ކުރީގެ އަދަދާއި ގުޅޭ:

" އަޅެ ހާދަ އުފާވެއްޖެޔޭ." އެ ކުއްޖާ ބާރުބާރަށް ބުނެލިއެވެ. އެ ހިސާބުން އެއީ ދިވެއްސެއްކަން ވެސް ޝިކާއަށް އެނގުނެވެ.

Ad
rt

އޭނާގެ ގައިގައި އަކްރަމް ބައްދާލުމުން ޝިކާއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އަކްރަމް ވެސް އޭނާގެ ބުރަކަށީގައި ދެ ފަހަރަކު ޖަހާލިތަން ޝިކާއަށް ފެނުނެވެ.

" އަކޭ؟ މިއީ؟ ހޫ؟ ކާކު؟" ކުއްލިއަކަށް އެ އަންހެން ކުއްޖާ އަކްރަމްއާ ސުވާލު ކުރީ ދެ ކޮނޑު އުފުލައިލަމުންނެވެ.

އެ އަންހެން ކުއްޖާގެ މޫނުމަތީގައިވާ ހައިރާންކަން ފެނި، ޝިކާ ހިތްހަމައެއް ނުޖެހުނެވެ. އޭނާ އެހާ ހައިރާން ވާންވީ ސަބަބެއް ޝިކާއަކަށް ނުވިސްނުނެވެ.

" މައި ވައިފް. " އަކްރަމް ބުނެލީ ހިނިއައިސް ހުރެއެވެ.

އޭރު ވެސް ޝިކާ ހުރީ އެ ކުއްޖާގެ މޫނަށް ކަޅި ޖަހައިނުލާ ބަލާށެވެ.

" އޯހް ނޯ! ދޮގު ހަދަނީތަ؟ ޔަގީން ދޮގެއް. އަހަރެން ކައިރީ ނުވެސް ބުނަމެއްނު." އޭނާ އެހެން ބުނުމަށްފަހު އަކްރަމްގެ މޭގައި ޖަހާލިއެވެ.

އެ މަންޒަރު ފެނި، ޝިކާއަށް ނޭވާ ހިފަހައްޓައިލެވުނީ ކިރިޔާއެވެ.

" އަހަރެން ހަމަ ސަޕްރައިޒެއް ދޭން ބޭނުންވީ. ޝިކާ! މިއީ ކިޑީ. އަހަރެންގެ ފްރެންޑެއް. " އަކްރަމް ޝިކާއަށް ބަލައިލަމުން ބުނެލިއެވެ.

" އަކޭ ގެންގުޅެން އެހާ ފަސޭހައެއް ނުވާނެ އިނގޭ. ވަރަށް ލާނެތް ވާނެ." ކިޑީ ބުންޏެވެ. މަޖާވެލާފައެވެ.

ހީލަން ބޭނުން ނުވި ނަމަވެސް، ޝިކާ ގަދަކަމުން ހިނިތުންވެލިއެވެ.

" އޯކޭ. ހިނގާ ދާން. އަކޭ ރޫމް ބުކް ކުރަން ބުނީމަ އަހަރެން އެކަމެއް ނުކުރަން. ހީކުރީ އަކޭ އެކަނި އަންނަނީ ކަމަށް. އެހެންވެ." ކިޑީ ބުންޏެވެ.

އެއާއެކު ޝިކާއަށް ސިހިފައި އަކްރަމްގެ މޫނަށް ބަލައިލެވުނެވެ. އޭރުވެސް އަކްރަމް ހުރީ ލުއި ހިނިތުންވުމެއްގައެވެ.

" އެކަނި އަޔަސް، އަކްރަމްއަށް ހުރެވޭނީ ރޫމެއްގައެއްނު. " ކެތް ނުވެގެން ޝިކާއަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.

ކިޑީއާމެދު އޭރު ވެސް އޭނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ފޫހި ވެފައެވެ. އަކްރަމްއާ އޭނާ އެހާ ގާތްވާތީ ރުޅިގަދަ ވެފައެވެ.

" އަހަރެން މި އުޅެނީ ދެ ރޫމް އެޕާޓްމަންޓެއް ނަގައިގެންނޭ. އެހެންވެ، މަޖާ ވެސް ވާނެއެއްނު އަހަރެންގެ ގޭގައި ހުރީމަ. އަަހަރެން އެކަންޏޭ މި އުޅެނީ." ކިޑީ ބުންޏެވެ.

" އާނ. ހިނގާ! މާ ރަނގަޅެއްނު." އަކްރަމް ޖަވާބުދިނީ ނުހަނު އަވަހަށެވެ.

އަކްރަމްގެ އެ ނިންމުމާމެދު ޝިކާ ހިތްހަމައެއް ނުޖެހުނެވެ. އޭނާގެ ހިތް ވަގުތުން މޯޅިވެ ދަތުރުގެ އުފާވެރިކަން ގެއްލުނު ކަހަލައެވެ. ނަމަވެސް ހިތާ ދެކޮޅަށް ކިޑީގެ ކާރާ ދިމާލަށް ޝިކާ ވެސް އަކްރަމްގެ ފަހަތުން ހިނގައިގަތެވެ.

" އޭ އަކޭ އާދޭ ކުރީ ސީޓަށް. ލައްކަ ދުވަސް ވެއްޖެއެއްނު ދިމާ ނުވަނީ. " ކިޑީ ބުނެލީ ނުހަނު ބާރަށެވެ.

އެއާއެކު ބޮޑު ހިނިގަނޑެއް ޖަހާލަމުން އަކްރަމް ގޮސް ކާރުގެ ކުރީ ދޮރުފަތް ހުޅުވާލިއެވެ. ބުމައިގައި ގޮށް ޖަހައިގެން ހުރެ، ޝިކާ ކާރުގެ ފަހަތަށް އެރިއެވެ. ކާރު ދުއްވާލުމާއެކު ކިޑީ ސަކަރާތް ޖަހަން ފެށިއެވެ. އޭނާގެ ހުނުމުގެ އަޑުން ޝިކާ އިނީ ބޮލުގައި ރިއްސައިގަނެފައެވެ. އަކްރަމް ވެސް އެއްވެސް ވަރަކަށް ޝިކާއަކަށް ބަލައެއް ނުލައެވެ. ކިޑީއާ ދެ މީހުން ތިބީ އޮލަ ވާހަކައިގައެވެ.

" ޝިކާ. އޯކޭތަ؟ " ކުއްލިއަކަށް އަކްރަމް ފަހަތް ބަލައިލަމުން އެހިއެވެ.

ފޫހިކަމާއެކު ޝިކާ ބޯ ޖަހާލުމަށްފަހު އަނެއްކާ ވެސް އޭނާ ބޭރަށް ބަލައިލިއެވެ. ޝިކާގެ އެ ހަރަކާތްތަކުން އޭނާ ހިތްހަމަ ނުޖެހިފައި އިންކަން އަކްރަމްއަށް އެނގުނެވެ. ނަމަވެސް އޭނާ އެކަމާ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ.

ގަޑިއެއްހާ އިރުގެ ދަތުރަކަށް ފަހު، ކިޑީގެ ގެއަށް ދެވިއްޖެއެވެ. ދަބަސްތައް ހިފައިގެން އަކްރަމް ގެއަށް ވަނީ ކިޑީގެ ފަހަތުންނެވެ. ފޫހިވެފައި ހުރެ ޝިކާ ވެސް އެ މީހުންނާއެކު އެތެރެއަށް ދިޔައެވެ.

" އެ ރޫމަށް ލައި އެއްޗެހި. އަކޭ އަހަރެން އެކަނި އުޅޭތީ ވަރަށް ނުކައްކަން. ހިނގާ މަށާއެކު އެއްޗެއް ގަންނަން ދާން. " ކިޑީ ބުންޏެވެ.

އެއާއެކު އަކްރަމްއަށް ޝިކާގެ މޫނަށް ބަލައިލެވުނެވެ.

" ޝިކާ ހީވަނީ ވަރަށް ވަރުބަލިވެފައި ހުރިހެން. ދޭ ޖައްސާލަން. އަހަރެމެން އަންނާނަން ކޮންމެވެސް އެއްޗެއް ކާން ހިފައިގެން. އާދޭ އަކޭ އަވަހަށް. ކެފޭތައް ބަންދުކޮށްފާނެ އެއްނު." ކިޑީ އެހެން ބުނެ، އަކްރަމްގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ބޭރަށް ނިކުމެއްޖެއެވެ.

ޝިކާ ހުރީ ދެ އަތް އުރާލައިގެން ކަޅި ޖަހައިނުލާ އަކްރަމްއަށް ބަލާށެވެ. އޭނާ ހިތްހަމަ ނުޖެހިފައި ހުރި ވަރު އެ ދެ ލޮލުން އަކްރަމްއަށް ރަނގަޅަށް ހާމަވެއެވެ.

" އެބަ... އަންނަން އިނގޭ." އަކްރަމް އެހެން ބުނެ ނުނިމެނީސް ޝިކާ ބާރު ބާރަށް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް އެނދުމަތީ އިށީނދެ، ދެ އަތުން މޫނުގައި އަތް އެޅިއެވެ. އޭރު އޭނާގެ ހިތުގައި ހުޅު ހިފި ކަހަލައެވެ. ރުޅި ގަދަވެގެން ގޮސް ދަތްތަކަށް ވެސް ބާރު ކޮށްލެވުނެވެ.

އަކްރަމް އާއި ކިޑީ އެނބުރި އައީ އެ މީހުން ދިޔަތާ ދެ ގަޑިއިރު ފަހުންނެވެ. އޭރު ޝިކާ އޮތީ ފެންވަރައިގެން އޮށޯވެއެވެ. ހިތްހަމަ ނުޖެހިފައި ހުރި ވަރުން ބަނޑުހައިވާކަން ވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޝިކާ އަވަސް އަވަހަށް ދެ ލޯ މެރިއެވެ. އަކްރަމް އައިސް މަޑުމަޑުން ގުދުވެލުމަށްފަހު ޝިކާގެ ގައިގައި އަތް ޖައްސާލީ ޝިކާއަށް ގޮވާލަމުންނެވެ. ނަމަވެސް ލޯ ހުޅުވާނަމޭ ޝިކާގެ ހިތަކު ނެތެވެ. ނިދިފައި ކަމަށް ހެދިގެން އޭނާ އޮތީ ރުޅި ގަދަވެގެންނެވެ.

" ހޭ. ތެދުވެބަ ބާގާއެއް ހިފައިގެންނޭ މި އައީ." އަކްރަމް ތަންކޮޅެއް ބާރަށް ބުންޏެވެ.

ލޯ ނުހުޅުވާ ވާނެ ގޮތެއް ނެތްކަން އެނގުމުން ޝިކާ މަޑުމަޑުން އަކްރަމްއަށް ބަލައިލިއެވެ. އޭރު ޕާރްސަލް ތައްޓެއް ހިފައިގެން އަކްރަމް އެނދުކައިރީގައި ހުއްޓެވެ.

" ތެދުވޭ މި ކާލަން. " އޯގާތެރިކަމާއެކު އަކްރަމް ބުންޏެވެ.

އެ ވަގުތު ޝިކާއަށް ލިބުނީ މާ ބޮޑު ހައިރާންކަމެކެވެ. އޭނާ މަޑުމަޑުން ތެދުވެ، އެނދުގައި ދެ އަތް ވިއްދާލިއެވެ.

" އަހަރެން އެކަނިތަ ކާންވީ؟ އަކްރަމް ނުކާނަންތަ؟" ޝިކާ ސުވާލު ކުރިއެވެ.

" އަހަރެން... އަހަރެން ކައިފިން. " އަކްރަމް ބުނެލީ ޖެހިލުންވެ ހުރެއެވެ. އެއާއެކު ޝިކާ ވަގުތުން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

" ކިޑީ ބުނެގެން ކެއީ. އޯކޭއެއްނު ޝިކާއަށް ހިފައިގެންނޭ މި އައީ. ބަނޑުހައި ނުވަނީތަ؟" އަކްރަމް ބުންޏެވެ.

އޭނާ ޝިކާއާ ދާދި ކައިރީގައި އިށީން އިރު ޝީކާ އިނީ ފެންކަޅި ވެފައެވެ. ނަމަވެސް އޭނާ އެކަން އަކްރަމްއަށް ދައްކަން ބޭނުން ނުވާތީ އަވަސް އަވަހަށް ތެދުވިއެވެ.

" މާ ލަސްވެއްޖެ ކާން. ނެތް ކާހިތެއް. " ޝިކާ އެހެން ބުނުމަށްފަހު ފާހާނާއަށް ވަނެއެވެ.

ފާހާނާގެ ލޯގަނޑުން މޫނަށް ބަލަހައްޓައިގެން ހުރެ ޝިކާ ގިސްލަމުން ދިޔައީ އޭނާ ކުރި ފޮނި އުއްމީދުތަކުގެ ކުލަ ބަދަލުވަމުން ދާތީއެވެ. އެ ވިސްނުމުގައި ހުއްޓާ، އޭނާގެ ކޮޓަރީގައި ޓަކި ޖަހާލި އަޑަށް ޝިކާ ފާހާނާ ދޮރާ ކުޑަކޮށް ކައިރިވެލިއެވެ.

" ބިޒީތަ އަކޭ؟" އިވުނީ ކިޑީގެ އަޑެވެ.

" ނޫނޭ. ކިހިނެއް ވީ؟" އަކްރަމްގެ ހާސްވެފައިވާ އަޑުން ފާހާނާގައި ހުރި ޝިކާގެ ހިތް ތެޅިގަތެވެ.

" އަދި ބޭރަށް ޖައްސާލަން ޖެހިގެން. ބޭހެއް ގަނެލަން ކަމަށް." ކިޑީ ބުންޏެވެ.

އެއާއެކު ދެން އިވުނީ ކޮޓަރީގެ ދޮރު ލެއްޕުނު އަޑެވެ. ޝިކާ އަވަސް އަވަހަށް ފާހާނާއިން ނިކުތީ އަކްރަމް ދިޔައީތޯ ޔަގީން ކުރާށެވެ.

" ކޮންފަދަ މުސީބާތެއްތަ މި ޖެހުނީ." ޝިކާއަށް ބުނެވުނެވެ.

" އޭނަ އެ އުޅެނީ މޮޔަ ވެގެންތަ؟ ގެއަށް ގެނެސް ވައްދައިގެން އެވަރު ނުވެގެން އަކްރަމް މިތާ މަޑުވިޔަކަވެސް ނުދޭ." ޝިކާއަށް ބުނެވުނީ ބާރަށެވެ. ރުޅި އައިވަރުން އޭނާ ގޮސް އަކްރަމް ގެނައި ބާގާ ޑަސްބިނަށް ލައިފައި ގޮސް އޮށޯތެވެ.

ފުރޮޅިފުރޮޅި ވެސް ޝިކާއަކަށް ނުނިދުނެވެ. އަކްރަމް އަންނަން ދެން ވެސް އޭނާ އޮތީ ހޭލައެވެ. ހިތުގައި ހިނގަމުން ދާ ހައިޖާނުގަނޑަކަށް ނިމުމެއް ނައެވެ. އަކްރަމް އައިސް ކޮޓަރިއަށް ވަނުމާއެކު ޝިކާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ.

" އަދިވެސް ނުނިދަންތ؟" އަކްރަމް ސުވާލު ކުރިއެވެ.

އަތުކުރީގައި އޮތް ގަޑި ނަގައި، ޑްރެސިންޓޭބަލް މަތީ ބާއްވަމުން އޭނާ ޝިކާއަށް ބަލައިލިއެވެ. އޭރު ޝިކާ އިނީ ހިތްހަމަ ނުޖެހޭ ގޮތަކަށް އަކްރަމްއަށް ބަލަހައްޓައިގެންނެވެ.

" ކޮންތާކުން ތި އައީ؟" ޝިކާ އެހިއެވެ.

" ކިޑީއާއެކު ބޭހެއް ގަންނަން ގޮސް." އަކްރަމް ދިނީ ކުރު ޖަވާބެކެވެ.

ޝަކުވާ ކުރަން ކިތަންމެ ބޭނުންވިޔަސް، ޝިކާ އިނީ ޝަކުވާ ނުކުރަން ނިންމައިގެންނެވެ. އަކްރަމް ރުޅިއަރުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހާ އަވަހަށް ޝަކުވާ ކުރަން ފަށައިފިނަމަ އަކްރަމް އޭނާ ދެކެ ފޫހިވެދާނެތީ ހުދު ޝިކާ ބިރުގަނެއެވެ. އެކަމަކު ކިޑީ ބުނާ ކަންތައްތައް ކުރަން އަކްރަމް ދެކޮޅު ނުހަދާތީ، ޝިކާ ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައެވެ. އޭނާއަށް މިހާރު ކުރެވެނީ ކިޑީއަށްޓަކައި ޝިކާ ދުރުކުރާ ކަހަލަ އިހްސާސެކެވެ. ބައެއް ފަހަރު އަކްރަމްއަށް ކިޑީ މާ މުހިއްމުހެން ވެސް ހީވެއެވެ.

" ކިޑީއަކީ ވަރަށް ގާތް ފްރެންޑެއްތަ؟" ޝިކާ އަހާލިއެވެ.

އޭރު އަކްރަމް ހުރީ ފެންވަރަން ވަންނަން ތައްޔާރުވާށެވެ.

" ކިހިނެއްވީ؟ " އަކްރަމް ވެސް ކުރީ ސުވާލެކެވެ.

" ކަމެއް ނުވެ. އޭނަ އުޅޭ ގޮތުން ހީވަނީ ވަރަށް ގާތް ހެން." ޝިކާ ބުންޏެވެ.

އެއާއެކު އަކްރަމް ކުރު ހިނިގަނޑެއް ޖަހާލިއެވެ. ދަބަހުން ތުވާލި ނެގުމަށްފަހު އޭނާ ޝިކާއަށް ބަލައިލީ ހެމުންނެވެ.

" އޭނަ ވަރަށް މަޖާ ވާނެ. ކުޑަކުދިންގެ ގޮތްގަނޑު ހުންނާނީ. " އަކްރަމް ބުނެލިއެވެ.

" ކިހިނެއް އޭނައާ ދިމާވީ؟ " ޖެހިލުންވެ އިނދެ ޝިކާ އެހިއެވެ.

" ކިޑީއަކީ ކުރިން މި ކޮޅަށް އައި ފަހަރަކު މަ ގެންގުޅުނު ޑްރައިވަރ ގެ ފްރެންޑެއް. އަހަރެމެން ހުރިހާ ތަނަކަށް ވެސް ދަތުރު ކުރީ އެއްކޮށް. ވަރަށް ދުވަސް ވަންދެން އުޅުނިން މިކޮޅުގަ." އަކްރަމް އެހެން ބުނެ، މަޑުކުރުމެއްނެތި ގޮސް ވަނީ ފާހާނާއަށެވެ.

ތުންދަމައިގެން އިން ޝިކާއަށް ދެ ފަހަރަކު ހެޑްބޯޑުގައި ބޯ ޖަހައިލެވުނީ އޭރު ވެސް ހިތަށް ހަމަޖެހުމެއް ނުލިބޭތީއެވެ.

ޖަނބުރޯލް ގަސްދޮށުގައި ހުރި ޖޯލިފަތީގައި ޒައިދް އޮތީ ފުން ވިސްނުމެއްގައެވެ. ދުފާތަބަށް ހިފައިގެން އައިސް އަނޫޝާ ޖޯލިފަތީގައި އިށީންކަން ވެސް ޒައިދްއަށް ނޭނގޭ ކަހަލައެވެ.

" އޭ!" އަނޫޝާ ގޮވާލިއެވެ.

އެއާއެކު ޒައިދް ލޯ ހުޅުވާލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ.

" ދުފާލާނަންތަ؟" އަނޫޝާ ސުވާލު ކުރިއެވެ. ޒައިދް ދެ ފަރާތަށް ބޯ ހޫރާލަމުން ދުރަށް ބަލައިލިއެވެ.

އެ ވަގުތު ޒައިދް ކޮންމެވެސް ކަމަކާ މޫޑު ގޯސްވެފައި އިންކަން އަނޫޝާއަށް ޔަގީން ކުރެވުނެވެ. އުނގުމަތީގައި ހުރި ދުފާތަބަށް، ޖެހިގެން ހުރި ޖޯލީގައި ބަހައްޓަމުން އަނޫޝާ ވާހަކަ ދައްކަން ފެށިއެވެ.

" ކޮންކަމަކާތަ ކަޓާފައި ތި ހުރީ؟" އަނޫޝާ އެހިއެވެ.

އެއާއެކު ޒައިދް އަނެއްކާ ވެސް ހީލިއެވެ. ނަމަވެސް އޭނާ އަނޫޝާގެ މޫނަކަށް ނުބަލައެވެ. އަދިވެސް އިނީ ދުރަށް ބަލަހައްޓައިގެންނެވެ.

" ދެން ބުނެބަލަ. ޒައިދް! ކިހިނެއްވީތަ؟" އަނެއްކާ ވެސް އަނޫޝާ އެހިއެވެ.

" އަނޫ އަހަންނާ މެރީކޮށްގެން އުޅެން ހެޕީތަ؟" ޒައިދް އެހިއެވެ.

އެއާއެކު އަނޫޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަތުގައި އޮތް ބިލެތް ކޮޅު، ކާލަމުން އޭނާ ޒައިދްގެ ކޮނޑުގައި ބޯ ޖައްސާލީ ވެސް ހެމުންނެވެ..

" އަހަރެން ހެޕީ ނުވާ ކަމަށްތަ ތި ފިކުރު ކުރަނީ؟ ޒައިދް ނުލިބިގެން ކިރިޔާ މޮޔަ ނުވެ ހުރި މީހަކަށް، ޒައިދް ލިބުނީމަ އުފާވާނެވަރު ނޭނގޭތަ؟" އަނޫޝާ ބުންޏެވެ.

" އަނޫ ވެސް ހަނީމޫނަށް ކޮންމެވެސް ތަނަކަށް ދާން ބޭނުން ވާނެއެއްނު. އަހަރެންގެ އެ ފެންވަރު ނެތީމަ ވަރަށް ދެރަވޭ." ޒައިދް ބުންޏެވެ.

ޒައިދްގެ ވާހަކަ އަޑު އަހާފައި އަނޫޝާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" އަހަރެން އެއްފަހަރު ވެސް ޒައިދް ކައިރީ ތި ކަހަލަ ވާހަކައެއް ދެއްކިންތަ؟ ހަނީމޫނަށް ދާން އަހަރެން ހިތަށް ވެސް ނާރާ. ދެން ޒައިދް ކޮން ބޭކާރު ކަންކަމަކާ ތި ވިސްނަނީ؟" އަނޫޝާ ބުންޏެވެ.

" އެއީ ބޭކާރު ކަމެއް ނޫނޭ. އަހަރެންގެ އަނބިމީހާގެ އުފާތަކާމެދު އަހަރެން ވިސްނާނެއެއްނު. އަސްލު ހިތަށް އަރާ އަނޫގެ ވެސް އުއްމީދުތަކެއް ހުންނާނެޔޭ. އެކަމަކު ކިހިނެއްބާވައޭ އަހަރެން އަނޫ އުފާ ކޮށްދޭނީ؟" ޒައިދް ބުންޏެވެ.

" އަހަރެން އުފާވާނެ ޒައިދް އަހަރެން ކައިރީ ހުންނަންޏާ." އަނޫޝާ ބުންޏެވެ. އެއާއެކު ޒައިދްއަށް ފުން ނަޒަރަކުން އަނޫޝާގެ މޫނަށް ބަލައިލެވުނެވެ. އޭރު އަނޫޝާގެ މޫނުމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުން ވެސް ޒައިދްގެ ހިތަށް އުފާވެރިކަން ލިބުނެވެ.

( ނުނިމޭ )

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)