" ބުނެބަަލަ! އުފަލެއް ވެސް ނުވޭތަ؟ " އަނޫޝާ އެހިއެވެ. އެއާއެކު ޒައިދް އަނޫޝާއަށް ބަލައިލީ އަސަރުން ފުރިފައިވާ ނަޒަރަކުންނެވެ.

" އަޅެ ޒައިދޫ. ކިހިނެއްވީތަ؟" އަނެއްކާ ވެސް އަނޫޝާ ސުވާލު ކުރިއެވެ.

Ad
rt

އެއާއެކު ޒައިދް އަނޫޝާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އެ ވަގުތު އަނޫޝާއަށް އުފަލުން ޒައިދްގެ ބުރަކަށީގައި ފިރުމައިލެވުނެވެ.

" މާ ބޮޑަށް އުފާވީތަ؟" އަނޫޝާ އެހިއެވެ.

އެ ވަގުތު ޒައިދް އަނޫޝާއާ ކުޑަކޮށް ދުރުވެލިއެވެ. އޭރު ޒައިދް ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނަ ނޫންކަން އަނޫޝާއަށް އެނގުނީ ޒައިދްގެ މޫނުމަތީގައިވާ މޮޅިވެރިކަން ފެނުމުންނެވެ. މި ފަހަރު އަނޫޝާ ވެސް ކަންބޮޑުވެއްޖެއެވެ.

" އަނޫ. އަހަރެން އަދި ރެޑީއެއް ނޫނޭ." ޒައިދް ބުންޏެވެ.

" ރެޑީއެއް ނޫނޭ؟ ތި ބުނީ؟" އަނޫޝާއަށް ސުވާލު ކުރެވުނީ ނުހަނު އަވަހަށެވެ.

ޒައިދްގެ އިހްސާސްތައް އަދި އަނޫޝާއަށް ނޭނގެނީކަން ޒައިދްއަށް އެނގުނެވެ. އެހެންވެ، އޭނާ ބޭނުންވީ އަނޫޝާއަށް ވިސްނައިދޭށެވެ. ޒައިދް މަޑުމަޑުން އަނޫޝާގެ އަތުގައި ހިފައިގެން އައިސް އެނދުމަތީ އިށީނދެލިއެވެ. އޭރު ވެސް އަނޫޝާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ޒައިދް ދައްކަން އުޅޭ ވާހަކަ އަޑުއަހާ ހިތުން އޭނާ ހުރީ ކެތްމަދުވެސް ވެފައެވެ.

" އަހަރެމެން ދެ މީހުންގެ ދަރިޔަކު އަހަރެން ވެސް ބޭނުމޭ. އެކަމަކު... މިހާރަކު ނޫން... އަދި ނުވޭ." ޒައިދް ވާހަކަ ދެއްކީ ސީދާ އަނޫޝާގެ ދެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ.

ޒައިދް އެހެން ބުނުމުން އަނޫޝާގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގަތެވެ. ނުސީދާ ގޮތަކަށް ޒައިދްއަށް ބަލަހައްޓައިގެން އަނޫޝާއަށް ހުރެވުނީއެވެ. އެ ވަގުތު ޒައިދް އަނޫޝާގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ. ޒައިދްގެ މޫނުމަތީގައި ދައުރުވަމުންދާ ޖަޒްބާތުތައް ދެނެގަންނާކަށް އަނޫޝާއަކަށް ފަސޭހައެއް ނުވިއެވެ.

" އަހަރެން މިހާރު މި އިނީ ބަލިވެޔޭ ޒައިދް. މިހާރު ދަރިޔަކު ބޭނުން ނުވާންވީ ކީއްވެތަ؟" އަނޫޝާ ބުނެލީ ނުހަނު މަޑުމަޑުންނެވެ.

" އަހަރެމެން ކިހިނެއް މެނޭޖްކުރާނީ؟ މި ބުނީ އަހަރެމެންގެ އަތަކު ފައިސާއެއް ނެތެއްނު. އަހަރެން މި ހުންނަނީ ވަރަށް އަތްމަތި ތަނަވަސްވީމަ ނޫނީ ކުއްޖަކު ނުހޯދަން ވެގެން. އަހަރެންގެ ދަރިފުޅަށް މަދުވާ، އުނިވާ އެއްވެސް ކަމެއް އޮންނާކަށް އަހަރެން ބޭނުމެއް ނޫން. މާބަނޑުއިރު އަނޫއަށް ރަނގަޅު، ފައިދާހުރި އެއްޗެހި ކާންދޭން އަހަރެން ބޭނުން. " ޒައިދް ބުންޏެވެ.

އެއާއެކު އަނޫޝާ ޒައިދްގެ އަތުގައި އަތް ޖައްސާލިއެވެ.

" ޒައިދް. ތިއީ އަހަރެން ވެސް ބޭނުންވާ ގޮތޭ. އެކަމަކު އަހަރެން މިހާރު ބަނޑުބޮޑެއްނު. ދެން އިތުރަށް ބޭކާރު ކަންކަމާ ވިސްނަންވީ ކީއްކުރަން؟ މި ދަރިފުޅުގެ ރިޒްޤް މިހާރު ވެސް ދީލަތިވަންތަ އިލާހް އޮންނާނީ ލިޔުއްވާފައި. ތި ގޮތަށް ނުވިސްނާ ޒައިދް. ހުރިހާ ކަމެއް ވެސް އިންޝާﷲ ރަނގަޅުވާނެޔޭ." އަނޫޝާ މަސައްކަތް ކުރީ ޒައިދްއަށް ވިސްނައިދޭށެވެ.

" އަނޫ. އަހަރެން ބޭހެއް ހޯދަންތަ؟" ޒައިދް އެހިއެވެ.

އެ ވަގުތު ނުވިސްނޭފަދަ ގޮތަކަށް އަނޫޝާއަށް ބޯ ހޫރާލެވުނެވެ.

" ބޭހެކޭ؟ ކޮން ބޭހެއް؟" އަނޫޝާ އެހިއެވެ.

" އެއީ... ބޭބީ އެބޯޓްކޮށްލަން." ޒައިދް ބުނެލީ މަޑުމަޑުންނެވެ.

އެއާއެކު އަނޫޝާއަށް ދުރަށް ޖެހިލެވުނެވެ. އަދި ދެ ލޯ ބޮޑުކޮށްގެން އިނދެ ޒައިދްގެ މޫނަށް ބަލަމުން ދިޔައީ ބިރުގެންފައި އިން ކަހަަލަ ގޮތަކަށެވެ.

" ޒައީދް؟ އެބޯޓްކޮށްލާށޭ؟" އަނޫޝާ އެހެން ބުނެ ކޮޅަށް ތެދުވީ ހިތްހަމަ ނުޖެހިގެންނެވެ.

" އަހަރެން ހިއެއް ނުކުރަން ޒައިދްއަކީ ތިހާ ރަހުމު ނެތް މީހަކަށް ކަމަކަށް. ތިމާގެ ދަރިފުޅު މަރާލަންތަ ތި އުޅެނީ؟" އަނޫޝާ ބުންޏެވެ. އެ ވަގުތު އޭނާއަށް ރޮވިއްޖެއެވެ.

" އަނޫއަށް އަދި ނުވިސްނެނީއޭ. އަހަރެމެން ކިހިނެއް ބޭބީ ބަލާނީ؟ އަނޫ ބަނޑުބޮޑުވީމަ އަހަރެން ބޭނުންވާނެތަ އަނޫއާ ދުރަށް ދާން. ދުރުގައި ހުރެގެން މަސައްކަތް ކުރަން ދާކަށް ބޭނުމެއް ނޫނޭ. އެހެންވީމަ، އެވަރަށް ފައިސާ އެއްކޮށްގެން އަހަރެމެން ބޭބީއެއް ހޯދާނީ. " ޒައިދް ބުންޏެވެ.

ނަމަވެސް އަނޫޝާ އެކަމާ އެއްބަހެއް ނުވިއެވެ. ޒައިދްގެ ވާހަކަތަކުން އަނޫޝާގެ ހިތް އިތުރަށް ރޮއްވާލައިފިއެވެ. އޭނާ އަދިވެސް ހުރީ ޒައިދް ދައްކާ ވާހަކަތައް ގަބޫލު ކުރަން ދަތިވެފައެވެ.

" ޒައިދް އަހަރެން ވަރިކުރިޔަސް އަހަރެން މި ދަރިފުޅު މަރައެއް ނުލާނަން. ޒައިދް ބޭނުން ނުވިޔަސް އަހަރެން މި ދަރިފުޅު ބޭނުން. " އަނޫޝާ އެހެން ބުނެ، ދެ އަތުން ލޯ ފުހެލަމުން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ހުށިޔާރުކަމާއެކު ޒައިދް އަނޫޝާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

" އަހަންނަށް މި ދަރިފުޅު ބެލެން ވެސް ބެލޭނެ. ޒައިދް އެކަމާ ކަންބޮޑު ނުވޭ." މަލާމާތުގެ ރާގަކަށް އެހެން ބުނުމަށްފަހު އަނޫޝާ އަތް ފޮޅުވާލިއެވެ. އަދި ކޮޓަރިން ބޭރަށް ނިކުތެވެ. ފަހަތުން ޒައިދް ވެސް ނިކުމެއްޖެއެވެ. އޭރު އަލިވިލެން ފަށައިފިއެވެ. ފަތިހުގެ ހިތްގައިމު ފިނީގައި ގޯތިތެރޭގައި ހުރި ޖަނބުރޯލް ގަސްދޮށުގައި ހުރި ޖޯލިފަތީގައި އަނޫޝާގެ މަންމައާއި ބައްޕަ އޭރު ތިބީ ކޮފީ ބޯށެވެ.

" ދަރިފުޅު ހާދަ ބާރަކަށް ތި ނިކުތީ؟" ރާމިޒާ ބުންޏެވެ.

އެއާއެކު ހުރި ފިޔަވަޅު މަތީގައި އަނޫޝާއަށް ހުއްޓެވުނެވެ. ފަހަތުން އައި ޒައިދްވެސް އަނޫޝާގެ ފަހަތުގައި މަޑުކޮށްލިއެވެ.

" އާދެބަަ ދެ ކުދިން ބައްޕަމެންނާއެކު ކޮފީ ބޯން." ވަފީ ގޮވާލިއެވެ.

" މިއަދު ތަންކޮޅެއް އަވަހަށް ސައިކައްކަން ޖެހޭނެ. ކޮއްކޮގެ ސްކޫލް ބައްދަލްވުމެއް އެބައޮތް ހެނދުނު." ރާމިޒާ ވާހަކަ ދެއްކީ އަނޫޝާއާއެވެ.

އޭރު ވެސް އަނޫޝާގެ މޫޑު އެހާ ރަނގަޅެއް ނޫނެވެ. އޭނާ ގޮސް މަންމައާ ޖެހިގެން ހުރި ޖޯލިފަތީގައި އިށީނުމާއެކު ވަފީ އަނެއްކާ ވެސް ޒައިދްއަށް ގޮވިއެވެ.

" މަންމާ. އަހަރެން ވާހަކައެއް ބުނަން ބޭނުން." އަނޫޝާ ބުނެލިއެވެ.

އެއާއެކު ވަފީއާއި ރާމިޒާގެ އިތުރުން ޒައިދްއަށް ވެސް އަނޫޝާގެ މޫނަށް ބަލައިލެވުނެވެ.

" މި ގެއަށް ކުޑަކުއްޖަކު އަންނަން އުޅޭ ވާހަކަ ބުނަން ވެގެން." އަނޫޝާ އިސްޖަހައިގެން އިނދެ ބުނެލިއެވެ. އެއާއެކު ރާމިޒާ އަދި ވަފީއަކަށް ވެސް އަނޫޝާ އެ ބުނި އެއްޗެއް ފަހުމުއެއް ނުވިއެވެ.

" ކުޑަ ކުއްޖެކޭ؟ ކާކު؟ އަނެއްކާ ޒައިދްގެ ގޭ ބަޔަކު އަންނަނީތަ؟" ރާމިޒާ ޒައިދްއަށް ބަލައިލަމުން ބުންޏެވެ.

" ނޫން. މަންމައަށް މާމަ ކިޔާ ދަރިޔަކު..." އަނޫޝާ ބުނެލިއެވެ.

އެއާއެކު ރާމިޒާއާއި ވަފީއަށް ވެސް ތެޅިގަނެވުނެވެ. އެ ހިނދު މާތްﷲއަށް ޙަމްދު ކުރެވުނީ ވެސް ދެ މީހުންނަށް ދާދި އެކުއެކީގައެވެ.

" ނާހަމަ ތެދެއްތަ؟ މަންމަމެން ހާދަ އުފާވެއްޖެޔޭ. ދަރިފުޅު ދެން ވަރަށް ބަލައިގެން އުޅެންވާނީ. " ރާމިޒާ ބުންޏެވެ.

އޭރު ވެސް އަނޫޝާ އިނީ އިސްޖަހައިގެންނެވެ.

" ރަނގަޅު ކާނާ ކާން ފަށަންވީއޭ. ރަނގަޅަށް ހުންނަ އިރު ވެސް އަނޫ ނުކާނެ ތަރުކާރީކޮޅެއް. " ރާމީޒާ އިތުރު ކޮށްލިއެވެ.

" ދެން ނުކައެއް ނުވާނެ. ބައްޕަ މި ދަނީ ހަމީދުބޭގެ ދަނޑަށް. އެ ބޭބެ އުޅޭނެ މި ގަޑީގައި އެއްޗެހި ކަނޑަން ގޮސްގެން. ފަޅޮލާ، ބަރަބޮލާ، ކަރަޔާ، ފުފުލާ، ބަށި ލިބޭނެ އެ ދަނޑުން ގައިމު ވެސް. އެ ހުރިހާ ސާމާނެއް ހަމަ މިއަދު ގެއަށް ވައްދާނަން. އަނޫއަށް ކާންދިނުމަކީ ރާމިޒާއާއި ޒައިދްގެ ކަމެއް. މަގޭ އަލަތު ކާފަ ދަރިފުޅަށް ތަރުކާރީ މީރު ކޮށްލަން ވާނެ." ވަފީ ހުރީ އުފަލުން ފޮޅިފައެވެ.

ބައްޕައާއި މަންމައަށް ލިބުނު އުފާވެރިކަން ޒައިދްއަށް ދައްކަން އަނޫޝާ ކިތަންމެހާ ވެސް ބޭނުންވެއެވެ. ޒައިދްގެ ވިސްނުން ހުރި ގޮތް އެނގުމުން، އަނޫޝާ އަދިވެސް އިނީ އިންތިހާއަށް ފިކުރު ބޮޑުވެފައެވެ.

" ޒައިދް ބުނި ފައިސާ ނެތިއްޔާ ދަރިފުޅު ބަލާނީ ކިހިނެއްހޯ؟" އަނޫޝާ ބުންޏެވެ.

އަނޫޝާ އެ ވާހަކަ ބުނުމުން ޒައިދްއަށް ތެޅިގަނެވުނެވެ. އޭނާ އިންތިހާއަށް ލަދުވެސް ގަތެވެ. އަދި އަނޫޝާދެކެ ރުޅި ވެސް އައެވެ.

" ސުބްޙާނަﷲ. އެހެން ބުނާކަށް ވެސް ނުވާނެއެއްނު. މަންމަމެން މިހެން ތިއްބާ ދަރިފުޅުމެން ހާލަކު ނުޖެހޭނެއެއްނު." ރާމިޒާ އަނޫޝާގެ ބުރަކަށީގައި ފިރުމާލިއެވެ. އެއާއެކު އަނޫޝާ ވަގުވަގަށް ޒައިދްއަށް ބަލައިލިއެވެ. އޭރު ޒައިދް އިނީ އިސްޖަހާލައިގެންނެވެ.

އެނދުމަތީގައި އެތައް އިރެއް ވަންދެން އޮތުމަށްފަހު، ޝިކާ ބޭރަށް ނިކުތް އިރު ކިޑީ ބޭރުގައި އިނެވެ. އަކްރަމް ފެންނަން ނެތުމުން ވެސް ކިޑީއާ އެއްވެސް ސުވާލެއް ކުރާކަށް ޝިކާ ބޭނުމެއް ނުވިއެވެ. އެނބުރި ކޮޓަރިއަށް ވަންނަން އޭނާ ހިނގައިގަތީއެވެ. ނަމަވެސް ކުރިއަށް ނެގި ފިޔަވަޅު ފަހަތަށް އަޅަން ޖެހުނީ ކިޑީގެ އަޑަށެވެ.

" އަކްރަމް ރުޅި އަރުވާލީ ދޯ؟" ކީޑީ ބުނެލިއެވެ.

ސިއްސައިގެން ގޮސް ޝިކާ ކިޑީއަށް ބަލައިލި އިރު އޭނާ ސިނގިރެޓެއް ރޯކޮށްލަނީއެވެ. އެއް އަތުގައި ކޯކް ފުޅިއެއް ވެސް އޮތެވެ.

" ކީއްވެ ތިހެން ތި ބުނީ؟" ޝިކާ ސުވާލު ކުރީ ހިތްހަމަ ނުޖެހިގެންނެވެ. އެއާއެކު ކިޑީ ބާރު ހިނިގަނޑެއް ޖަހާލިއެވެ.

" އަހަރެން ދުށިން އަކްރަމް ނިކުމެގެން ދިޔަތަން. އޭނަ ދިޔަ ގޮތުން އަހަންނަށް އެނގުނު ކަމެއް ވެއްޖެކަން. އަޅެ ބުނެބަލަ! މަށާ ހެދިތަ؟" ކިޑީ އެހިއެވެ.

ކުއްލިއަކަށް އޭނާ އެ ސުވާލު ކުރުމުން ޝިކާއަށް ޖަވާބު ދޭން އުނދަގޫވިއެވެ.

" އަހަރެން ކީއްވެ؟ ކިޑީއާ ހެދި..." ޝިކާ ދެ ފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ.

" ނޭނގެ. ނޭނގޭތީތާ މަ މި އަހަނީ؟ އަހަރެން އަކްރަމްއާ އެހާ ގާތްކޮށް އުޅޭތީ ޝިކާއަށް ހަޖަމް ނުވާހެން ހީވަނީ. މިއީ އަނެއްކާ ކުށްހީއެއްތަ؟" ކިޑީ ބުންޏެވެ.

ކިޑީގެ ވާހަކަ ހުރި ގޮތުން ޝިކާ އިންތިހާއަށް ރުޅިއައެވެ. ނަމަވެސް ކިޑީއާ އިތުރަށް ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއްކަން އޭނާގެ ސިކުނޑި އެ ވަގުތު ވިސްނައިދޭންފެށިއެވެ. އެހެންކަމުން ޝިކާ ބެލީ، ވީހާ ވެސް އަވަހަކަށް އެތަނުން ދެވޭތޯއެވެ. އެއްޗެއް ބުނުމެއް ނެތި ޝިކާ، ގެއަށް ވަންނަން އެނބުރިގަތް ވަގުތު އަނެއްކާ ވެސް ކިޑީގެ އަޑު އިވިއްޖެއެވެ.

" އަހަންނާ އަކްރަމްގެ އެއްވެސް ނުބައި ގުޅުމެއް ނޯންނާނެ. " ކިޑީ ބުންޏެވެ.

ނަމަވެސް ޝިކާ ހުރީ ކިޑީގެ މޫނަށް ވެސް ބަލައިލަން ބޭނުން ނުވެފައެވެ. އޭނާ އިތުރަށް މަޑުނުކޮށް އެތެރެއަށް ވަދެގެން ދިޔައެވެ. އޭރު ޝިކާ ތުރުތުރުއަޅައެވެ.

" މިއީ ހަނީމޫނެއް ވެސް ނޫން. މުޅި ދަތުރު ހަރާބު." ޝިކާއަށް ބުނެވުނެވެ.

ރުޅި އައިސް ހުރި ވަރުން ޝިކާ ބޭނުން ވީ ނިދޭތޯ ބަލާށެވެ. އެކަނި ކޮޓަރި ތެރޭގައި އިންނަން ވެއްޖެނަމަ އިތުރަށް މޫޑު ވާނީ ގޯސްކަން އޭނާއަށް އެނގެއެވެ.

އަކްރަމް ގެއަށް އައީ ހަވީރު ވެސް ވީ ފަހުންނެވެ. އޭރު ވެސް ޝިކާއަށް އޮތީ ނިދިފައެވެ. ނަމަވެސް އަކްރަމްގެ އަޑުން ޝިކާއަށް ހޭލެވޭކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ. ދެ ލޯ ހުޅުވާލި އިރު އަކްރަމް އިނީ އެނދުގެ މަގަތުގައި އިށީނދެއެެވެ. އަކްރަމްގެ މޫނުމަތިން އޭނާ ހަމަޖެހިފައި ހުރިކަން ޝިކާއަށް ދެނެގަނެވުނެވެ. އެހެންވެ ކޮންމެވެސް ވަރަކަށް ޝިކާގެ ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ.

" ހާދަ ލަހުން ތި އައީ؟" ޝިކާއަށް ބުނެވުނެވެ.

" މިއައީ ޓިކެޓް ބަދަލުކޮށްގެން. މިރޭ ފުރަން." އަކްރަމް ދިން ޖަވާބުން ޝިކާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ކަންބޮޑުވެފައިވާ ޝިކާގެ މޫނަށް ބަލަހައްޓައިގެން އިނދެ އަކްރަމް އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.

" ޝިކާއަށް މި ދަތުރު އެހާ އުފާވެރި ނުވީމަ އަހަރެންގެ މޫޑު ވެސް މުޅިން ބަދަލު ވެއްޖެ." އަކްރަމް ބުނެލިއެވެ. އެއާއެކު ޝިކާއަށް ރޮވޭ ގޮތް ވިއެވެ. އެތަކެއް ޝަކުވާތަކެއް ހިތުތެރޭގައި ބޮނޑިވެ ތޮއްޖެހެން ފެށިއެވެ. ޖަޒްބާތުތައް ނުހިފެހެއްޓިގެން ބޭރު ކޮށްލަން ވެސް އޭނާގެ ހިތް އެދެން ފެށި ކަހަލައެވެ.

" އެކަމަކު... އަހަރެންގެ ހިޔާލެއް ހޯދާލި ނަމަ. އަހަރެން ހެޕީ ނުވަނީ ކީއްވެކަން އަކްރަމްއަށް އެނގެއެއްނު. އަހަރެމެން ދެ މީހުން އެކަނި ގެސްޓްހައުސްއަކަށް ދިޔަނަމަ މިހެން ނުވީހެއްނު." ޝިކާ ބުނެލިއެވެ.

އެއާއެކު އަކްރަމް ކޮޅަށް ތެދުވެއްޖެއެވެ.

( ނުނިމޭ)

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)