އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި އިތުރު މިސްކިތެއް އަޅަން ޚިދުމަތް ޖަމިއްޔާއިން ނިންމައިފިއެވެ.

ސެއިޚް ނިސްބަތްވާ ޚިދުމަތް ޖަމިއްޔާއިން ސެއިޚްގެ ހަނދާނުގައި ފުރަތަމަ މިސްކިތް ބިނާކުރަން ނިންމީ ބަންގުލަދޭޝްގައެވެ. އެ މިސްކިތް އެޅުމަށް އެހީތެރިވާން ބޭނުން މީހުންނަށް ފުރުސަތު ހުޅުވާލުމުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ މިސްކިތް އަޅަން ބޭނުން ފައިސާގެ އެހީ ލިބުނުކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

Ad
rt

އެ ޖަމިއްޔާއިން ބުނީ، ވަރަށް ގިނަބަޔަކު އަދިވެސް މިކަމުގައި ބައިވެރިވުމަށް އެދެމުންދާތީ އާއި އިތުރަށް ފަންޑް ލިބެމުންދާތީ ޝައިޚްގެ މިސްކިތެއް ދިވެހިރާއްޖޭގައިވެސް ބިނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިކަމަށްޓަކައި ހޭދަކުރަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އަދިވެސް އެ ފުުރުޞަތު ހުޅުވާލެވިފައިވާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެހެންކަމުން، މިކަމުގައި ބައިވެރިވާން އެދޭ މީހުން އެ ޖަމިއްޔާގެ 7770000141496 އެކައުންޓަށް ފައިސާގެ އެހީ ޖަމާކުރުމުގެ ފުރުސަތު އެ ޖަމިއްޔާއިން ވަނީ ހުޅުވާލާފައެވެ.

ސެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި ނިންމުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް އެކަމާ މެދު ދެކިލައްވާގޮތް ހާމަކުރައްވާފައެވެ. އެގޮތުން ޝެއިޚްގެ ހަނދާނުގައި ރާއްޖޭން ބޭރުގައި މިސްކިތެއް ހުރުމަށްވުރެ ރާއްޖޭގައި ހުރުން އައުލާކަން ބޮޑުކަމަށް މިނިސްޓަރު ލިޔުއްވާފައިވެއެވެ.

"އަދި މިސްކިތް ހުންނަންވީ އިސްލާމީ ޢިލްމުގެ ލައިބްރަރީއަކާއި ޤުރުއާން ވެސް ކިޔަވައިދެވޭނެ ކްލާސްރޫމްތަކާއެކު ކަމަށް ދެކެން،" އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، މިކަމުގައި ޚިދުމަތް ޖަމިއްޔާއަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ. މިގޮތުން މިސްކިތް ބިނާކުރާނެ ތަނެއް ހަމަޖެއްސުމާއި މާލީ ގޮތުން ވެސް ދެވެން އޮތް އެހީތެރިކަމެއް އަރުވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ސެއިޚް ފަރީދު ފަސްދާނުލައިފި

ސެއިޚް އަވަހާރަވީ މިދިޔަ ހޯމަ ދުވަހު (9 ޖޫން 2025) މެލޭޝިޔާ އަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށް އޭގެ ފަހުން މާގިނަ އިރެއް ނުވަނީހެވެ.

މަރްޙޫމް ފަރީދު ފަސްދާނުލާފައި ވަނީ މިއަދު މެންދުރުނަމާދަށްފަހު މެލޭޝިޔާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.