ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބޭހޭ ކޮމިޓީ (241 ކޮމެޓީ)ގެ މުޤައްރިރުކަމުގެ މަޤާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިޚާބުކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތަމްސީލުކުރެއްވުމަށް، ހުށަހެޅިފައިވާ ގޮތަށް ފާސްކުރެއްވުން ކުރިއަށް ގެންދަވާފައެވެ.
މަޖިލީހުގެ ޖަލްސާއަށްފަހު 241 ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، ކޮމެޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އިންތިޚާބުކުރުމުގެ ކުރިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނަންތައް ވަނީ އިއްވާފައެވެ. އެ މެންބަރުންނަކީ،
- އޭދަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް
- އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް
- ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް
- ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
- ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޛިމް
- ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް
- މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިޤް
- ހަނިިމާދޫ ދާއިރާގެ މެންބަރު އަބްދުލްޤަފޫރު މޫސާ
- މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު
- މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
- ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮމެޓީއެއްގެ މުޤައްރިރު ނުވަތަ ނައިބު މުޤައްރިރުކަމަށް ހުށަހެޅޭނަމަކަށް ވޯޓަށް އެހެނީ ހަތް މެންބަރުންގެ ތާއީދު ލިބިގެންނެވެ.
މިގޮތުން ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މުޤައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމްގެ ނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އެވެ. ތާއީދު ކުރެއްވީ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ. އިތުރު ނަމެއް ހުށަހެޅި ތާއީދު ލިބިފައި ނެތުމުން ސަލީމްގެ ނަމަށް ވޯޓަށް އަހައި، އެ ނަން ފާސްކުރީ ކޮމެޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.
ނައިބު މުޤައްރަރިރަކަށް ހުށަހަޅައި ތާއީދު ލިބުނީ ވެސް އެންމެ ނަމަކަށެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވައި، އޭދަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ތާއީދު ކުރެއްވި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ ނަމެވެ. މި ނަންވެސް ވަނީ ކޮމެޓީގެ މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!