ކުރީގެ އަދަދާއި ގުޅޭ:

" އަހަރެން އުފާވާނެ ޒައިދް އަހަރެން ކައިރީ ހުންނަންޏާ." އަނޫޝާ ބުންޏެވެ. އެއާއެކު ޒައިދްއަށް ފުން ނަޒަރަކުން އަނޫޝާގެ މޫނަށް ބަލައިލެވުނެވެ. އޭރު އަނޫޝާގެ މޫނުމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުން ވެސް ޒައިދްގެ ހިތަށް އުފާވެރިކަން ލިބުނެވެ.

Ad
rt

ހެނދުނުހެނދުނާ ޝިކާ ތައްޔާރުވީ ވަކި ހާއްސަ ނިޔަތަކާއެކުގައެވެ. އަކްރަމްއާއެކު ރީތި ރެސްޓޯރެންޓެއްގައި ނާސްތާ ކުރުމުގެ އުފާވެރި އުއްމީދުގައެވެ. އެ ގައުމުގެ ހާއްސަ ކާއެއްޗެހި ރަހަ ބަލައިލަން ޝިކާ ހުރީ ކެތްމަދުވެފައެވެ. އެ ހިޔާލުގައި ލޯގަނޑު ކުރިމަތީގައި އޭނާ ހުއްޓާ، އަކްރަމް ފާހާނައިން ނިކުމެއްޖެއެވެ. އަތުގައި އޮތް ތުވާލިން ބޯ ހިއްކަން ހުރެ، އޭނާ ޝިކާއަށް ބަލައިލީ ހިނިތުންވުމާއެކުއެވެ.

" ތި ކަހަލަ ހެދުން ލީމަ ޝިކާ މާ ރީތި." އަކްރަމް ބުންޏެވެ.

އަކްރަމްގެ ތައުރީފްގެ އަޑު އިވުމުން ޝިކާގެ ހިތަށް ތަފާތު ގޮތެއް ވެއްޖެއެވެ. ލަދުވެސް ގަތެވެ. އެ ވަގުތު އޭނާއަށް އަމިއްލަ ހަށިގަނޑަށް ބަލައިލެވުނެވެ. ގަޔަށް ބާރު، ދިގު މެޑީއެއް ލީމަ، އޭނާގެ ހަށިގަނޑުގެ ރީތިކަން ފާޅުވާކަން އެނގުނީ ދެނެވެ. ފަހަތަށް ދޫކޮށްލާފައި އޮތް އިސްތަށިގަނޑު ރީތި ގޮތަކަށް އައްސާލަނަމޭ ވެސް އޭނާގެ ހިތަށް އެރިއެވެ. އޭރުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެކަން ޔަގީން ކުރެވުނެވެ.

ހަމަ އެ ވަގުތެވެ. އެނދުމަތީގައި އޮތް އަކްރަމްގެ ފޯނު ބާރަށް ރިންގްވާން ފެށިއެވެ. ބޮލުން ޓީޝާޓް މަހާލުމަށްފަހު އަކްރަމް ފޯނާއި ދިމާލަށް ހިނގައިގަތް އިރު ޝިކާގެ މޫޑު މުޅިން ބަދަލު ވެއްޖެއެވެ.

" އޯހް. ސީރިއަސްލީ؟ ވަރަށް ދުވަސް ވެއްޖެ ކިޑީގެ ބްރެކްފާސްޓެއް ނުލިބޭތާ. މި ނިކުންނަނީ އިނގޭ." އަކްރަމް ބުންޏެވެ.

ފޯނު ބޭއްވި އިރު އޭނާ ހުރީ ވަރަށް ބޮޑަށް ހެވިފައެވެ. ލޯގަނޑުން ފެންނަ އަކްރަމްގެ މޫނަށް ބަލަން ޝިކާ ހުރީ ވަރަށް ބޮޑަށް ނުރުހުން ވެގެންނެވެ.

" ނިމިއްޖެތަ؟ ކިޑީ އެ ގުޅީ. އޭނަ ސައިހަދައިގެން ސައިބޯން ނިކުންނަން ވިއްޔޯ. ދިވެހިން ކައި އުޅޭ އެއްޗެހި އޭރު ވެސް ކިޑީ ރާއްޖެއިން ގެންނާނެ. " އަކްރަމް ބުންޏެވެ.

ޝިކާގެ މޫޑު މުޅިން ބަދަލުވެއްޖެއެވެ. ނަމަވެސް އެއްޗެއް ނުބުނެވޭތޯ އޭނާ ވަރަށް ކެތްކުރިއެވެ. ޝަކުވާކުރުމަކީ އަކްރަމް އެހާ ރުހޭ ކަމެއް ނޫންކަން ކުރިން ވެސް އޭނާގެ ވާހަކަތަކުން ޝިކާއަށް އޮތީ އެނގިފައެވެ. އެހެންވެ، އަކްރަމް ބޭނުންވާ ގޮތަށް އަމަލު ކުރެވޭތޯ ޝިކާ ހިތްވަރު ކުރިއެވެ.

ދެ މީހުން އެއްކޮށް ސިޓިންރޫމަށް ނިކުތް އިރު ކާމޭޒު ކައިރީ ކިޑީ އިނީ ހެވިފައެވެ.

" ކޮން އިރެއް އަހަރެން އިންތިޒާރު ކުރާތާ. އަވަހަށް އާދޭ. އޭންޑް މި ހުރީ އަހަރެން އަކްރަމްއަށް ހާއްސަކޮށް ތައްޔާރު ކުރި ރޯސްޓް ކުކުޅުފައި. " ކިޑީ ބުންޏެވެ. އޭރު އެ ކުކުޅުފައި އޮތް ތަށި ވެސް ހުރީ އޭނާގެ އަތުގައެވެ. އަކްރަމް ވެސް ހެވިފައި ހުރެ ދެ ލޯ ބޮޑުކޮށްލަމުން އެ ތައްޓަށް ނަޒަރު ހިންގާލީ އަވަސް އަވަހަށެވެ.

" ހޫމް... ވަސްގަނޑު ވެސް ވަރަށް ފައްކަލޭ." އަކްރަމް ބުންޏެވެ.

މަންޒަރު ބަލަން މޭޒު ކައިރީގައި ޝިކާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އޭނާގެ ރުޅިގަނޑު އިތުރަށް ގަދަވީ އަކްރަމްއާ ޖެހިގެން ހުރި ގޮނޑީގައި ކިޑީ އިށީނުމުންނެވެ.

" ޝިކާ. އަވަހަށް އިށީނދޭ. ސައިބޮއިގެން ބޭރު ބަލައިލަން ދާން ވާނެއެއްނު. " ކިޑީގެ އަޑުން ޝިކާ ދިޔައީ ސިހިގެންނެވެ.

އެއްވެސް އެއްޗެއް ބުނުމެއްނެތި ޝިކާ މަޑުމަޑުން ގޮނޑީގައި އިށީން އިރު އަކްރަމް ސައިބޯން ފަށައިފިއެވެ.

" އަކްރަމް ހަނދާންވޭތަ އެއްކަލަ ދުވަހު ރޯސްޓް ކުކުޅުފައި ކާން އުޅުނު ގޮތް. ހީވީ ކަށިގަނޑު ވެސް ކާލި ހެން. " ކިޑީ ބުންޏެވެ. އެއާއެކު ޝިކާއަށް އަކްރަމްއާ ދިމާލަށް ލޯ އަޅައިލެވުނެވެ.

" އާނ. މީރު ވީމަ އެހެންތާ ވާނީ." އަކްރަމް ބުންޏެވެ.

އެ ވަގުތު ބާރު ހިނިގަނޑެއް ޖަހާލަމުން ކިޑީ، އަކްރަމްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ. އަކްރަމް ވެސް ހޭންފެށިއެވެ.

މަންޒަރުބަލަން އިން ޝިކާއަށް އިތުރަށް އެތާ ކެތްކުރެވޭ ގޮތެއް ނުވިއެވެ. ކޮށިއަރާ ކަމަށް ހަދާފައި އޭނާ ތެދުވެއްޖެއެވެ. އެއާއެކު ހެމުން ދިޔަ ކިޑީއާއި އަކްރަމްއަށް ޝިކާގެ މޫނަށް ބަލައިލެވުނީ އެއްފަހަރާއެވެ.

" ޝިކާ؟ ކިހިނެއް ވީ؟" އަކްރަމް އެހިއެވެ.

އޭރު ޝިކާ ހުރީ އަނގަމަތީގައި އަތް ޖައްސާލައިގެންނެވެ.

" އެބަ އަންނަން. ކުޑަކޮށް ކޮށި އެރީ." ޝީކާ އެހެން ބުނެ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

" އެބަ އަންނަން އަހަރެން." އަކްރަމް އެހެން ބުނެ ތެދުވުމާއެކު ކިޑީ ވާހަކަ ދައްކަން ފެށިއެވެ.

" ދެން އަކްރަމް ވެސް ސައި ނުބޮއި ދަނީތަ؟ ޝިކާ އަންނާނެއެއްނު. އަނބިމީހާއާ ހެދި ހާދަ ވަރެއް ތި ވަނީ؟" ކިޑީ ބުނެލީ މަލާމާތުގެ ރާގަކަށެވެ. އެއާއެކު އަކްރަމްއަށް އިށީނދެވުނެވެ. ކިޑީގެ ރާގު ހުރިގޮތުން އޭނާ ކޮންމެވެސް ވަރަކަށް ލަދު ވެސް ގަތެވެ. ނަމަވެސް ކިޑީ ސައިބޮއި ނިމެންދެން އޭނާ އެތާ މަޑުކުރިއެވެ.

އެނދުމަތީ އިށީނދެލައިގެން އިން ޝިކާ މޫނު އަނބުރާލީ، އެތެރެއަށް ވަތް އަކްރަމް ފެނުމުންނެވެ. އަކްރަމްއާ ދިމާލަށް ބަލައިލަން ވެސް އޭނާ އިނީ ބޭނުން ނުވެފައި ކަހަލައެވެ. ޝިކާގެ އެ ހަރަކާތުން އޭނާ ކަމަކާ ހިތްހަމަ ނުޖެހުނުކަން އަކްރަމްއަށް އެނގުނެވެ.

" ކުއްލިއަކަށް ނާސްތާ ނުކޮށް މި ތަނަށް ތި އައީ ކީއްވެ؟" އަކްރަމް ސުވާލު ކުރިއެވެ.

ޝިކާގެ ކުރިމަތީގައި ހުއްޓުމަށްފަހު ދެ ޖީބަށް އޭނާ އަތް ޖަހާލިއެވެ. އޭރު ވެސް ޝިކާ އިނީ އޭނާއަށް ނުބަލަން ވެގެން މޫނު އަނބުރާލައިގެންނެވެ.

" ހިތްހަމަ ނުޖެހުމުގެ އަސަރުތައް ޝިކާގެ މޫނުމަތިން އަހަންނަށް އެބަ ފެނެޔޭ. " އަނެއްކާ ވެސް އަކްރަމް ބުންޏެވެ.

" އަކްރަމްއަށް އެނގޭ ދޯ އަހަރެން ހިތްހަމަ ނުޖެހޭނެކަން." ޝިކާ ބުނެލިއެވެ.

އެއާއެކު އަކްރަމް ދެ ކޮނޑު ހިއްލާލިއެވެ.

" ކޮންކަމަކާ؟ ޝިކާ ހިތްހަމަ ނުޖެހޭ ވަރުގެ ކަމެއް އަހަރެން ކުރިންތަ؟" އަކްރަމް އެހިއެވެ.

" އަހަރެމެން މި އައީ ހަނީމޫނަކަށް ނޫންތަ؟ " ޝިކާ އަކްރަމްގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާ ހުރީ ފެންކަޅި ވެފައެވެ. އަކްރަމް ޖަވާބެއް ނުދީ އުޅެނިކޮށް އަނެއްކާ ވެސް ޝިކާ ވާހަކަ ދައްކަން ފެށިއެވެ.

" ހަނީމޫންއަށް އަންނަން އުޅުނީމަ އަހަރެން ދުށް ހުވަފެންތަކެއް އަކްރަމްއަކަށް ނޭނގޭތަ؟ އަހަރެން މި އައީ އަކްރަމްގެ ރައްޓެހިންނާއެކު މަޖާ ކުރާކަށް ނޫނޭ. އެއްވެސް މިނިވަންކަމެއް ނެތް. މިއަދު ވެސް ދެ މީހުން އެކަނި ބޭރަށް ދާން ޕްލޭންކޮށްފައި އޮއްވާ އޭނަ ބޭނުން ގޮތަށް ޕްލޭން ބަދަލުކޮށްފި. ރާއްޖޭގައި ކާކަހަލަ އެއްޗެހި ކާންތަ އަހަރެމެން ޓާކީއަށް މި އައީ؟" ހިތުގައި ހުރި ޝަކުވާތައް ބޭރުކޮށް ނުލައި ޝިކާއަކަށް ހަމަޖެހުމެއް ނުލިބުނެވެ.

ޝިކާގެ ޝަކުވާތަކުގެ އަޑު އަހަން ހުރި އަކްރަމްގެ މޫނުމަތިން ފެންނަނީ ހަމައެކަނި ހައިރާންކަމެވެ. ސުވާލުގެ ނަޒަރަކުން އަކްރަމް ބަލަހައްޓައިގެން ހުއްޓާ އަނެއްކާ ވެސް ޝިކާ ވާހަކަ ދައްކަން ފެށިއެވެ.

" އަކްރަމް ރުޅި އަޔަސް، އަހަރެން އެއްވެސް ވަރަކަށް ކިޑީއާމެދު ހިތްހަމައެއް ނުޖެހޭ. އޭނަ އަކްރަމްގެ ގަޔަށް ބޮލަށް އަރަނީ. އަހަރެން ރުޅި އާދޭ އޭނަ އަކްރަމްގެ ގައިގައި އަތްލާ، މޫނުގައި އަތް ހާކާ، ކޮނޑުގައި ބޯ އަޅާ. މިއީ ކޮން ކަމެއް؟ އަދި މަގޭ ކުރިމަތީގައި އެ ފާޑަށް އުޅެން އޭނަ ލަދެއް ވެސް ނުގަނޭ. އޭނަ އެކަންޏެއް ނޫން. އަކްރަމް ވެސް ހުންނަނީ އޭނަ ހެދިހާ ގޮތެއް ހަދަން ދޫކޮށްލައިގެން." ވާހަކަ ދައްކާ ނިންމާލުމަށްފަހު ޝިކާ ތެދުވެއްޖެއެވެ.

" ތި ހުރިހާ ޝަކުވާތަކެއް ތި ކުރަނީ ކޮން ހައިސިއްޔަތަކުން؟" އަކްރަމް ސުވާލު ކުރީ ހިތްހަމަ ނުޖެހުމާ އެކުއެވެ.

" އަކްރަމްގެ ހަލާލު އަނބިމީހާގެ ހައިސިއްޔަތުން." ޝިކާ ދިނީ ކުރު ޖަވާބެކެވެ. އޭރު ދެ މީހުންގެ ނަޒަރު ސީދާވެ، ފެންނަމުން ދަނީ ނުރުހުންތެރިކަމުގެ އަސަރުތަކެވެ.

" އެ ހައިސިއްޔަތު އަހަރެން ޝިކާއަށް ދިނަސް، އަހަރެންގެ މިނިވަންކަމާ ބެހި ޝަކުވާ ކުރުމުގެ އެއްވެސް ހުއްދައެއް އަހަރެން ޝިކާއަކަށް ނުދެން. ޝިކާ ބޭނުންވީ ތަނަވަސް، މުއްސަނދި ލައިފްއެއް އުޅެން. އަހަރެން ޝިކާއަށް އެ ފުރުސަތު ހޯދައިދިނުމުގެ މާނައަކީ އަހަރެން ކުރާ ކަންތައްތަކަށް ބެހޭށެކޭ ނޫން. އަހަންނާމެދު ޝިކާ އެއްވެސް ޝަކުވާއެއް އޮވެގެން ނުވާނެ." އަކްރަމް ބުންޏެވެ.

އޭރު ވެސް ހިތްހަމަ ނުޖެހުމާއެކު އޭނާ ޝިކާއަށް ބަލަމުން ދިޔައެވެ. ޝިކާއަށް އަނެއްކާވެސް އެނދުގައި އިށީނދެލެވުނެވެ. އަދި ދެ އަތުން ބޮލުގައި ހިފަހައްޓާލަމުން މަޑުމަޑުން ގިސްލެވެން ފެށުނެވެ.

" އަހަރެން ބޭނުންވަނީ ހަމައެކަނި މުއްސަނދި ދިރިއުޅުމެއް ނޫން. އަކްރަމް ވެސް ބޭނުން. އަހަންނަށް އަކްރަމްދެކެ ލޯބި ވެވިއްޖެ. އަހަރެން ބޭނުމެއް ނޫން އިތުރު އެއްވެސް އަންހެނަކާ އަކްރަމް އެއްވެސް ގުޅުމެއް އޮންނާކަށް. ކިޑީ އުޅޭ ގޮތުން އަހަންނަށް ވަރަށް އުނދަގޫ ވޭ." ރޮމުން ރޮމުން ޝިކާ ބުންޏެވެ.

އެއާއެކު އަކްރަމް ކުއްލިއަކަށް ޝިކާގެ ދެ ކޮނޑުގައި ހިފައި އޭނާ ކޮޅަށް ނެގިއެވެ. ބިރުން ގޮސް ޝިކާއަށް ދެ ލޯ ބޮޑުކުރެވުނީ އަކްރަމްގެ ރުޅިވެރި މޫނު ފެނުމުންނެވެ.

" އަހަރެން ކުރިން ވެސް ބުނީމެއްނު ލޯތްބަކީ އަހަރެން ގަބޫލު ކުރާ އެއްޗެއް ނޫނޭ. ލޯތްބޭ ނުކިޔާ. އެއީ އަހަރެން ނަފްރަތު ކުރާ ލަފްޒެއް. އެއި އަހަރެން އިތުބާރު ކުރާ އެއްޗެއް ނޫން. އަހަންނަށް ރަނގަޅީ ޝިކާ ވެސް އަހަރެންދެކެ ލޯބި ނުވިއްޔާ. ކައިވެނީގެ ކުރިން ވެސް އަހަރެން ބުނިން އަހަރެންގެ މިނިވަންކަމާ ނުބެހޭށޭ." އަކްރަމް އެހެން ބުނެ، ޝިކާގެ ގައިން ދޫކޮށްލިއެވެ.

އޭރު ވެސް ޝިކާއަށް ހުރެވުނީ ހައިރާންވެފައި އަކްރަމްއަށް ބަލާށެވެ.

" ދެން ތި ބުނީ އަކްރަމް އުޅޭނީ އަކްރަމް ބޭނުން ގޮތަކަށޭތަ؟ އަހަރެން ރުހިގެން އިންނަންވީއޭތަ؟" ޝިކާ އެހިއެވެ.

" ޝިކާ ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ގަބޫލު ކުރޭ. " އަކްރަމް ބުންޏެވެ.

އެއަށްފަހު އޭނާ ހިނދުކޮޅަކަށް ވެސް އެތާ މަޑެއް ނުކުރިއެވެ. ނިކުމެގެން ދިޔައީއެވެ. އަކްރަމްގެ ވާހަކަތަކުން ޝިކާގެ ހިތް މަޔޫަސް ވެއްޖެއެވެ. ދެރަވެއްޖެއެވެ. ދިރިއުޅުމާމެދު އޭނާ ކުރި އުންމީދު ވެސް ނާއުއްމީދު ވެއްޖެއެވެ.

މިހާރަކަށް އައިސް ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލާ ވަގުތު އަނޫޝާއަށް ވަރަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. ބޯ އަނބުރާ، ހޮޑުލަވާ ގޮތްވެ މީހާ ވަރުބަލި ވެސް ވަނީއެވެ. އެހެންވެ، ބަލިވެ އިނީކަމަށް އޭނާ އުއްމީދުކޮށް، އެ ވާހަކަ ޒައިދް ގާތު ބުނާ ހިތުން އަނޫޝާ ހުރީ ކެތްމަދުވެފައެވެ. އެ ދުވަހ ވެސްު ޒައިދް ފަތިސްނަމާދު ކޮށްގެން ގެއަށް އައި އިރު އަނޫޝާ ހަމަ އޮތީއެވެ.

" މިއަދު ވެސް ނުނިކުންނަނީތަ؟ އަނޫ މިހާރު ކީއްވެ ކޮފީ ބޯން ނުނިކުންނަނީ؟ ކޮންމެ ރެޔަކު ނަމާދުކޮށްގެން ނިދަނީ ދޯ. މަންމަ ލައްވާ ކޮފީ ހަދުވައިގެން ބޯން އަހަރެން ވަރަށް ލަދުގަނޭ." ޒައިދް ބުންޏެވެ.

އެއާއެކު އަނޫޝާ ޒައިދް އިށީން ފަޅިއަށް އެނބުރި ހަމަޖެހިލިއެވެ.

" އަހަރެން ނުނިކުންނަނީ ކީއްވެ ތޯ އަހާބަލަ. " އަނޫޝާ ބުނެލީ ހެވިފައި އޮވެއެވެ. އެއާއެކު ޒައިދްގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ.

" ވަރަށް ހޮޑުލަވާ ފަތިސް ގަޑީގައި. އަހަންނަށް ހީވަނީ... ހީވަނީ ޒައިދް ބައްޕައަަކަށް ވަނީ ހެން." އުފާވެރި ރާގަކަށް އަނޫޝާ ބުންޏެވެ. އޭނާ އުއްމީދު ކުރީ ޒައިދް އުފަލުން ގޮސް ފޮޅޭނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ޒައިދްގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމާއި ހާސްކަމެވެ. އެންމެ ކުޑަމިނުން އޭނާ ހީ ވެސް ނުލިއެވެ.

" އަހަންނަށް މި ދެވުނީ މީހެއްގެ މަރުގެ ހަބަރުތަ؟ ކިހިނެއްވެފައި ތި އިނީ؟" އަނޫޝާ ތެދުވަމުން ސުވާލު ކުރިއެވެ.

އެއާއެކު ޒައިދް ފުންމައިގެން ތެދުވެ އަނޫޝާއަށް ފުރަގަސްދިނެވެ. ހީވާ ގޮތުން އޭނާގެ އިހްސާސްތައް އަނޫޝާއަށް އަންގަން ބޭނުން ނުވަނީއެވެ. މަޑުމަޑުން ގޮސް އަނޫޝާ ޒައިދްގެ ކުރިމައްޗަށް އަރާ، އަތުގައި ހިފާލީ ނުހަނު ލޯބިންނެވެ.

" ބުނެބަަލަ! އުފަލެއް ވެސް ނުވޭތަ؟ " އަނޫޝާ އެހިއެވެ. އެއާއެކު ޒައިދް އަނޫޝާއަށް ބަލައިލީ އަސަރުން ފުރިފައިވާ ނަޒަރަކުންނެވެ.

( ނުނިމޭ)

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)