އިސްލާމީކަންތަތަކާބެހޭ ވުޒާރާއިން، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް މިއަދު އިފްތިތާޙުކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނުއްވާފައިވާ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެކުލަވާލި މަޖިލީހެއް ކަމަށެވެ.
އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައި، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ.
ސަރުކާރުގެ ވުޒާރާތުގެ އިސް ވެރިން ބައިވެރިވި މި ހަފްލާގައި މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހުގެ ލޯގޯއާއި ކުލަ ވަނީ ދައްކައިލައިފައެވެ. އަދި މިސްކިތްތަކުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ދެއްކިއެވެ.
މި ޙަފްލާ ޝަރަފުވެރިކޮށްދެއްވި ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މި ހަފްލާގައި ދެއްކެވި ވާހަކާގައި މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހެއް އޮތުމުގެ މުހިންމުކަމަށް އަލި އަޅުއްވާލައްވައި، މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށްދެއްވައިފައެވެ.
މި ޙަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވާހަކަ ދައްކަވާފައިވާއިރު، ވަޒީރު ޑރ. ޝަހީމް ވަނީ، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީސް އެކުލާވާލުމަށް ކުރެވުނު މަސައްކަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލިބިލެއްވި އެއްބާރުލުން ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!