މަގުމަތީގެ ރައްކާތެރި ކަމަކީ، ހަމަ ކޮންމެ މީހެއްގެ ސަލާމަތާއި ގުޅިފައިވާ ކަމެކެވެ. މަގުމަތީ ހިނގާ ބިނގާވާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަދި ހުރިހާ އުމުރުފުރާއެއްގެ މީހުންގެ ސަލާމަތަށްޓަކައި މަގުމަތީގެ ރައްކާތެރިކަން އެހާމެ މުހިންމެވެ. މަގުމަތީ ދުއްވާ މީހުންގެ ސަލާމަތްތެރި ކަމަކީވެސް ހަމައެއް ހަމައަކުން އިސްކޮށް ރައްކާތެރިވާން ޖެހޭ ކަމެއް މެއެވެ.
މަގުމަތީގެ ރައްކާތެރިކަން ލިބޭނީ އަޅުގަނޑުމެންގެ ނަފްސުތައް އިސްލާހްކޮށްގެން ކަމާމެދު ޝައްކެތް ނެތެވެ. އަޅުގަނޑުމެންކުރެ ހިނގާ، ދުއްވާ ކޮންމެ މީހަކުމެ ވާންވީ ހެދިފައިވާ ޤާނޫނުތަކަށާއި، ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބާ މީހަކަށެވެ. ތިމާ ފަދައިން އަނެކާގެ ސަލާމަތަށްވެސް ވިސްނާ، އަނެކުންގެ ރައްކާތެރިކަމަށް ހުރުމަތްތެރިކޮށްހިތާ މީހަކަށެވެ.
ހިނގާމީހުން ހިނގަންވާނީ ހިނގަން ކަނޑައެޅިފައި އޮންނަ މިނުން ބޭރުނުވެ، އަނެކާއަށް ތަންދެމުން މަގުމަތީގެ އަދަބު ތަކަށް އިސްކަން ދީގެންނެވެ. މަގުމަތީ ހިނގާމީހުނަށް އުނދަގޫވާހެން ގްރޫޕް ހަދައިގެން ވާހަކަ ދައްކަން ތިބުމާއި، ދުންފަތުގެ އިސްތިއުމާލުކުރަން ތިބުންފަދަ ނޭދެވޭ އެތައް މަންޒަރެއްދަނީ މަގުތަކުން ފެންނަމުންނެވެ.
ދުއްވާމީހުން ދުއްވަން ވާނީވެސް ދުއްވުމުގެ ޤަވާޢިދާ އެއްގޮތަށެވެ. ގަޑިއަށް ތަނަކަށް ދާންވެފައި އޮތްނަމަ މަގުމަތީގެ ކާރުބާރު އޮންނާނެ މިންވަރަށް ވިސްނައި، ދުރާލާ ނުކުތުމަކީ މުހިންމު ކަމެކެވެ. ވަގުތުނެތި ބާރު ދުވެލީގައި ހަމައެއް ލަމައެއްނެތި ދުއްވުމުން އޭގެ ނުރައްކާއޮތީ ތިމާއަށާއި އަނެކާއަށްވެސް މެއެވެ.
ދުއްވާމީހުން ވަކި މަގަކަށް އަނބުރާލާކަން އަންގައިދިނުމަށް ދޭ ސިގްނަލް ކަނޑާނުލައި މަގުގެ އެތައް ތަނަކަށް ދުއްވާ މަންޒަރު ފެނެއެވެ. އޭގެ ސަބަބުން ފަހަތުން ދުއްވާ މީހުންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ. ކުރިން ދުއްވާމީހާ އަނބުރާލާނެ ވަގުތެއްނޭނގި ވާނުވާގައި އިންނަން ޖެހެއެވެ. ސިގްނަލްނުދީ ކުއްލިއަކަށް ޕާކްކުރުމަށް އަނބުރާލުމަކީވެސް ވަރަށްގިނަ މީހުންގެ އާދައެކެވެ. މިފަދަ ފަރުވާ ކުޑަކުރުންތަކަކީ އާންމުކޮށް ފެންނަ މަންޒަރުތަކެވެ.
ބައި ބަޔަށް ވާހަކާގައި ތިބެ ދުއްވަމުން ދިޔުމާއި، ދުއްވަން އުނދަގޫވާގޮތަށް ޕާކްކުރުން ހުއްދަނޫން ތަންތާ ޕާކްކުރުމާއި، އަނެކާއަށްވާނެ އުނދަގުލެއްނުބަލައި މަޑުކޮށްގެން އިނުމާއި، އަނެކުނަށް ތަންނުދީ އޯވަރޓޭކް ކޮށްފައި ދިއުމާއި މިނޫންވެސް މަގުތީގެ އަދަބުތަކާއި ޤަވާޢިދުތަކާއި ޚިލާފްއެތައްކަމެއްދަނީ މަގުތަކުން ފެންނަމުންނެވެ.
މަގުމަތީ ރައްކާތެރިކަމަށް އެދޭނަމަ ފުރަތަމަ އިސްލާހް ކުރަންވީ އަޅުގަނޑުމެންގެ ނަފްސެވެ. އޭރުން އޮންނާނީ މަގުތީގެ ރައްކާތެރިކަން ކަށަވަރު ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!