ހދ. ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ދެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.
ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އަދި ކުރިނބީ ކައުންސިލުގެ ރައީސް ޢަބްދުﷲ އަސްލަމްއެވެ. އަދި ކުމުންދޫގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ކުޅިވަރު ވަޒީރު ޢަބްދުالله ރާފިޢު އާއި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް އަދި އެރަށު ކައުންސިލުގެ ރައީސް އަމީން މުޙައްމަދުއެވެ.
މި ދެ މަޝްރޫޢަކީވެސް ސަރުކާރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.
މި މަޝްރޫޢުތައް ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިންނެވެ.
ސަރުކާރުން މި މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އަންނަ އަހަރުގެ ކުރިން ނިންމުމަށް އަމާޒުކުރައްވައިގެންނެވެ. މި ބިޔަ މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ، ދުޅަހެޔޮ އާބާދީއަކަށް ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!