ. ހަމައެހެންމެ ދެކުނު އޭސިއާ ދަރިކޮޅު ނަސްލުމުގެ މީހަކު އެ ޝަރަފް ހޯދިވެސް ފުރަތަމަ ފަހަރެވެ. އޭނާ ވެގެން ދަނީ 1917ގެ ފަހުން ނިއުޔޯކްގެ މޭޔަރުކަން ކުރާ އެންމެ ޒުވާން މޭޔަރަށެވެ.
މި ކާމިޔާބީ އާއި އެކު ސަޕޯޓަރުންގެ ކުރިމަތީ ހުއްޓިވަޑައިގެން މަމްދާނީ އިއްޔެ ދެއްކެވި ވާހަކާގައި ފުރަތަމަވެސް ފާހަގަކުރެއްވި ތިން ކަންތަކަކީ އޭނާ އަކީ މުސްލިމެއްކަމަށާއި، ޒުވާނެއް އަދި ޑިމޮކްރެޓިކް ސޯޝަލިސްޓެއް ކަމެވެ. އަދި އެއީ އެކަންކަމުގެ މައްޗަށް ހިތާމަ ކުރާނެކަމަކަށް ނުވެދާނެކަމަށާއި އަދި ''ބޮޑުކުށެއްގެ ގޮތުގައި ބަޔަކު ދެކެފާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އުމުރުން ދުވަސްވުމަށް އަޅުގަނޑު ކުރި ހުރިހާ މަސައްކަތަކާ އެކުވެސް، އަޅުގަނޑަކީ އަދިވެސް ޒުވާނެއް، އަޅުގަނޑަކީ މުސްލިމެއް، އަދި އަޅުގަނޑަކީ ޑިމޮކްރެޓިކް ސޯޝަލިސްޓެއް، މި ހުރިހާ ކަމަކާ މެދު އަޅުގަނޑު ހިތާމަ ނުކުރާނެ ކަމީ، އެންމެ ބޮޑު ކުށަކަށް ވެދާނެ ކަމެއް'' މަމްދާނީ ވިދާޅުވެފަވެއެވެ.
"ނިއުޔޯކް ވެގެންދާނީ އަބަދުވެސް ހިޖުރަކުރާ މީހުންގެ ރަށަކަށް، އެއީ ހިޖުރަކުރާ މީހުން ބިނާކޮށްފައިވާ، އަދި އެމީހުންގެ ބާރުން ހިންގާ ރަށެއް، އަދި މިރޭ ފެށިގެން، އެއީ ހިޖުރަކުރި މީހެއްގެ ވެރިކަމުގެ ދަށުގައި އޮންނާނެ ރަށެއް." މަމްދާނީ އިތުރަށް ވިދާޅުވިއެވެ.
ނިއުޔޯކް ސިޓީގެ މޭޔަރކަމަށް އިންތިޚާބުވެވަޑައިގެންފައިވާ، ޑިމޮކްރެޓިކް ޕާޓީ އަދި ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާގެ މެންބަރެއްކަމަށްވާ މަމްދާނީ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން، ގެންދަވަނީ 2021 އިން ފެށިގެން ނިއުޔޯކް ސްޓޭޓް އެސެމްބްލީގެ 36 ވަނަ ޑިސްޓްރިކްޓްގެ މެންބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވަމުންނެވެ. އޭނާ ތަމްސީލުކުރެއްވީ ކުއީންސްގެ އަސްޓޯރިއާ ސަރަޙައްދެވެ.
އޭނާ އުފަންވެވަޑައިގޑައިގަތީ 1991 ގައި ޔުގެންޑާގެ ކަމްޕާލާގައެވެ. އަދި އުމުރުން 7 އަހަރުގައި ޢާއިލާއާއެކު ނިއުޔޯކް ސިޓީއަށް ބަދަލުވެވަޑައިގެންނެވިއެވެ. މަމްދާނީގެ މައިންބަފައިންނަކީ އިންޑިއާގެ މަޝްހޫރު ފިލްމް އުފެއްދުންތެރިއެއްކަމަށްވާ މީރާ ނައިރު އަދި ޔުގެންޑާގެ ޢިލްމުވެރިޔާއެއްކަމަށްވާ މަޙްމޫދު މަމްދާނީއެވެ.
މަމްދާނީގެ މޭޔަރކަމުގެ ކާމިޔާބީއާއެކު، އޭނާ ވެގެންދާނީ ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމް، ފުރަތަމަ އިންޑިއާ-އަސްލު، ފުރަތަމަ ދެކުނު އޭޝިއާ އަދި (ޤަރުނަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި) އެންމެ ޅަ މޭޔަރޭޔަރަށެވެ.
މީގެ ކުރިން އޭނާ މަސައްކަތްކުރައްވާފައިވަނީ ގެދޮރު ވިއްކާލުން ހުއްޓުވުމުގެ ހައުސިންގ ކައުންސެލަރެއްގެ ގޮތުގައެވެ. އޭނާގެ މޭޔަރކަމުގެ ކެމްޕޭން އަމާޒުކުރެވިފައިވަނީ ތަކެތީގެ އަގު ހެޔޮކުރުމަށް އިސްކަންދޭ ސިޔާސަތުތަކަށެވެ. މީގެ ތެރޭގައި ކުލި-ސްޓެބިލައިޒްކުރެވިފައިވާ ތަންތަނުގެ ކުލި މަޑުޖެއްސުމާއި، އާންމު ދަތުރުފަތުރުގެ ބަސްތަކުގެ ޚިދުމަތް ހިލޭކުރުމާއި، އަދި ޔުނިވަރސަލް ޕަބްލިކް ޗައިލްޑް ކެއަރ ފަދަ ހުށަހެޅުންތައް ހިމެނެއެވެ.
އޭނާ މަގާމާއި ހަވާލުވެވަޑައިގަންނަވާނީ 1 ޖަނަވަރީ 2026 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!