ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ފާސް ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށްޓަކައި މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން މިދިޔަ މަހުގެ 17 ގައި އުފައްދާފައިވާ 22 ވުޒާރާ އާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލިހުން ފާސް ކުރުމަށް ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވީ މި މަހުގެ 18 ގައެވެ.

Ad
rt

މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވި ކަން އިއުލާން ކުރައްވައިފައެވެ.

މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ކުރުމުގެ މައްސަލަ ކޮމިޓީ އަށް ފޮނުވި އިރު، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މިހާތަނަށް 22 ވަޒީރުންނަށް ރުހުން ނުދީ މަޑުޖައްސާލާފައި އޮތް ސަބަބަކީ އެ ވަޒީރުން މަސައްކަތް ކުރާ މިނިސްޓްރީތަކުގެ މެންޑޭޓާ މެދުގައި މަޖިލިހުން ގޮތެއް ނުނިންމާ އޮތުމެވެ.

މި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާގައި ހިމެނުމަށް ފަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވީ ވެސް މެންޑޭޓް ފާސްނުކޮށް އޮތުމުންނެވެ. އެއީ މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާއެއްގައި މި ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްނުކޮށް، ވަޒީރުންނަށް ރުހުން ނުދެވޭނެ ކަމަށް އެމްޑީޕީގެ މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވައި ނިޒާމީ މައްސަލަތައް ނެންގެވުމުންނެވެ.

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދު ނިންމާލާ އިރު އެ މައްސަލައިގައި ގޮތެއް ނުނިންމޭނެއެވެ. ނަމަވެސް އަސްލަމް ވިދާޅުވީ ކޮމިޓީން މައްސަލަ ނިންމުމުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން އެ މަސައްކަތް ނިންމިދާނެ ކަމަށެވެ.