ދިރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 36 އިންސައްތަ މީހުންނަކީ ހިތުގެ ބަލީގައި މަރުވާ މީހުން ކަމަށް، ހެލްތް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ދުނިޔޭގެ ހިތުގެ ދުވަސް 2025 އާއި ގުޅިގެން އާންމުކުރި ބަޔާނެއްގައި ހެލްތް މިނިސްޓްރީން ވަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަން ފާހަގަކޮށްފައެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ހިތުގެ ދުޅަހެޔޮކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ހިތުގެ ބަލިތަކަށް ހުށައެޅޭ ހިރާސްތައް ދެނެގަނެ ރައްކާތެރިވެތިބުމަށް ބާރު އެޅުންކަމަށާއި، ހިތުގެ ދުޅަހެޔޮކަމަށް މަގުފަހިވާގޮތަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާތައް އަންގައިދީ ހޭލުންތެރިކުރުންކަމަށް އެ މިނިސްޓްރީން ބުނެފަވެއެވެ.

Ad
rt

މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހުގެ ޝިޢާރަކީ "Don’t Miss a Beat" އެވެ. މި ޝިޢާރުގެ އަމާޒަކީ ކޮންމެ މީހަކުވެސް، ހިތުގެ ބަލިން ރައްކާތެރިވުމަށް އަމަލީގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުމާއި ދުރާލާ ހިތުގެ ބައްޔަށް ސްކްރީންކުރުމަށް އަހުލުވެރިވެ ބާރުވެރިވުމެވެ. މި ޝިއާރަށް ނިސްބަތްކުރެވެނީ ހެލިފެލިވެ ކަސްރަތުކުރުމަށާއި ފައިދާހުރިކާނާ ކެއުމުގެ އާދަ އަށަގެންނެވުމަށް މުހިންމުކަންދީ ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ހެލްތް މިނިސްޓްރީން ފާހަގަކުރާގޮތުގައި ހިތުގެ ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއްބައްޔެވެ. ދިވެހިރާއްޖޭގައި ވެސް ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ 84 އިންސައްތައަކީ މިފަދަ ބަލިތައް ތަޙައްމަލު ކުރާ މީހުންކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މިކަމަށް އަލިއަޅުވާލަމުން މިނިސްޓްރީން ބުނީ މީގެ ތެރެއިން މަރުވާ 36 އިންސައްތަ މީހުންނަކީ ހިތުގެ ބަލީގައި މަރުވާ މީހުން ކަމަށެވެ.

ހެލްތުން ވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކަށް މީހުން ހުށަހެޅިފައިވާގޮތް ދެނެގަތުމަށާއި ބަލި ދުރާލާ ދެނެގަތުމަށް ސްކްރީންކުރުމުގެ އިންތިޒާމުތައް ރަގަޅު ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއަރ (ޕީއެޗްސީ) ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރެވެމުންއަންނަކަމަށް ބުނެފައެވެ. އަދި ޕީއެޗްސީ ނިޒާމަކީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި ސްކްރީންކޮށް ބަލިދެނެގަތުމަށާއި ބަލިބޮޑުވަރުވިޔަނުދީ ބެލެހެއްޓުމަށް ބާރުއަޅާ، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކާއެކު މަސައްކަތްކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ހިންގޭ ޞިއްޙީ ޚިދުމަތުގެ ނިޒާމެއްކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

''މި ނިޒާމު އަތޮޅުތެރޭގައި ހަރުދަނާކުރުމަށް ފެށިފައިވާ މަސައްކަތުގެ ދަށުން، ޖުލައި 2025 ގެ ނިޔަލަށް ޖުމްލަ 11 އަތޮޅެއްގެ ޞިއްޙީ ދާއިރާގެ ގިނަ ޚިދުމަތްތެރިންނަށް ކަމާ ގުޅޭ ތަމްރީނުތައް ދެވިފަވޭ، މި އަތޮޅުތަކަކީ ފ.އަތޮޅު، އދ.އަތޮޅު، ނ.އަތޮޅު، ޅ.އަތޮޅު، ތ.އަތޮޅު، މ.އަތޮޅު، ބ.އަތޮޅު، ދ.އަތޮޅު، ރ.އަތޮޅު، ގދ.އަތޮޅު، އަދި ފުވައްމުލައް، ބާކީ ހުރި އަތޮޅުތަކުގެ ތަމްރީނުތައް 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރުމަސް ތެރޭގައި ނިންމުމަށް ރޭވިފައިވޭ'' ހެލްތުން ބުނެފަވެއެވެ.

މިގޮތަށް މަސައްކަތް ފެށިފައިވާ އަތޮޅުތަކުގައި އުމުރުން 35 އަހަރުން މަތީގެ މީހުން ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށް އެ މަޢުލޫމާތުތައް ބެލެހެއްޓެމުން ގެންދެކަމަށާއި، މި އަތޮޅުތަކުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 24,773 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ސްކްރީން ކުރެވިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ. އަދި މީގެ ތެރޭގައި 4,461 ލޭ މައްޗަށް ދާ މީހުން ރިކޯޑް ކުރެވިފައިވާއިރު، ލޭ މައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް މީހުން ހުށައެޅޭ ހިރާސްތަކުގެ ތެރެއިން ހިމެނޭ ކަމެއްކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ހިތުގެ ދުޅަހެޔޮކަމަށް ޓަކައި ފައިދާހުރި ކާނާ ކެއުމުގެ އާދަ ހިފުން މުހިންމު ކަމަށް ހެލްތް މިނިސްޓްރީން އިރުޝާދު ދެއެވެ. ކެއުމުގައި ތަރުކާރީއާއި މޭވާ އަދި ޕްރޮޓީން ގިނައިން ހިމެނުމާއި، ސަރުބީއާއި ކޮލެސްޓްރޯލް ހިމެނޭ ކާނާ މަދުކުރުމަށް ބާރުއަޅަންވާނެއެވެ. އަދި ކެއުމުގައި ހަކުރު އަދި ލޮނު ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހެއެވެ.

ކެއުމުގެ ވައްޓަފާޅި ރަގަޅު ކުރުމުގެ އިތުރުން ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމަކީ ހިތުގެ ދުޅަހެޔޮކަމަށް ޓަކައި ފަރުވާތެރިވާން ޖެހޭ މުހިންމު އެއް ކަމެކެވެ. ކަސްރަތުކުރުމުގެ ސަބަބުން ލޭގެ ދައުރުވުން ރަނގަޅުކޮށްދީ، ފަލަވުމާއި ލޭމައްޗަށް ދިއުން ފަދަ ނުރައްކާތެރި ކަންތައްތައް މަދުކޮށްދީ ހިތް ދުޅަހެޔޮ ޞިއްޙަތެއްގައި ބެހެއްޓުމަށް އެހީތެރިވެދޭނެއެވެ. ކޮންމެ ހަފްތާއަކު މަދުވެގެން 150 މިނެޓް ވަންދެން ހިނގާލުން، ފެތުން ނުވަތަ ބައިސްކަލް ދުއްވުން ފަދަ އާދައިގެ އެރޮބިކް ކަސްރަތުތަކެއް ކުރުމަށް އަމާޒު ހިފުމަށް މިނިސްޓްރީން ބާރުއަޅައެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަކީ ހިތުގެ ދުޅަހެޔޮކަމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހިތުގެ ބަލިތައް ކުރިމަތިކުރުވާ މައިގަނޑު އެއް ސަބަބެވެ. ހަމަ އެއާ އެކު، ރަނގަޅު ބަރުދަނެއް ދެމެހެއްޓުމަކީ ހިތުގެ ބަލިތަކުން އަދި އެހެނިހެން ބަލިތަކުންވެސް ރައްކާތެރިކުރުމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ. މީގެ އިތުރުން ނަފުސާނީ ޞިއްޙަތާ މެދު ސަމާލުވެ، ދުރާލާ ބަލި ދެނެގަތުމަށް ޓެސްޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ބަލި ޖެހުމުން ޤަވާޢިދުން ބައްޔަށް ފަރުވާ ހޯދާ ކާންޖެހޭ ބޭސްތައް ކެއުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހިތުގެ ބަލީގެ ނުރައްކަލުން ސަލާމަތްވުމަށް ސަމާލުކަންދޭންވީ ކަންތައްތައްތަކުގެ ތެރޭގައި ޞިއްޙީ ގޮތުން ރައްކާތެރިވެ ތިބުމަށް އާދަވެ ޓެސްޓުތައް ހަދައި ބަލަމުން ދިއުމާއި، އާދަވެ ކޮލެސްޓްރޯލް އަދި ހަކުރު ހުންނަންވާ މިންވަރަށް ސަމާލުކަން ދިނުން ހިމެނެއެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ދެނެގަތުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް ހުރި އެންމެ ބޮޑު ނުރައްކަލަށް ވާތީއެވެ. އަދި އިސްކޮޅާ އެކަށީގެންވާ ބަރުދަނެއް ހުރިތޯ ބެލުން އަދި ޤަވާޢިދުން ޑޮކްޓަރަށް ދައްކައި ލޭގައި ކޮލެސްޓްރޯލް ހުރި މިންވަރު ދެނެގަތުން މުހިންމު ކަމަށް ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.