ފަޟީލަތުއް ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ކުއްލި އަވަހާރަވުމަކީ ދިވެހި މުޖުތަމަޢުއަށް، ޚާއްޞަކޮށް ދަޢުވަތުގެ މައިދާނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެންމެ ބޮޑު ހިތާމައެއް ކުރިމަތިވެފައިވަނީ އެ މަރުޙޫމްގެ އާއިލާއަށެވެ.

އެންމެ ހިތާމަވެރި ކަމަކީ ޝައިޚް ފަރީދު އަވަހާރަވެ ވަޑައިގަތީ އެ މަރުޙޫމްގެ ފުރަތަމަ ކާފަ ދަރިފުޅު ދުނިޔެއަށް އުފަންވުމާއި އެކު އެތުއްތު ދަރިފުޅު ހަމަލޮލުން ފެނި "ކާފަގެ ލޯބި" އުރާލުމުގެ ފުރުޞަތު ނުލިބި ކަމެވެ. ޝައިޚް ފަރީދު ދަރިފުޅު ޢަބްދުﷲ ފަރީދު (އަބޯ) މިއަދު ވަނީ އެވާހަކަތައް މީސްމީޑިއާގައި ހިއްސާކޮށްފަ އެވެ.

Ad
rt

“(ما شاء الله تبارك الله ކާފަގެ ލޯބި..!) ބައްޕަގެ ފަހު މެސެޖް..!! ޙާލަތް ދިމާ ކުރިގޮތުން މިއަދު ބައްޕަ ވަކިވެގެން އެ ދިއައީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ނަމަވެސް އުރާލާ ބޮސްދީ ހަދާލަން ފުރުސަތެއް ނުލިބިއެވެ. ވިއްސާ ކޮޓަރިން ނެރުނު ވަގުތު ބައްޕަ އަޅުގަނޑު ގާތުގައި ހުއްޓެވެ. އެ ވަގުތަކީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރެވެ. އިރާދަފުޅުން ގަދަވެ ކާފަގެ ލޯބި ދޫކޮއްލި އިރު ވަނީ ދީނީ ދަޢުވަތުގެ މަސަތްކަތެއްގައި ފުރާ ވަޑައިންނަވަން ޖެހިފަ އެވެ.“

އަބޯގެ މެސެޖުގައި ބުނެފައިވެއެވެ.
އަބޯގެ ސްޓޭޓަސް އާއި އެކު ވަނީ އެވަގުތުގެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. އެހެންނަމަވެސް، އެއީ ކާފަ ދަރިފުޅު ފެނުނު ފުރަތަމަ އަދި އެންމެ ފަހު ފަހަރު ކަމުގައި ވެގެން ދިޔައެވެ.
މީގެ އިތުރުން އަބޯގެ ސްޓޭޓަސްގައި ބުނެފައިވަނީ، އެ ހިނދުން ފެށިގެން އިންތިޒާރު ކުރަމުން މިއައީ ބައްޕައާއި ބައްދަލުވެ ކާފަގެ ލޯބި އުރާލަން ދެވޭނެ ފުރުސަތެއްކަމަށާއި ނަމަވެސް ދެން އައީ އަޅުގަނޑުގެ ލޯބިވާ މަންމަގެ އަސަރުގަދަ ކޯލެއްކަމަށް ބުނެފައިވެއެވެ.
“ މަންމަ ގިސްލަމުން އެދުނީ ބައްޕަގެ ޚަބަރެއް ބަލާދިނުމަށެވެ. އަޅުގަނޑު ވަގުތުން ބައްޕައާއެކު ދަތުރު ކުރި ޚިދުމަތް ޖަމްޢިއްޔާގެ އިސްވެރި އަކަށް ގުޅީމެވެ. އެ ވަގުތު މެދުކެނޑުމެއް ނެތި ބައްޕައަށް އަވަސް ފަރުވާދޭ މެށިނު ތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. ދެން އިވުނީ ބައްޕަ އަވަހާރަވެއްޖެ ކަމުގެ ހިތާމަވެރި ޚަބަރެވެ.
ލޯބިވާ ބައްޕާއެވެ. އިންޝާﷲ ދުނިޔޭގައި ހުންނެވި ވަގުތުތަކުގައި ދެއްވި ހެޔޮ ނަޞޭހަތް ދުވަހަކުވެސް މި ހިތުން ފިލާ ނުދާނެ ކަން ކަށަވަރެވެ. ބައްޕަ ފަޚުރު ވެރިވާ ފަދަ ހެޔޮ ލަފާ ޞޯލިޙް ދަރިއަކަށްވެ އެގޮތުގައި ދެމި ހުންނާނަމެވެ. ބައްޕަގެ ލޯބިވާ ކާފަ ދަރިފުޅަށް ދޭން އޮތް ތަރުބިއްޔަތަކީ ހަމަ ތި ލޮބުވެތި ބައްޕަ އަޅުގަނޑަށް ދެއްވި ތަރުބިއްޔަތެވެ.
ދުޢާ އަކީ ބައްޕަގެ ފާފަ ފުއްސަވާ، ކައްވަޅުގެ ޢަޒާބުން މިންޖު ކުރައްވާ، އަދި ބައްޕަގެ ލޯބިވާ ކާފަ ދަރިފުޅާއި ޖަންނަތުލް ފިރްދައުސް އިން ބައްދަލްވުމެވެ.”
އަސަރުގަދަ މެސެޖުގަައި ބުނެފައިވެއެވެ.

އަބޯ ވަނީ އޭނާގެ ބައްޕަ، ޝައިޚް ފަރީދަކީ އޭނާގެ ފުރަތަމަ އުސްތާޛު ކަމުގަ އާއިދިރިއުޅުމުގެ ޙަޤީޤީ މާނަ އުނގަންނައިދެއްވި މުދައްރިސް ކަމުގައި ބުނެފަ އެވެ. ހަމައެހެންމެ، (كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ) ގެ މާނަވެސް ފަހުމްކޮށްދެއްވީ އެ މަރުޙޫމް ކަމުގައި ފާހަގަކޮށްފައިވެއެވެ.

ޝައިޚް ފަރީދުގެ ކުއްލި އަވަހާރަވުމާ ގުޅިގެން އާއިލާއަށް ލިބުނު ހިތާމައިގެ ބޮޑުކަން އަބޯގެ ބަސްތަކުން ވަރަށް ސާފުކޮށް ދޭހަވެއެވެ. "މިއީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި އަދި ހިތްދަތި ދުވަސް" ކަމުގައި އަބޯ ވަނީ ބުނެފައެވެ.

ޝައިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ތަޢުޒިޔާ ކިޔައި، އެ މަރުޙޫމަށް ހެޔޮ ރަޙްމަތްލެއްވުމަށް އެދި ދުޢާކޮށްފައެވެ. މުޅި ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައީ އެ މަރުޙޫމަށް ކުރާ ދުޢާތަކާއި، ހެޔޮބަސްތަކެވެ.