ކުރީ އަދަދާއި ގުޅޭ…

" ހޫމް.. ދެން މާލޭގަ މަޑުކުރާށޭ ކަންނޭނގެ ބުނާނީ"

Ad
rt

މަޖާ ރާގަކަށް ޒައިން ބުނެލިއެވެ. އެއާއެކު ނަދާވެސް ހިނިގަނޑެއް ޖަހާލިއެވެ.

" އަހަރެން ދެން ލަންކާއަކަށް ނުދާނަމޭ! ރާއްޖޭގަ އުޅޭނީ!"

ނަދާ އެހެން ބުނުމުން ޒައިންއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" ކީކޭ؟ ލަންކާއަކަށް ނުދާނަމޭ!؟ "

ހައިރާންވެފައި ޒައިންއަށް އަހާލެވުނެވެ. އެއާއިއެކު ބުމަހިއްލާލަމުން ނަދާ ދެކޮނޑުއަރުވާލިއެވެ.

" ޔެސް! ޔެސް! އެބުނީ އާނއެކޭ! އަހަރެން ދެން ރާއްޖޭގަ މަޑުކުރާނީ.. ވަރަށް ފޫހި ލަންކާ! "

" އެކަމަކު.... ތިވަރުގެ ބޮޑު ނިންމުމެއް ނަދާ އެކަންޏަކަށް ނުނިންމޭނެ! ތިގޮތް ބޭނުންވާކަން އަހަރެންގާތު ނުބުނީ ކީއްވެ؟ "

ނަދާގެ ނިންމުމަށް ޒައިންއަކަށް އެއްބަހެއް ނުވެވުނެވެ.

" ނުބުނީ އޯކޭ ނުވާނެތީ! "

ހަމަޖެހިލާފައި ނަދާ ބުންޏެވެ. ހިތްހަމަ ނުޖެހުނުވަރުން ޒައިންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

" އެކަމަކު... ކިހިނެއް ތިކަންވާނީ؟ އަހަރެންގެ ކޯސްވެސް އަދި ނިމުނީކީ ނޫން! ނަދާ މާލޭގަ ބަހައްޓާފަ އަހަރެންވީ ލަންކާގައި އުޅެންތަ؟ އަނެއްކޮޅުން ނަދާގެ މަންމަމެން އަހަންނާމެދު ދެކޭނީ ދެން ކިހިނެއް؟"

ޒައިން މަސައްކަތްކުރީ ނަދާއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް ނަދާއަށް ޒައިން ދެއްކި ވާހަކަތަކުން އެއްވެސް އަސަރެއް ކުރިހެންނެއް ހިއެއް ނުވެއެވެ.

" އަހަރެން ދުރުދުރުން މަންމަމެންގާތު ބުނިން ރާއްޖެގޮސް އަންނަހިތް ނުވަންޏާ މަޑުކުރާނީއޭ! "

ފަސޭހަކަމާއެކު ނަދާ ބުނެލިއެވެ. އޭރުވެސް ޒައިންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

" ދެން ކީކޯ ބުނީ އެމީހުން؟ "

" އަހަރެންގެ ނިންމުންތަކަށް އެމީހުންނަށް ދެކޮޅު ހަދާކަށް ނުކެރޭނެ! އެމީހުން އަހަރެންދެކެ އެއަށްވުރެ މާ ލޯބިވާނެ! "

ހީލާފައި ނަދާ ބުނެލިއެވެ. އެއަށްފަހު އަތުގައި އޮތް ޓިޝޫއިން މޫނު ފުހެން ފެށިއެވެ.

" އެކަމަކު ޗުއްޓީ ނިމުނީމަ އަހަރެން އެނބުރި ލަންކާއަށް އަންނާނަން! ނަދާ ހުރޭ މާލޭގަ! "

ރުޅިއައިސްފައިހުރި ރާގަކަށް ޒައިން ބުނެލިއެވެ. އޭނާ އެހެން ބުނުމުންވެސް ނަދާ ޖަހާލީ ހިނިގަނޑެކެވެ. އޭރުވެސް ޒައިން ހުރީ ވަރަށް ކަންބޮޑުވެފައެވެ. ސިކުނޑީގެ އެއްކަނަކުން އުޝާއާމެދު ވިސްނެނީއެވެ. އުޝާ ބަލިވެ އިންކަން އެނގުމުން އިތުރަށް އޭނާއަށް އެކަމާމެދު ވިސްނެއެވެ. އުޝާގެ ކުރިމައްޗަށް ދާކަށްވެސް އޭނާއަކަށް ނުކެރޭނެއޭ ހިތަށް އެރިއެވެ. މަންމަމެން އޭނާ މާލެ ގެންނަ ވާހަކަ ދެއްކި ހިސާބުން ޒައިންއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެންކަމުން އުޝާ، މާލެ ނުގެނެސް ކޮންމެވެސް އެހެން ގޮތަކަށް އެކަން ހަމަޖެއްސުމަށް މަންމަމެންގާތު ބުނުމަށް ޒައިން، ނިންމިއެވެ. ބޯޓުގައި އިން އިރުގައިވެސް އެކި ޚިޔާލްތަކުން އޭނާގެ ބޯ ހާސްވަމުންދިޔައެވެ.

" ޒައިން މަންމަމެން ހާދަ އުފާވާނެޔޭދޯ އަހަރެމެން ފެނުނީމަ! ސަޕްރައިޒް ވާނެދޯ!"

ލިފްޓަށް އަރަމުން ނަދާ ބުންޏެވެ. ލިފްޓަށް އެރުމާއެކު ލިފްޓްގައި ހުރި ފުޅާ ލޯގަނޑުން އޭނާ އަމިއްލަ ސިފައަށް ބަލާލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ.

" ތިހާ ވަރަށް ފަރި ބަލާކަށް ނުވާނެ! ލޯގަނޑެއް ފެނުނިއްޔާ އުޅޭނީ އެހެން! އަހަންނަށް ރީއްޗޭ ނަދާ ކޮންމެ ގޮތަކަށް ހުއްޓަސް!"

ފޫހި ރާގަކަށް ޒައިން ބުނެލީ ނަދާގެ އެ އުޅުން ހުއްޓާތޯއެވެ.

" ދެން މީ އެހާވަރުގެ ކަމެއްތަ؟ "

ނަދާ އެހެން ބުނުމާއެކު ލިފްޓްގެ ދޮރު ހުޅުވުނެވެ. ދެފޮށި ދަމަމުން ޒައިން ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. އަދި ދޮރު ހުޅުވާނެ އިރެއްގެ އިންތިޒާރުގައި ދެމީހުން ހެވިފައި ތިއްބެވެ.

" އަނހަ! ޒައިން؟ އާމީ! އާމީ! "

ބާރުބާރަށް އަމީރާއަށް ގޮވަމުން ފަހުމީ ޒައިން ކައިރީގައި ހުރި ފޮށީގައި ހިފިއެވެ.

" އޭ ދަރިފުޅާ! "

ބަދިގެބައިން ނިކުތް އަމީރާގެ ފުޅާ ހިނިތުންވުމުން ޒައިންގެ އިތުރުން ނަދާއަށްވެސް ހޭންފެށުނެވެ.

" އެކަމަކު މި ޒައިން ބުންޏޭ ހަނީމޫނަށްދަނީ ތައިލެންޑަށޭ! ކީކޭ ބުނާނީ؟ މިކުދިން އުޅޭ ގޮތެއް އަހަރެމެންނަކަށް ނޭނގޭނެ!"

ނަދާގެ ގައިގައި ބައްދާލަމުން އުފަލުން ފޮޅެމުން އަމީރާ ބުންޏެވެ. އެއާއެކު ސޯފާގައި އިށީންނަމުން ޒައިން ވާހަކަ ދައްކަން ފެށިއެވެ.

" ސަޕްރައިޒެއް ދެވޭނީ މިގޮތަކަށްނު! "

" އަހަރެން ބޭނުން ޓޮއިލެޓަށް ވަދެލަން! "

ޒައިންގެ މޫނަށް ބަލާލަމުން ނަދާ ބުންޏެވެ. އެއާއެކު ވާހަކަ ދެއްކީ އަމީރާއެވެ.

" އަވަހަށްދޭ މައްޗަށް! ދަރިފުޅުމެންގެ ކޮޓަރި ހުންނާނެއެއްނު! "

ހީލަމުން އަމީރާ އެހެން ބުނުމާއެކު އަތްދަބަސް ހިފައިގެން ނަދާ ތެދުވެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ނަދާ ސިޑިން އަރަން ފެށުމުން ޒައިން ބޭނުންވީ ވަގުތުގެ ބޭނުންހިފާ، ހިތުގައިވާ ހަމަނުޖެހުންތައް ފިލުވާލުމަށް މަންމަމެންގާތު އުޝާގެ ވާހަކަތައް ދައްކާލާށެވެ.

" މަންމާ! ބުނީމެއްނު އުޝާ ބަލައިދާނެ ވާހަކަ. އަހަރެން ބުނަންތަ މާ ރަނގަޅުގޮތެއް؟ "

ޒައިން އެހެން ބުނުމާއެކު ފަހުމީއާ އަމީރާއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. އެމީހުން ޖަވާބެއް ނުދީ އުޅެނިކޮށް އަނެއްކާވެސް ވާހަކަ ދެއްކީ ޒައިންއެވެ.

" އުޝާ މާލެ ގެންނާނެ ކަމެއްނެތް! އުޝާ ބޭނުންވާ ޚަރަދުތައް ކުރަން ފައިސާގެ އެހީތެރިކަން ދޭންވީ... ކޮންމެ މަހަކުވެސް ރުފިޔާ ފޮނުވަންވީނު.. އޭރުން އުޝާ ބޭނުންވާ ކޮންމެ ކަމެއް ކޮށްގެން އުޝާއަށް އުޅެވޭނެ! އުޝާގެ ގޭގައި އުޅެން ބޭނުން ނުވަންޏާ ރަށުގައިވެސް ކުއްޔަށް ތަންތަން ލިބޭނެއެއްނު.. ކުލިދައްކަންވެސް ފައިސާ ފޮނުވާނީ..."

ޒައިން ވާހަކަ ދެއްކީ، މަންމަމެންގެ ރުހުން އެކަމަށް ލިބޭނެ ފަދަ ގޮތަކަށް އިނދެ ވަރަށް ހަމަޖެހިލައިގެންނެވެ. ނަމަވެސް މަންމަމެންގެ މޫނުމަތިން ފެނުނު ކަންބޮޑުވުންތަކުން ޒައިންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.

" ކިހިނެއްވީ؟ މި ގޮތް ކަމަކުނުދޭތަ؟ "

" މަންމައަކަށް ކަމަކު ނުދޭ ތިގޮތެއް! އަންހެނެއްގެ އިޙްސާސްތައް މަންމައަށް ނޫނީ ކާކަށް މިގޭގަ އިނގޭނީ؟ ބަލިވެއިނުމަކީ އެހެންމީހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމެއް! އުޝާއަށް ކުށެއް ކުރެވުނީ.. އެކަމަކު އޭގެ މާނައަކީ އެހެންމީހުންގެ އެހީތެރިކަމާ އަޅާލުމާ ލޯބިން އޭނަ މަޙްރޫމް ވާންޖެހުމެއްނޫން. އެއްޗެހިކިޔާ ހެދީމަ ދެން ދެވަނަ ކުށަށް އަރައިގަނެވޭނީ.! ކޮންމެ ކަމަކަށްވެސް ތަޢުބާވުން އޮވޭ! މަންމައަށް ހީވަނީ ޒައިން ލަދުގަންނަނީހެން އަސްލު.. އަހަރެމެންގެ އާއިލާ ބަދުނާމުވެދާނެތީ! ދޮގެއްތަ މީ؟ "

އަމީރާ ވާހަކަދެއްކީ ފަހުމީއަށް ބަލަމުން ލަސްލަހުންނެވެ. ފަހުމީވެސް އެވާހަކަތަކަށް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލަޖަހާލަ އިނެވެ.

" މި އާއިލާ ކީއްވެ ބަދުނާމު ވާންވީ؟ ޒައިން ކީއްވެ ލަދުގަންނަންޖެހެނީ؟ އިރާދަކުރެއްވިއްޔާ އަހަރެންގެ މި ދަރިފުޅުގެ ސަބަބުން އެއްވެސް މީހަކު ދެރަވެ ލަދުގަންނާކަށް ނުޖެހޭނެ! މިއީ އަހަރެންގެ އެކަނި ދަރިއެއް. އަހަރެން ބޭނުން މިދަރިފުޅު އުފަން ކުރަން! "

ފަހަތުން އިވުނު އަޑުން އެންމެންނަށް އެއްފަހަރާ ފަހަތް ބަލާލެވުނެވެ. އޭރު ސިޑީގެ އެންމެ ތިރީ ހަރުފަތުގައި އުޝާ ހުއްޓެވެ. އޭނާގެ ދެލޮލުން އޭރުވެސް ހުރީ ކަރުނަ ވިދަވިދައެވެ. އުޝާ ފެނުމާއެކު ޒައިންއަށް ކޮޅަށް ތެދުވެވުނެވެ.

" އުޝާ؟ "

ޒައިންއަށް ދެން ބަލާލެވުނީ އޭނާގެ މަންމަމެންގެ މޫނަށެވެ. އުޝާގެ ނިކަމެތިކަން އޭނާގެ ސިފައިންވެސް ހާމަވާކަހަލައެވެ. އޭނާގެ މޫނުމަތިންވެސް ފެންނަނީ މޮޅިވެރިކަމާއި ހިތާމައެވެ.

" އަހަރެމެން މިއައީ ހަމަ ރޭގަ! "

އަމީރާ މަޑުމަޑުން ބުނެލިއެވެ. އޭރު އުޝާ ހިނގާފައި އާދެއެވެ. އުޝާ އަންނަން ފެށުމުން ޒައިން އިށީނެވެ.

" ޒައިންވެސް ދެން އެކަމާ ނުވިސްނާ! އުޝާ އެޙާލުގައި ނިކަމެތިކޮށްނުލާންވެގެން ބައްޕަމެން އުޝާމިގެނައީ! ދެން އެވާހަކަތައް ނުދައްކަމާދޯ! ކުރިންވެސް އުޅުނުހެން އުފަލުގައި އެންމެން އުޅުމަށް ބައްޕަމެން ބޭނުންވަނީ.. ހުރިހާ ކަމެއްވެސް އިންޝާﷲ ރަނގަޅުވާނެ! "

އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ފަހުމީ ތެދުވިއެވެ. ނަމާދު ވަގުތުކަމުން ފަހުމީއާއެކު އަމީރާވެސް ތެދުވީ ކޮޓަރިއަށް ދިޔުމަށެވެ.

" ނަދާ އަދިވެސް ނުނިމެނީބާ؟ ދަރިފުޅު ދާންވީނު ބަލާލަން.. ރެޑީވެލައިގެން އެއްޗެއް ކާލަން ފައިބާށޭ ބުނޭ. މަންމަވެސް ނަމާދުކޮށްގެން އެބަ އަންނަން.."

ހިނގައިގަންނަމުން އަމީރާ ބުނެލިއެވެ. ޒައިންގެ ކުރިމަތީގައި އިންނަން ބޭނުން ނުވެގެން އަމީރާއާ އެކުއެކީގައި އުޝާވެސް ހިނގައިގަތެވެ. އުޝާއަށް ގޮވާލަންވެސް ނުކެރި ޒައިން އިނީ އިސްޖަހާލައިގެންނެވެ. އުޝާވެސް ހީވަނީ ޒައިންއާ ދުރުން އުޅެން ބޭނުންވާހެންނެވެ.

ހެނދުނުގެ ވަގުތެވެ. ކޮޓަރިން ނިކުތުމާއެކު ކުރިމަތީގައި ހުރި އުޝާގެ ކޮޓަރިން ހޮޑުލާއަޑު އިވި، ނަދާ ހައިރާންވިއެވެ. އޭނާ އެނބުރި ކޮޓަރިއަށްވަދެ ނިދާފައި އޮތް ޒައިންއަށް ގޮވިއެވެ.

" އެކޮޓަރީގަ މީހަކު އުޅެނީތަ؟ އެބައިވޭ އަންހެނަކު ހޮޑުލާއަޑު...."

ނަދާ އެހެން ބުނުމުން ޒައިން ލޯހުޅުވާލިއެވެ. ތެދެކެވެ. އޭރުވެސް ބާރުބާރަށް އޯކާދެމޭއަޑު އިވެމުންދިޔައެވެ.

" އެއީ... އެއީ އުޝާ! "

މަޑުމަޑުން ޒައިން އެހެން ބުނެލުމުން ނަދާއަށް ލިބުނީ ހައިރާންކަމެކެވެ.

" އުޝާ؟ އޭނަ އެބައުޅޭތަ؟ އެކަމަކު އެއްކަލަ ދުވަހު މަންމަ ބުންޏެއްނު އުޝާ ރަށަށް ދާހިތުން ގޮއްސިއޭ! އަނެއްކާ އައީ؟ "

ފޫހި ރާގަކަށް ނަދާ ބުނެލިއެވެ. ކައިރީގައި އޮތް ބާލީސް ނަގަމުން ޒައިން އޭރު ތެދުވަނީއެވެ.

" އެއީ.. މަންމަމެން އޭނަ ބަލާދިޔައީ! "

އެހެން ބުނުމަށްފަހު ޒައިން ގޮސް ފާޚާނާއަށް ވަނެވެ. ޒައިން ފާޚާނާއަށް ވަނުމުން ނަދާ އޮށޯތީ ޒައިންއާއެކު ތިރިއަށް ފައިބަން ބޭނުން ވުމުންނެވެ. ދިހަވަރަކަށް މިނެޓް ވުމާއެކު އަނެއްކާވެސް އުޝާ ހޮޑުލާއަޑު އިވުނެވެ. މިފަހަރު ނަދާގެ ސަމާލުކަމަށް އެކަން ވެގެން ދިޔައެވެ. ހަމައެވަގުތެވެ. ޒައިން ފާޚާނާއިން ނިކުތެވެ. އޮށޯވެލައިގެން އޮތް އުޝާ އަވަސް އަވަހަށް ތެދުވެ ޒައިންއާ ވާހަކަ ދައްކަން ފެށިއެވެ.

" އުޝާ ހާދަ ވަރަކަށޭ ހޮޑުލަނީ.. ވަރަށް އިރުވެސް ވެއްޖެ. އަހަރެން ދަންތަ އެ ރޫމަށް ވަދެލަން؟ "

ނަދާ އެހެން ބުނުމާއެކު ޒައިން ބުންޏެވެ.

" ކީއްކުރަން؟ އޭނަ ބަލިވެ އޮތަސް، ހެނދުނު ވަގުތު މީހުން ވަނީމަ ހައްތަހާ އުނދަގުލެއްނުވާނީ؟ ފަހުން ދާނީ! "

ޒައިން އެހެން ބުނުމުން ނަދާ މަޑުކުރިއެވެ. އޭރު ޒައިން ހުރީ ލޯގަނޑުކުރިމަތީގައި ރީތިވާށެވެ.

ހެނދުނުގެ ނާސްތާކުރުމަށް އެންމެން ހަމަވުމުންވެސް އުޝާއެއް ނާދެއެވެ. އެހެންކަމުން އަމީރާ އުޝާއަށް ކާއެއްޗެހި ތައްޔާރުކޮށްގެން ސިޑިއާދިމާލަށް ދާން ފެށުމުން އެއްޗެއް ނުބުނެ ނަދާއަކަށް ނީނދެވުނެވެ.

" އަހަރެން ދަންތަ އުޝާ ބަލާ!"

" ނޫނޭ! ބޭނުން ނެތްގޮތުގައި ސިޑިން އަރާ ފައިބާކަށް އުޝާއަކަށް އަދި އެހާ ރަނގަޅެއްނުވާނެ! މިދުވަސްވަރު ޖެހޭނީ ވަރަށް ބަލައިގެން އުޅެން! "

އަމީރާ އެހެން ބުނުމުން ނަދާ އިނީ ހައިރާންވެފައެވެ. ނަދާގެ މޫނުފެނި، އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭކަން ފަހުމީއަށް ދެނެގަނެވުނެވެ. ޒައިން ނަދާގާތު ނުބުނާކަންވެސް އެހިސާބުން ފަހުމީއަށް އެނގުނެވެ.

" އުޝާއަށް ކަމެއްވީތަ؟ "

ނަދާ އަހާލީ ޒައިންގާތުއެވެ. ޒައިންއަށް ބަލާލެވުނީ އޭނާގެ ބައްޕައާ ދިމާލަށެވެ.

"ނޭނގެ! ބަލީ ކަންނޭނގެ! " ކުރު ޖަވާބަކުން ފުއްދާލުމަށްފަހު ޒައިން ތެދުވިއެވެ. ޒައިން ކޭ ތަށި ހިފައިގެން ނަދާވެސް ތެދުވެއްޖެއެވެ. ޒައިން ސިޑިއާ ދިމާލަށް ދާންފެށުމުން އޭނާ އެދަނީ ކޮޓަރިއަށްކަން ނަދާއަށް އެނގުނެވެ. އެހެންކަމުން ތަށިތައް ދޮންނަން ދާން ހިނގައިގަތް ނަދާ، އަތްމަތި އަވަސްކޮށްލިއެވެ. ފަހުމީއަށް ފެންތައްޓެއް ދިއްކޮށްލުމަށްފަހު ނަދާވެސް ގޮސްވަނީ ކޮޓަރިއަށެވެ.

" ޒައިން! ހިނގާބަލަ އުޝާއަށް ގޮވާލަން ދާން! އަދި އަހަންނަށް އޭނަ މިފަަހަރު އައި ފަހުން ނުވެސް ފެނޭ! "

ނިތްކުރިމަތީގައި އަތް ބާއްވާލައިގެން ކޮންމެވެސް ފިކުރެއްގައި އެނދުމަތީގައި އޮތް ޒައިންގެ އަތަށް ދަމައިގަންނަމުން އުޝާ ބުނެލިއެވެ.

" އެކޮޓަރިއަށް ވަދެލަން ދާންވިއެއްނު! "

ޒައިން ދާ ޚިޔާލެއް ނުކުރިއެވެ. އެހެންކަމުން ނަދާގާތަށް ރުޅިއައެވެ. ރުޅި އައިސްގެން އެނދުމަތީގައި އިށީންނަމުން ނަދާ ވާހަކަ ދެއްކިއެވެ.

" ދެން... ދެމީހުން ހިނގާބަލަ! އެކަމު ބުނާނެ ކޮއްކޮޔޯ! ބަލިވީމަ ގޮވާލަންވެސް ނުދޭ! "

ނަދާ މަލާމާތުގެ ރާގަކަށް އެހެން ބުނުމުން ޒައިން ތެދުވިއެވެ. އެތަނަށް ނުދަނީސް ނަދާގެ އަނގަ މަޑު ނުވާނެކަން އޭނާއަށް އެނގެއެވެ. ޒައިން ތެދުވުމުން ނަދާގާތަށް ހިނިވެސް އައެވެ.

ސައިބޮއި އަވަދި ވެގެންވެސް ހޮޑުލަވާތީ އުޝާއަށް ދެކޮޅަށް ހިނގެނީއެވެ. އަނގަޔަށް ކަރަންފުލެއް ލައިގެން އޭނާ ހުރީ ކޮަޓަރީގައި ހިނގާލަ ހިނގާލައެވެ. ކުއްލިއަކަށް އިވުނު ޓަކީގެ އަޑާއެކު ދޮރާއި ދިމާއަށް އުޝާއަށް ބަލާލެވުނެވެ. އެއާއެކު ދޮރުވެސް ހުޅުނުތަން އޭނާއަށް ފެނުނެވެ.

" އުޝާ! "

ހިނިތުންވެލަމުން އެތެރެއަށް ވަދެގެންއައި ނަދާ ފެނުމުން، އުޝާވެސް ގަދަކަމުން ހީލިއެވެ. ނަދާގެ ފަހަތުން ވަދެގެން އައި ޒައިން ފެނުމާއެކު އުޝާގެ މޫނުމަތީގައިވާ ހިނިތުންވުން ވަގުތުން ފަނޑުވެގެން ދިޔައެވެ.

" އުޝާ ބަލިވެ އުޅޭތީ ގޮވާލަން މިއައީ ދޯ ޒައިން!"

ފަހަތުގައި ހުރި ޒައިންއަށް ބަލާލަމުން ނަދާ ބުނެލިއެވެ. އެއާއެކު ޒައިން ބޯޖަހާލިއެވެ.

" އުޝާ ކީއްވެ އަހަރެމެންގެ ވެޑިންއަށް ނައީ؟ ކުއްލިއަކަށް ރަށަށް ދިޔައީއޯ!"

ޒައިންގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ނަދާ އަހާލީއެވެ. އެއާއެކު އުޝާއަށް ބަލާލެވުނީ ޒައިންގެ މޫނަށެވެ. އޭރު ނަދާ ހުރީ އުފާވެރި ހިނިތުންވުމެއްގައި ޒައިންގެ ގައިގައި ލެނގިލައިގެންނެވެ.

" ވަގުތާ ޙާލަތަކީ ކޮންމެ ދަނޑިވަޅެއްގައިވެސް ބަދަލްވެދާނެ އެއްޗެއް! ނަދާއަށް ތި ލިބުނީ އުފާވެރިކަން!"

އެއްމިޔަކަނުން ހެވިފައި ހުރެ، އުޝާ ނަދާއަށް ބަލާލަމުން ބުންޏެވެ. އެއަށްފަހު އޭނާއަށް ބަލާލެވުނީ ސިދާ ޒައިންގެ ލޮލަށެވެ.

" އެކަމަކު އަހަރެން؟ އަހަންނަށް މިލިބުނީ ހިތްދަތިކަމާ، ދާއިމީ ނިކަމެތިކަމެއް!"

އުޝާ އެހެން ބުނުމުން ހައިރާންކަމާއެކު ނަދާއަށް ބަލާލެވުނީ ޒައިންއަށެވެ.

(ނުނިމޭ)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (11)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (11)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

(ނިމުނީ)