ބަންޑުން ޖަހާލާފައި އޮތް ޑިންގީއެއްގައި ތިބި މީހުން ސަލާމަތްކޮށް ބެހެމުން ދިޔަ ޑިންގީއަކަށް ދިވެހި ފުލުހުންނާއި ސިފައިން އެހީތެެރިވެއްޖެއެވެ.
ފުލުހުން ބުނީ، ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓެއް ލިބުނުކަމަށެވެ.
މި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފާއި ފުލުހުންގެ ސާޗް ޓީމުން އެ ޑިންގީ ހޯދުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މަސައްކަތް ކުރަމުން ދަނިކޮށް އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ސާޗް ޓީމަށް ވަނީ ފެނިފައެވެ.
ޑިންގީ ފެނުނުއިރު ޑިންގީގައި ދަތުރުކުރި 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުން ޑިންގީ މަތީގައި ސަލާމަތުން ތިބިކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ.
މި ހާދިސާގައި ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފްގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނުނެވެ. އެ ޑިންގީ އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަމާބެހޭ ފަރާތްތަކުން ވަނީ ދުރާލާ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއްދީ، މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކޮށް، ރައްކާތެރިކަން ކަށަވަރުކުރުމާއެކު ކަނޑުމައްޗަށް އެރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
މިވަގުތު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ މޫސުމީ ސަމާލު، ރީނދޫ ސަމާލު ނެރެފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ނެރެފައިވާ ރީނދޫ ސަމާލުގެ މެސެޖުގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!