އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ނިންމައި އެކަމުގައި ބައިވެރިވުމަށް އެހީ ދިނުމަށް ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މިސްކިތް ބިނާ ކުރުމަށް ނިންމައި، މި ފުރުސަތު ހުޅުވާލާފައި ވަނީ މަރްޙޫމް ފަރީދު ނިސްބަތްވެވަޑައިގަންނަވާ ޖަމިއްޔާކަމަށްވާ ޚިދުމަތް ޖަމިއްޔާއިންނެވެ.
މިކަން ޢިއުލާންކުރަމުން އެ ޖަމިއްޔާއިން ބުނީ، މިކަމުގައި ބައިވެރިވާން އެދޭ މީހުން އެ ޖަމިއްޔާގެ 7770000141496 އެކައުންޓަށް ފައިސާގެ އެހީ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މިސްކިތް ބިނާ ކުރުމަށް ނިންމާފައި ވަނީ ބަންގްލަދޭޝްގައެވެ. ޚިދުމަތް ޖަމިއްޔާއިން ބުނިގޮތުގައި މި މިސްކިތް އަޅަން ނިންމާފައި ވަނީ 250 ސްކައެއަރ މީޓަރގެ ބިމެއްގައެވެ.
455 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކޮށް ނިންމުމަށް 760،000 ރުފިޔާ ޚަރަދުވާނެކަމަށް އެ ޖަމިއްޔާއިން ވަނީ އަންދާޒާކޮށްފައެވެ.
''އިންސާނަކު މަރުވުމަށްފަހު ދުނިޔެމަތީގައި އެމީހެއްގެ ޒިކުރާ އާކުރުމަށް ދިރިތިބީންނަށް އެމީހަކަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހަކަށްޓަކައި ދެމިގެންދަނިވި ޞަދަޤާތެއް ކުރުމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ޝައިޚް އިބްރާހިމް ފަރީދު އަޙްމަދު އަޅުގަނޑުމެންނާ އިއްޔެ ވަނީ ވަކިވެ ވަޑައިގެންފައެވެ. ޝޭޚް އިސްލާމް ދީނަށް ކޮށްދިން ޚިދުމަތަކީ އަޅުގަނޑުމެންގެ ދުލާއި ޤަލަމުން ކިޔާދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެކެވެ. ޝޭޚް އަޅުގަނޑުމެންނަށް ދޫކުރެއްވި ހެޔޮ ނަޞޭހަތާއި ޢިލްމުން ﷲ ތަޢާލާގެ އިރާދަފުޅާއެކު، އަޅުގަނޑުމެން އަދިވެސް ފައިދާ އެބަ ލިބިގަންނަމުއެވެ.'' ޚިދުމަތް ޖަމިއްޔާއިން ބުނެފަވެއެވެ.
އެ ޖަމިއްޔާއިން ބުނީ ޝެއިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ޞަދަޤާތެއް ކުރަން، އެބޭފުޅާގެ ޢިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެ ކަމަށެވެ. އެހެންކަމުން އެބޭފުޅާގެ ނަމުގައި ބަންގްލާދޭޝްގައި މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން މިފެށުނު މަސައްކަތުގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ އާންމުކޮށް ފުރުސަތު ހުޅުވާލާފައެވެ.
މި ފަންޑަށް އެހީތެރިވެދެއްވުމަށް
ޚިދުމަތް މިސްކިތު ފަންޑު - 7770000141496
ފަޟީލަތުއް ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ކުއްލި އަވަހާރަވުމަކީ ދިވެހި މުޖުތަމަޢުއަށް، ޚާއްޞަކޮށް ދަޢުވަތުގެ މައިދާނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
ސެއިޚް އަވަހާރަވީ އިއްޔެ މެލޭޝިޔާ އަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށް އޭގެ ފަހުން މާގިނަ އިރެއް ނުވަނީހެވެ. އާއިލާއިން ނިންމާފައިވަނީ ޝައިޚްގެ ޖަނާޒާގެ ކަންތައް މެލޭޝިޔާގައި ކުރިއަށް ގެންދިއުމަށެވެ. މިއީ ދިވެހިރާއްޖެއަށް ގެނެސްފިނަމަ ޕޯސްޓްމޯޓަމް ހަދަންޖެހުމާއި، މިއީ ޝައިޚް އަބަދުވެސް އިންކާރު ކުރައްވާ ކަމަކަށް ވާތީއެވެ.
މަރްޙޫމް ސެއިޚް ފަރީދަކީ ގިނަ ބަޔަކަށް ހެޔޮ މަގު ދައްކަވައި، އިސްލާމް ދީން އުނގަންނަވައި ދެއްވި އެތައް ބަޔެއްގެ ލޯބި ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ސެއިޚް ވަކިވުމުގެ ހިތާމަ މުޅި ދިވެހި ޤައުމު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!