ހދ. ނޮޅިވަރަންފަރު، ކަރަންކާގޭ ޚަދީޖާ އަބްދުﷲ އަކީ އުރަމަތީ ކެންސަރަށް ފަރުވާ ކުރަމުން އަންނަ މީހެކެވެ. އުމުރުން 65 އަހަރުގެ ޚަދީޖާ ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

ޚަދީޖާގެ ބައްޔާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާކުރަމުން ޚަދީޖާގެ ހުރި ހަމައެކަނި ދަރިފުޅު، އަލީ ނަސީރު ބުނެފައި ވަނީ، މަންމައަށް އުނދަގޫތަކެއް ވާތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުނު ކަމަށެވެ. އެ ހޮސްޕިޓަލުން މަންމައަށް އުރަމަތީ ކެންސަރު ޖެހިފައިވާކަން ޔަޤީން ކޮށްދިން ކަމަށާއި، އަދި ލަސްނުކޮށް އޮޕަރޭޝަން ކުރުމަށް ލަފާދިން ކަމަށެވެ. ވުމާއެކު ލަސްނުކޮށް މަންމަ ގޮވައިގެން މާލެ އައިސް އައިޖީއެމްއެޗަށް ދައްކައި އިތުރު ޓެސްޓްތައް ހެދުމަށް ފަހު އޮޕަރޭޝަން ކޮށް އުރަމަތީގެ އެއްފަރާތް ނަގާފައިވާ ކަމަށެވެ.

Ad
rt

ޚަދީޖާގެ އޮޕަރޭޝަނަށް ފަހު ކީމޯ ތެރަޕީ ދިނުމަށް ދާއިމީ ގޮތެއްގައި އައިޖީއެމްއެޗަށް ދައްކަން ޖެހުމާއިއެކު އެ އާއިލާއިން ވަނީ ކުއްޔަށް އުޅެން ޖެހުނު ނަމަވެސް ދިރިއުޅުން މާލެއަށް ބަދަލު ކޮށްފައެވެ.

މަންމަގެ މިހާރުގެ ހާލަތު ސިފަކުރަމުން އަލީ ބުނެފައި ވަނީ އާންމު އުސޫލަކުން ބުނާނަމަ މަންމައަށް މިވަގުތު އަމިއްލައަށް ފާހާއަށް ގޮސް ފާހާނާ ކޮށްލައި ހެދޭ ކަމަށާއި ނަމަވެސް ކީމޯ ދިނުމަށް ފަހު އެ ހަފްތާގައި ރަނގަޅަށް ތެދުވެ ނޫޅެވޭ ކަމަށެވެ.

ނިމިގެންދިޔަ ފެބްރުއަރީ މަހު، ޚަދީޖާ ބަލަމުންއައި ޑޮކްޓަރު ލަފާދީފައި ވަނީ އިތުރު ފަރުވާއަށް އިންޑިއާއަސް ދިޔުމަށެވެ. އަދި އިންޑިއާއަށް ގޮސް ރޭޑިއޯ ތެރަޕީ ދިނުމަށެވެ.

ޚަދީޖާގެ ބޭސް ފަރުވާގެ ހުރިހާ ޚަރަދެއް އާސަންދައިން މިހާރު ހަމަޖެހިފައި ވީ ނަމަވެސް ފަރުވާ ދިނުމަށްޓަކައި އިންޑިޔާގައި ހޭދަވާނެ މުއްދަތެއް ޑޮކްޓަރަށް ވެސް ލަފާކޮށްފައި ބުނަން ނޭނގެއެވެ.

އިންޑިއާގައި ހޭދަވާ މުއްދަތުގައި އެތަނުގައި ތިބުމާއި ކެއިން ބުއިންފަދަ އެންމެހާ ޚަރަދުތަކަކީ އަމިއްލައަށް ހަމަޖައްސަންޖެހޭ ޚަރަދުތަކަކަށް ވުމާއިއެކު އެ ޚަރަދު ކުރެވޭނޭފަދަ މިވަގުތު ނެތުމުގެ ސަބަބުން އެ ފަރާތުން އަންނަނީ އާންމުގެ އެހީތެރިކަމަށް އެދެމުނެނެވެ.

ކިތައްމެ ކުޑަމިންވަރެއްގެ އެހީއެއް ވެދެވެން އޮތް ނަމަވެސް އެފަދަ އެހީއެއް ދެއްވުމަކީ މި ދަތި ވަގުތުގައި އެ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

އެހީތެރިކަން ފޯރުކޮށް ދެއްވުމަށް:

އެކައުންޓު ނަން: ALI NASEER

ރުފިޔާ އެކައުންޓް : 7701132125101

ޑޮލަރު އެކައުންޓް : 7701132125102

އިތުރު މައުލޫމާތު:

ޢަލީ ނަޞީރު - މެތަޑޭ (ކަރަންކާގެ / ހދ.ނޮޅިވަރަންފަރު) - ދަރިފުޅު

7792088 / 9992088