ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމްގެ އިސްތިއުނާފީ މައްސަލަ ލަސްވާތީ އިދިކޮޅު ލީޑާޝިޕް މިއަދު ހައިކޯޓަށް ވަޑައިގެންފިއެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.
ޔާމީންގެ ވަކީލުންގެ ޓީމުން އެ ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
އިދިކޮޅު ޕީޕީއެމުން މިއަދު ބުނީ، އިދިކޮޅު ލީޑާޝިޕް މިއަދު ހައިކޯޓަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ލަސްވެ، އެ މައްސަލައިގެ ޚަބަރެއް ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމަށް ކަމަށެވެ.
މިއަދު ކޯޓަށް ވަޑައިގެން އިދިކޮޅު ލީޑާޝިޕްގައި އިސްކޮށް ހުންނެވީ، އިދިކޮޅުގެ ވަގުތީ ލީޑަރު، ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ އެވެ. މީގެއިތުރުން ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއާއި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު އާއި، ޕީއެންސީގެ ނައިބުރައީސް އަދި އިދިކޮޅު ޕީޖީލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް (ޓޮމް) ހިމެނިވަޑައިގަންނަވައެވެ.
ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުން ކުރުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފަވެއެވެ.
އެ ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ނަމަވެސް އިދިކޮޅު ރިޔާސީ ޓިކެޓް އަރުވާފައި ވަނީ ރައީސް ޔާމީނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!