އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ފޯރަމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވުނު މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރެވިދާނެ ފަސް މައިގަނޑު ދާއިރާއެއް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީ، ޑިޖިޓަލް ޓްރާންސްފޯރމޭޝަން، އިޔާދަކުރަނިވި ހަކަތަ، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުން އީޖާދީ ބޭނުން ހިފުން އަދި ފަތުރުވެރިކަމުގެ ބިނާރު ހިމެނެއެވެ.
ފޯރަމްގައި، އިންވެސްޓްމަންޓްގެ މާހައުލު ރަނގަޅުކުރުމަށް ސަރުކާރުން އަލަށް ފޮރިން އިންވެސްޓްމަންޓް ޤާނޫނެއް ތަންފީޒުކުރުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތައް އަލުން ހިންގަން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ފޯރަމްގައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ "ފްރޮމް މޯލްޑިވްސް" ބްރޭންޑް އިފްތިތާޙްކުރައްވާފައެވެ.
ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސްއާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
މި ފޯރަމްގައި ކޮމަންވެލްތު އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން ލޯޑް މާލަންޑް ވިދާޅުވި ގޮތުގައި، "ރާއްޖޭގެ މުސްތަޤުބަލުގެ ތަޞައްވުރަށް އިންވެސްޓަރުންގެ އިތުބާރު ލިބެމުންދާކަން" ފާހަގަކުރެވެއެވެ.
"އިންވެސްޓިންގ އިން ދަ ފިއުޗަރ: އަ ޑަޔަލޮގް އޮން މޯލްޑިވްސް އިކޮނޮމިކް ވިޜަން" މި ޝިޢާރުގެ ދަށުން ބޭއްވުނު މި ފޯރަމްގައި ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!