ކުރީގެ ޢަދަދާއިގުޅޭ،

އެތައް ދުވަހަކަށްފަހު އުފަން ފަސްގަނޑަށް އާދެވުމާއެކު އުޝާއަށް އުނދަގޫވާންފެށިއެވެ. ދޮންމަންމަގެ އަނިޔާތައް ހަނދާންވުމާއެކު ، ބައްޕަގެ ގެއަކީ މިހާރު އޭނާއަށް އެއްވެސް ބާރެއް އޮތްތަނެއް ނޫންކަންވެސް ހަނދާންވިއެވެ. އެކަމަކުވެސް ކޮއްކޮމެން ތިބޭނެތީ ކުޑައުއްމީދަކާއެކު އޭނާ އެގެއަށް ދިޔުމަށް ހިނގައިގަތެވެ.

Ad
rt

ހާސްހިތަކައިގެން އޭނާ ގޮސް ގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. އޭރު ގޭތެރޭގައި ކޮއްކޮމެން ކުޅޭއަޑު އިވެއެވެ.

" އަނެއްކާ މަގޭ ތައްޕާހަށް އައިސް ވަދެގަތީ ؟"

ސިއްސައިގެން ގޮސް އުޝާއަށް ބަލާލެވުނީ ފަހަތުން އިވުނު ދޮންމަންމަގެ އަޑަށެވެ. އެއާއެކު އުޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. ދުވަހަކުވެސް ދޮންމަންމަގެ ހިތް އޭނާއަށް ހެޔޮ ނުވާނެކަން ޔަޤީންވިއެވެ.

" ބަލަ ކަލޭ މާލެދިޔައީ މޮޅުކޮށް ކައިގެން ރީތި ހެދުން ލައިގެން ޝާހީ ތަނުގައި ނިދައިގެން އަރާމުގަ އުޅޭކަށް ނޫންތަ؟ "

ދޮވެފައި ހުރި ތެލިތައް ބިންމަތީގައި ބަހައްޓަމުން އޭނާ އަނެއްކާވެސް ބުނެލިއެވެ. ދޭނެ ޖަވާބެއް ނޭނގި އިރުކޮޅަކު ހުރުމަށްފަހު އުޝާ ވާހަކަ ދައްކަންފެށިއެވެ.

" އަހަރެން ބޭނުންވަނީ މިގޭގަ އުޅެން! "

" ބަލަ މިގެއިން އެއްވެސް ތަންކޮޅެއް ބޭނުމެއް ނޫނޭ ކިޔާފައެއްނޫންތަ ދިޔައީ؟ ދެން ކީއްވެ ތި އައީ ؟"

އަނެއްކާވެސް އުޝާއަށް ހުރެވުނީ އޭނާގެ މޫނަށް ބަލާށެވެ. އެއީ ސިއްރު ނުވާނެކަމެއް ނަމަވެސް ބުނަން ޖެހިލުންވަނީއެވެ.

" މާކަނާ މަހަށް ބަލަން އިންނަހެން މަގޭ މޫނަށް ބަލަހައްޓައިގެން ތިހުރިއްޔޯ؟ "

ތަންކޮޅެއް ބާރަށް ދޮންމަންމަ ބުނެލި ޖުމްލައިން އުޝާ ސިހިގެން ދިޔައެވެ. އެއާއެކު މޭނުބައިކޮށް، އޯކާވެސް ދެމެވުނެވެ. އޭނާ އެހުރި ފިޔަވަޅުމަތީގައި ހުރެ ހޮޑުލާންފެށުމުން ދޮންމަންމަގެ މޫނުމަތީގައި ކަންބޮޑުވުމާއި ހާސްކަން ފާޅުވާން ހުއްޓެވެ. ދެތިން ފަހަރު އޯކާ ދެމިލުމަށްފަހު އުޝާ ދޮންމަންމައަށް ބަލާލީ ހިތާމައިގެ ލޮލަކުންނެވެ.

" އަނެއްކާ؟ އަނެއްކާ ބޮނޑިއެއް ބުއީތަ؟ "

އުޝާގެ އަތުގެ މުލައްދަނޑީގައި ހިފާ، ގޭތެރެއަށް ވައްދަމުން އޭނާ ބުނެލިއެވެ.

" ކީއްވެ ތި ހޮޑުލަނީ ؟"

އަނެއްކާވެސް އޭނާ އެހިއެވެ. މިފަހަރު އުޝާގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުން އޭނާއަށް ޖަވާބު ސާފުވިއެވެ.

" ތި ބޮނޑި ބޮއިގެން މަގޭ ކައިރިއަށް ތިއައީ ކީއްކުރަން؟ މަގޭ ފަޟީޙަތްކުރަންތަ؟ އަހަންނަކަށް ނުކެރޭނެ ކަލޭ ބަހައްޓާކަށް! "

" ނޫން.. ހެޔޮނުވާނެ ދޮންމަންމާ! ތިހެން ނަހަދާ! އަހަންނަށް އެހީވެދީ! ހެޔޮނުވާނެ! "

ދޮންމަންމަގެ ފައިބުޑަށް ވެއްޓިގަނެގެން އޮވެ އުޝާ ރޯންފެށިއެވެ.

" މާލެތެރޭގައި އުޅޭ ފިރެހެނުންގެ ހަވަރު ތުންފުއްސަކަށް ވެގެން ތެޅިތެޅިފަ ބަނޑުބޮޑުވެގެން މަގޭ ތައްޕާހަށް އަންނާކަށް ނުޖެހޭނެ! "

ބާރުބާރަށް އޭނާ ބުންޏެވެ.

" އާދޭސްކުރަން މަންމާ! އަހަރެން މިގޭގަ ބަހައްޓައިދީ! ވިހާ ގަދަވެގެން އަހަރެން ކޮންމެވެސް އެހެންތާކަށް ހިނގައިދާނަން! "

ދެލޮލުން ފައިބަމުންދާ ކަރުނަތައް ފުހެލަމުން އުޝާ ބުންޏެވެ. ނަމަވެސް އޭރުވެސް ދޮންމަންމަ، ހަމީދާގެ މޫނުމަތީގެ ކުލަވަރު ބަދަލުވާގޮތެއް ނުވެއެވެ.

" ކަލޭ ހުރިގޭ މީހުންވެސް ކަލޭ ނެރުނީނު! ދެން މަ ކީއްކުރަން އެހީ ވާންވީ؟"

" އެމީހުން އަހަރެން ނުނެރެޔޭ! އަހަރެން އަމިއްލައަށް ނިކުމެގެން މިއައީ! "

އުޝާ އިސްޖަހާލަމުން ބުނެލިއެވެ. އެއާއެކު ހަމީދާ ކުދި ކިޔަންފެށިއެވެ.

" މިގޭގަ ހުރެވޭނީ ގޮތެއްގެ މަތިން! ބޭރަށް ގޮސްގެން ނުވާނެ! އެއްވެސް މީހަކަށް ކަލޭ ބަނޑުބޮޑުކަންވެސް އެނގިގެން ނުވާނެ! އަހަރެން ބުނާ ގޮތަކަށް އުޅެންޖެހޭނީ! އެހެންނޫނީ މަގޭ ގެޔަކު ނުހުރެވޭނެ! "

ހަމީދާގެ ހުރިހާ ޝަރުޠަކަށް އުޝާ އެއްބަސްވިއެވެ. އެއީ އެނޫން ގޮތެއް ނެތިގެންނެވެ. ދާނެ އިތުރު ތަނެއް ނެތީމައެވެ. އަޅާލާނެ މީހަކުވެސް ނެތީތީއެވެ. ކޮންމެ ޙާލެއް ޖެހުނަސް އެ ދަރިފުޅު އުފަންކުރަން އޭނާ ބޭނުންވެއެވެ.

ޒައިންއާ ނަދާގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެންޏަށް އައި އޭނާގެ މައިންބަފައިނާއެކުގައި އުޝާ ނުގެންދިޔުމުން ޒައިންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް އުފެދުނެވެ.

" މަންމާ! އުޝާ ކޮބާ؟ "

ޒައިން ވާހަކަ ފެށީ ދުރުދުރުންނެވެ.

" އާނ އަހަރެންވެސް މިހިތަށް އަރަނީ މިފަހަރުވެސް އަމީރާމެން އެމަންޖެ ނުގެނެޔޭ! "

ނަދާގެ މަންމަވެސް ޒައިންއާ އެއްބައިވެލިއެވެ. އެހެންކަމުން ޖަވާބުނުދީ އިންނާކަށް އަމީރާއަކަށް ނުކެރުނެވެ.

" އުޝާ ރަށަށް ބަދަލްވެއްޖެ! އެއީ އޭނަ ބޭނުންވާގޮތް ވީމަ އަހަރެމެން އެއްޗެއް ނުބުނީ!"

ފަހުމީގެ މޫނަށް ބަލާލަމުން އަމީރާ ބުނެލިއެވެ. އުޝާ ރަށަށް ދިޔަވާހަކަ ބުނުމުން ޒައިންގެ ހިތަށް އުނދަގޫވިއެވެ. އަނެއްކާވެސް އުޝާގެ އަނިޔާވެރި ދިރިއުޅުމަށް ދިޔައީތީ ޒައިން ކަންބޮޑުވިއެވެ. އުޝާ ގެންނަން ބޭނުންވިއެވެ.

" އާނ! އަސްލު ރާއްޖެތެރޭކުދިން އުޅޭހިތްވާނީ ހަމަ ރަށުގަ! އެހާ ހިތްފަސޭހަ ތަނެއްގައި އުޅެފަ ކާކުތަ މާލެ ބަދަލުވާނީ؟"

ނަޒީރު ބުނެލިއެވެ. އޭރުވެސް ނަދާ އިނީ ފޯނަށް ގޮސް ގެއްލިފައެވެ. އެތަނުގައި ދައްކަމުންދާ ވާހަކަތައް ނަދާއަށް ނީވޭ ކަހަލައެވެ.

" ނަދާ ވެއްޖެއެއްނު ތިގޮތް ރަނގަޅު ކުރަން! އެންމެންގެ ތެރޭގައިވެސް ފޯނު ކޮއްޓަން! "

ނަދާގެ މަންމަ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ނަދާ ސިއްސައިގެން ގޮސް ފޯން ބޭއްވިއެވެ.

" ދެން މަންމާ! މަންމަމެން ވާހަކަދައްކާއިރު ދެން އަހަރެމެން ކޮންވާހަކައެއްތަ ދައްކާނީ؟ފޯނާ ކުޅެލިޔަސް މަންމަ ރުޅިއަންނާނެ ދެން! "

ފޫހި ރާގަކަށް ނަދާ ވާހަކަދެއްކިއެވެ. ހެވިފައި އިން އަމީރާ ލޯތްބާއިއެކު ނަދާއަށް ބަލަމުން ދިޔަ ނަމަވެސް ފަހުމީގެ ބެލުން ތަފާތެވެ.

" އަހަންނަކަށް ހިއެއް ނުވެ ނަދާއަކީ އެހާ އަޚްލާޤް ރަނގަޅު ކުއްޖެއް ހެންނެއް! މިއަދުވެސް މަންމަޔާ ވާހަކަ ދެއްކިގޮތުން އަހަރެން ވަރަށް ފޫހިވެއްޖެ! "

ކޮޓަރިއަށް ވަތްގޮތަށް ފަހުމީއަށް ފާހަގަވި ކަންތައްތައް އާމިރާގާތު އޭނާ ބުނެލިއެވެ. އެހެނަސް އާމިރާގެ ވިސްނުން ފަހުމީއާ މުޅިން ތަފާތެވެ.

" ހޫމް ދެން ފަހުމީވެސް ދޯ! އެވަރުގެ ޅަކުދިން އުޅޭނީ އެހެންނޭ! އެކުދިން ދައްކާހާ ވާހަކައަކަށް އަހަރެމެން ބެހޭ އެއްޗެއް ނޫން!"

އާމިރާ މާބޮޑަށް ހިތްހަމަ ޖެހިފައި ހުރުމުން އޭނާގެ މޫޑު ބަދަލުކޮަށްލާކަށް ފަހުމީ ބޭނުމެއްނުވިއެވެ.

" އަހަރެން ނޫޅެމޭ އިތުރަށް އެވާހަކަ ދައްކާކަށް! އަމީއަށް ފާހަގަކުރެވުންތޯ ބަލާލަން ބޭނުންވީ! އޯކޭއޭ ދެން! އަދި އުޝާގެ ވާހަކަގަނޑު ޒައިންގާތު ދައްކަންވެސް ޖެހޭނެއެއްނު! "

ނިދަންލާ ސޯޓު ލުމަށްފަހު ފަހުމީ އެނދުގައި އޮށޯވެލިއެވެ. އޭރު އަމީރާ ފާޚާނާއަށް ވަންނަން ދަނީއެވެ.

" މިހާރު ނިދަން އެރީ؟ ތިވާހަކަތައް ދައްކާލަން ޒައިން މިތަނަށް ގެންނަންވީތަ؟ ފަހުމީ އަޅެ ޒައިންއަށް ގުޅާލަބަލަ! "

އަމީރާ އެހެން ބުނުމަށްފަު ފާޚާނާއަށް ވަނެވެ. އެއާއެކު ފަހުމީވެސް ޒައިންއަށް ގުޅިއެވެ. އަމީރާ ފާޚާނާއިން ނިކުތް އިރު ޒައިން އައިސް އެކޮޓަރިއަށް ވަންނަނީއެވެ. ޒައިން ފެނުމާއެކު އެނދުމަތީގައި އިށީނުމަށް ޒައިންގާތު އަމީރާ އެދުނެވެ.

" މާ މުޙިއްމު ވާޙަކައެއް ދައްކަންތަ އަހަންނަށް ގުޅީ ؟ ނަދާ އުޅެނީ ކުޑަކޮށް ބަލިވެ! އަވަހަށް ދާންޖެހޭނެ!"

އެނދުގައި ޖައްސާލަމުން ޒައިން ބުންޏެވެ. އެއާއެކު އަމީރާއާ ފަހުމީ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

" އާނ! ވަރަށް މުޙިއްމު ވާހަކައެއް! "

އަމީރާވެސް އައިސް އެނދުމަތީ އިށީނެވެ. ފަހުމީވެސް އޭރު އިނީ ތެދުވެ ހެޑްބޯޑުގައި ލެނގިލައިގެންނެވެ.

" އުޝާ ރަށަށް ދިޔައީ ކީއްވެގެންކަން އެނގޭތަ؟ "

އަމީރާ އެހެން ބުނެލުމާއެކު ޒައިންގެ ހިތް ތެޅިގަތެވެ. ޒައިން ކައިވެނި ކުރާވާހަކަ ބުނުމުން އުޝާ ދެރަވީޚަން އޭނާއަށް އެނގެއެވެ.ޒައިން މާލެ ދާންވާއިރަށް އުޝާ ފުރައިގެން ދާނެކަން ކުރިންވެސް އޭނާއަށް ޔަޤީންވިއެވެ.

" ޒައިން ގޮވައިގެން އަހަރެމެން ލަންކާއަށް އައީ އުޝާ ބަހައްޓާފައެއްނުދޯ! އަސްލު ޤަބޫލުވެސް ނުކުރެވޭ ހަމަ އުޝާއަކީ އެހާ ވިޔާނުދާކުއްޖެއްކަމެއް! "

ބައްޕަގެ ދުލުން އެހެން ބުނަން ޖެހުނު ސަބަބެއް ޒައިންއަކަށް ނުވިސްނުނެވެ. އުޝާއަކީ ކިޔަމަންތެރި، މަޑުމައިތިރި އަދި އެހާމެ ބަސްމަދު ކުއްޖެއްކަން ޒައިންއަށް އެނގެއެވެ. ވީއިރު ބައްޕަ ހިތްހަމަ ނުޖެހޭފަދަ ކަމެއް އުޝާ ކުރާނެ ކަމާމެދު އޭނާއަށް ޝައްކެވެ. ބައްޕަ އެހެން ބުނުމުން ލިބުނު ހައިރާންކަންމަތީ އިރުކޮޅަކު ޒައިން އިނެވެ.

" ބަލިވެ އުޅޭތީ ޑޮކްޓަރަށް ދެއްކީމަ އެނގުނީ ބަނޑުބޮޑުކަން! "

ލަސްލަހުން އަމީރާ ބުންޏެވެ.

އަމީރާގެ ވާހަކައިން ޒައިންއަށް ލިބުނީ ކުއްލި ޝޮކެކެވެ. އުޝާގެ ބަނޑުގައި އެވަނީ އޭނާގެ ދަރިއެއްކަން އޭނާއަށް ޔަޤީންވެއެވެ. އެހެންކަމުން ހިތުގައި ބުނެދޭން ނޭނގޭކަހަލަ ވޭނެއް އުފެދި، ހިތްތެޅެން ފެށިއެވެ. ގައިން ބާރު ދޫވެ ދެރަވާންފެށިއެވެ.

" ދެން މަންމަމެން އޭނަ ނެރުނީތަ؟ "

އަސަރާއެކު ޒައިން އެހެން ބުނުމުން އެދުވަހުގެ ހުރިހާ ވާހަކައެއް ފަހުމީ ޒައިންއަށް ކިޔައިދިނެވެ.

" އެކަމަކު.. އެޙާލުގަ ކީއްކުރަން މަންމަމެން އޭނަ ދޫކޮށްލީ! "

ޒައިންއަށް ރުޅި އާދެވުނެވެ.
" އުޝާ ބޭނުންވީ ރަށަށް ދާން! މަންމަމެން ދެން ކީއްކުރަން ހުއްޓުވަނީ؟ މަންމަމެން މިތިބެނީ ނަދާގެ މައިންބަފައިންނަށްވެސް އިނގިދާނެތީ ލަދުން! "

އަމީރާ ޒައިންގެ ބުރަކަށީގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

" ކޮއްކޮއެއް ދެކެ ވާލޯބި މިހާރު ދަރިފުޅުވެސް އުޝާދެކެވޭ ދޯ! އެހެން ނޫނީ ދަރިފުޅުތީ އެހެންމީހުންނާމެދު އެހާ ވިސްނާ މީހެއްތަ؟ "

" ދެން އެހެނެއްނޫން! އެކަމަކު އެޙާލުގަ ވީމަ! އެހާ އަނިޔާވެރިތަނަކުން މަންމަމެން އޭނަ މާލެ ގެނައީ! ދެން ކީއްކުރަން ތި ފޮނުވާލީ ؟ "

ޒައިންއަކަށް ކެތެއް ނުކުރެވުނެވެ. މޫނުމަތީގެ ކުލަވަރު ފޮރުވަން މަސައްކަތްކުރި ނަމަވެސް އުޝާއާއިމެދު އޭނާ ކަންބޮޑުވެފައިވާވަރު އެމޫނުން ހެކިދެއެވެ.

" މަންމައަށް ނުވެސް ނިދޭ! ހަމަ ދެރަވަނީ! އުޝާއަށް ކޮންމެވެސް އަނިޔާތަކެއް ލިބޭ ހުވަފެންތައްވެސް ފެންނަނީ! އެހެންވެ ހިތަށް އަރާ ބަލާދާންވީއޭވެސް! އެކަމަކު ބައްޕަ އަސްލު ބޭނުން ނުވީ! ދަރިފުޅުމެންގެ ކައިވެނި ރޫޅިދާނެތީ!"

އަސަރާއެކު އަމީރާ އެހެން ބުނުމުން ޒައިން އޭނާގެ މަންމަގެ އަތުގައި ފިރުމާލިއެވެ.

" އަހަރެން މާލެ ގޮސް އޭނަ ބަލާދާނަން އެރަށަށް! "

ފަހުމީގެ މޫނަށް ބަލާލަމުން އަމީރާ ބުނެލިއެވެ. އެޖުމްލައިންވެސް ޒައިންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ.

އޭނާ އެކޮޓަރިން ނިކުމެގެން ދިޔަގޮތަށް ގޮސް އެރީ ޓެރަހަށެވެ. ހަމަވައިގެ ތެރެއިން ހިތްހަމަޖެހުން ހޯދުމަށެވެ. މީހެއްގެ އުނދަގޫ ނުފޯރާފަށުގައި ހުރެ ވިސްނާލުމަށެވެ. ހިމޭން ވުމާއެކު އުޝާގެ ހަނދާންތަކުން އޭނާގެ ސިކުނޑިއަށް އުނދަގޫކުރަން ފެށިއެވެ. އެމައުޞޫމް އަންހެންކުއްޖާއަށް ދެވުނު ދެރަ ހިތަށް އެރުމާއެކު އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އުޝާގެ ބަނޑުގައި އެވަނީ ޚުދު އޭނާގެ ދަރިއެއްކަން ޒައިންއަށް ޔަޤީނެވެ.. އެހެންކަމުން ކޮންމެ ޙާލެއްގައިވެސް އުޝާއަށް ޙިމާޔަތްދޭން ޒައިން ބޭނުމެވެ.

" އޯހް! ބޭބް މިތަނުގައިތަ؟ "

ކުއްލިއަކަށް ފަހަތުން އައިސް މެދުހަށީގައި ބައްދަމުން ނަދާ ބުނެލިއެވެ. ސިހިފައި ޒައިންއަށް ހިފުނީ އޭނާގެ ބަނޑުގައި ހިއްޕާލާފައިވާ ނަދާގެ ދެއަތުގައެވެ.

" އަޅެ މަންމަމެންނާއެކު ރާއްޖެދާން ބޭނުން! އަހަރެމެން ހަނީމޫން ރާއްޖެދާނީ! "

ނަދާ އާދޭހުގެ ރާގަކަށް އެހެން ބުނުމާއެކު ޒައިން ތެޅިގަތެވެ. މިހާރު އެއްގޮތަކަށްވެސް މާލެދާކަށް އޭނާ ބޭނުމެއް ނޫނެވެ. ޒައިންގެ މައިންބަަފައިންގާތު ދަރިރުޅު ބޮޑުވިކަމުގައި ވީނަމަވެސް ޒައިންއަށް އުޝާގެ ކުރިމައްޗަށް އެރުމަކީ ކުރެވޭނެ ކަމެއް ނޫނޭ އޭނާގެ ހިތަށް އެރިއެވެ.

" ޕްލީޒް...."

އަނެއްކާވެސް ނަދާ ބުނެލިއެވެ. އެއާއެކު ޒައިން އެނބުރިލާ ނަދާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

" އަހަރެން ބުނަމެއްނު ތީ މޮޔަ ކުއްޖެކޭ! ކިހިނެއް ހަނީމޫނަށްދާނީ މިދުވަސްވަރު؟ އަހަރެމެންނަށް ޖޮބެއްވެސް ނުލިބެ އެއްނު! ކިޔަވަން ފައިސާވެސް އެއްކުރަންޖެހޭނެ! "

" އެއްކަލަ ހާސަރުތައް ދަމަންފެށީ! ދެން...ހާސްނުވޭ! އަހަރެންގެ ބައްޕަ އެހުރީނު..."

ޒައިންއާ ދުރަށް ޖެހިލަމުން ނަދާ ބުނެލިއެވެ.

" އަޅެ އަހަރެން ކިތައް ފަހަރުތަ ބުނާނީ ނަދާގެ ބައްޕަގެ ފައިސާ ބޭނުން ކުރާކަށް އަހަރެން ނެތީމޭ! އަހަރެން މަސައްކަތްކޮށްގެން ހޯދާ ލާރިން އަނބިމީހާގެ ޚަރަދުތައް ބަލަހައްޓަން ބޭނުންވަނީ! "

ޒައިން ބޭނުންވީ ނަދާއަށް ވިސްނައިދޭށެވެ. ނަމަވެސް ނަދާ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އިތުރަށް ދެބަސްވާކަށް ޒައިން ބޭނުމެއްނުވިއެވެ.

" އޯކޭ ! އެކަމަކު އަދި ކުޑަ ދުވަސްކޮޅެއް ފަހުން..."

ޒައިންގެ ނިންމުމަށް ހިތާ ދެކޮޅަށް ނަމަވެސް ނަދާ މިފަހަރު ރުހިއްޖެއެވެ. ޒައިން ބޭނުންވީ ޖެހެމުންދާ ނަލަ ވައިގެ ތެރެއަށް ބޮލުގައިވާ ހުރިހާ ރިހުމެއް ދޫކޮށްލާށެވެ. އެހެނަސް ނަދާ އެތަނަށް އައުމަށްފަހު އޭނާގެ ބޮލުގެ ރިހުން ވީ ހައްތަހާ ގަދައެވެ.

" އަހަރެން ބޭނުން ވަރަށް އަވަހަށް ބޭބީއެއް ހޯދަން.."

ނަދާގެ އެ ޖުމްލައިން ސިހިފައި ޒައިންއަށް ބަލާލެވުނެވެ. އޭރު ނަދާވެސް ހުރީ ސީދާ ޒައިންއަށް ބަލާށެވެ.

" އިންޝާﷲ އަދި ލިބޭނެ! "

ޒައިން ހިނިތުންވެލަމުން ބުންޏެވެ. ނަމަވެސް އެކަމަށްވެސް ނަދާ ބޭނުންވީ ޒައިން ބޮލަށް އުނދަގޫ ކުރަން ކަހަލައެވެ. އޭނާ އަނެއްކާވެސް ޒައިންގެ ގައިގައި ބައްދާލިއެވެ.

" އުޅޭ އަހަރެމެން ބޭބީއެއް ހޯދަން! "

" ނަދާ މޮޔަވީތަ؟ އަދި ކައިވެންޏަށް ހަފްތާއެއް ނުވެޔޭ! ކޮބާ އަހަރެމެންގެ ކިޔެވުން؟ ކޮބާ އަހަރެންގެ ވަޒީފާ؟ ކިހިނެއް ބޭބީއެއް ގޮވައިގެން އަހަރެމެން އުޅެނީ ؟ "

ޒައިން ހިތްހަމަ ނުޖެހުނުކަން އެނގުމުންވެސް އެމައުޟޫއަށް ވާހަކަދެއްކުން ހުއްޓާކަށް ނަދާ ބޭނުމެއްނުވިއެވެ.

" ކިޔެވުމާ ވަޒީފާއަކީ މުޅިން އެހެންކަމެއް! އެހެން ނޫނަސް ޒައިން އަބަދުވެސް ވިސްނަނީ ފައިސާއާމެދު! އަހަރެން ބުނަމެއްނު ފައިސާއަށް ދައްޗެއް ނުވާނެޔޭ! އަހަރެމެން ބޭނުން ކޮންމެ ކަމެއްވެސް އަހަރެމެންނަށް ކުރެ..... "

" ނުކުރެވޭނެ! ނުކުރެވޭނެ ނަދާ! ނަދާގެ ބައްޕަ ހޯދާ ފައިސާއިން އަހަރެމެންނަށް ބޭނުން ކޮންމެ ކަމެއް ނުކުރެވޭނެ! "

ނަދާގެ ޖުމްލަ ނުނިމެނީސް ޒައިންއަށް ހަޅޭއްލަވައިގަނެވުނެވެ. ޒައިންގެ އަޑަށް ނަދާވެސް ސިހުނެވެ. އެއާއެކު އޭނާ އަނގަމަތީ އަތް އަޅައިގެން ހުރެ ފަހަތަށް ޖެހެމުން ގޮސް ދުއްވައިގަތެވެ.

" ނަދާ! މަޑުކޮށްބަލަ! "

ނަދާ ދުއްވައިގަތުމުން ޒައިން ބާރުބާރަށް ގޮވިއެވެ. ނަމަވެސް ފަސްއެނބުރި ބަލާލުމެއްނެތި އޭނާ ދިޔައީއެވެ. ޓެރަސްގެ ފެންސްގައި އަތުން ދެފަހަރަކު ޒައިންއަށް ޖަހާލެވުނީ ރުޅިގަދަވި ވަރުންނެވެ. އެއްވެސް ޙާލެއްގައި ނަދާ ދެރަކުރާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން ޒައިންވެސް ތިރިއަށް ދިޔުމަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަނުމާއެކު ޒައިންގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި ބަންޑުންއޮވެ ރޮމުންދިޔަ ނަދާއެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް އޭނާ ހުއްޓުނީ އަލަމާރިކައިރީގައެވެ. އަދި ނަދާއަށް ބަލަން ހުރެ ގަމީސްބާލާ ކޮނޑެއްގައި އަޅުވާލުމަށްފަހު އެނދާއި ދިމާއަށް އޭނާ ހިނގައިގަތެވެ.

" ސޮރީ!.. އަހަރެން ވަރަށް ހާސްވެފަ ހުއްޓަ ނަދޫ އެތަނަށް ދިޔައީ! ދެން ބޯ ހާސްވާ ކަހަލަ ވާހަކަ އެވަގުތު ދެއްކީމަ އަސްލު ރުޅި އާދެވުނީ!"

ނަދާއަށް ފުރަގަސްދީގެން އިނދެ ޒައިން ވާހަކަ ދެއްކިއެވެ. ނަމަވެސް ނަދާ އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ހަމަ އެގޮތަށް އޮތީއެވެ.

" ސޮރީއޭ ދެން.. އޭ! ލޯބި! "

ނަދާއަށް ބަލާލަމުން އޭނާގެ ބުރަކަށީގައި އަތްޖައްސާލަމުން ޒައިން އަނެއްކާވެސް ބުނެލިއެވެ.

" އިޓްސް އޯކޭ! އެކަމަކު ދެން އެގޮތަށް ބާރަށް ހަޅޭއްލަވައިގަތިއްޔާ ނުވެސް އުޅޭނަން ޒައިންއާ އެކު! ޒައިންއަށް އެނގޭނެ އަހަރެން ޒައިންދެކެ ލޯބިވާވަރު. އެކަމަކު ޒައިން އަބަދުވެސް އަހަރެން ދުރުކުރާހެން ހީވަނީ"

ދެއަތުން މޫނު ސާފުކޮށްލަމުން ނަދާ ބުންޏެވެ. އެއާއެކު ޒައިންގާތަށް ވަރަށް ހިނިއައެވެ. އަދި ބަންޑުން އޮށޯވެ އޮތް ނަދާގެ ބުރަކަށިމަތީ ބޯއަޅާލަމުން އޭނާ އޮށޯވެލިއެވެ.

" އަހަރެން ކިހިނެއް އަހަރެންގެ ލޯބިލޯބި އަނބިމީހާ ދެރަކުރާނީ؟ ދުރުކުރާނީ؟ ތިހާ ރީތި އަނތްބެއް މީހަކަށް ނުލިބޭނެކަންނޭނގެ! ބިއްލޫރިކޮޅުވެސް ވެއްޓުނީމަ އެއްނު ތެޅޭނެ! އެކަމަކު އަހަރެންގެ އަނބިމީހާއަކީ ނުވެއްޓެނީސް ރެނދުލާހާ ތުނި ތުނި ކުއްޖެއްނު!"

ޒައިން އެހެން ބުނުމުން ވީ އުފަލުން ނަދާއަށް ހެވުނެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ޒައިންގެ ގައިގައި ބައްދާލިއެވެ.

ދުވަސްތައް މަޑުމަޑުން ދައުރުވަމުންދެއެވެ. ދުވަހެއް ދުވަހަކަށް އުޝާއަށް ބަދަލުތައް އަންނަމުންދެއެވެ. ބަނޑަށް ތިންމަސް ވެފައި ވާއިރު ހަށިގަނޑުގެ ރޫފަ ކުރިއަށްވުރެ ރަނގަޅުވެ އޭނާގެ ހަށިގަނޑަށް ހީވަނީ އިތުރު ފުރިހަމަކަމެއް ލިބިފައިވާހެންނެވެ. ނަމަވެސް ކޮޓަރިތެރޭގައި އެހެން އިނދެގެން ވިސްނާ، ވިސްނާ، ނަފްސާނީގޮތުން އޭނާވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ތާޒާވަޔާ އިރުގެ އަލިން މަޙްރޫމްވެފައިވާއިރު އަނގައިން ބުނެލާ، ގޮވާލާ ހަދާނެ މީހަކު ނެތެވެ. ހިތްހަމަ ޖައްސާލުމަށް ކުރެވޭނެ ކަންތައްތަކެއް ނެތެވެ. އޭނާގެ ކޮންމެ ދުވަހެއްވެސް ފާއިތުވެގެންދަނީ ފަސްވަގުތު ނަމާދުކޮށް ދުޢާ ކުރުންމަތީއެވެ.

" އައްސަލާމްޢަލައިކުމް.."

ނިދިނިދި އޮތް އުޝާގެ ކަންފަތުގައި ޖެހުނީ ވަރަށް ދަންނަ އަޑެކެވެ. ދެލޯ ހުޅުވާލުމަށްފަހު އޭނާ އޮތީ ދެވަނަ ފަހަރަށް އެއަޑު އިވޭތޯ ވިސްނާށެވެ.

" އައްސަލާމްޢަލައިކުމް.."

އަނެއްކާވެސް އިވުނެވެ. އެއީ އަމީރާގެ އަޑުކަން ޔަޤީންވުމާއެކު ފުންމައިގެން އޭނާއަށް ތެދުވެވުނެވެ. އަވަސް އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު ސިޓިންގރޫމްގައި ހުރި އަމީރާއާ ފަހުމީއަށް ބަލާލެވުނީ އެދިމާލަށެވެ.

" ދަރިފުޅާ! "

އަމީރާއަށް ބޭއިޙްތިޔާރުގައި ގޮވާލެވުނެވެ.

" މަ..މަންމާ! "

އުޝާއަށްވެސް ގޮވާލެވުނީ އަސަރާއެކުއެވެ.

" ދަރިފުޅު ބަލައޭ މިއައީ! ދަރިފުޅު އައި ފަހުން ގޭތެރެ ހީވަނީ މީހަކު ނޫޅޭ ތަނެއްހެން.. ހިނގާ މަންމަ މެންނާއެކު ދާން.."

އަމީރާ އެހެން ބުނުމުން އުޝާއަށް ބަލާލެވުނީ ފަހުމީގެ މޫނަށެވެ. ފަހުމީވެސް ބޯޖަހާލަމުން ހިނިތުންވެލިއެވެ.

" އޯހް؟! އަނެއްކާވެސް އައީ؟"

އެތެރެއަށް ވަދެގެން އައި ހަމީދާގެ އަޑަށް އަމީރާ ދިޔައީ ސިހިގެންނެވެ.

" އުޝާ ގެންދަން ވެގެން! "

އަމީރާ އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު މަލާމާތުގެ ރާގަކަށް ހަމީދާ ހޭންފެށިއެވެ.

" މިހާ ވިޔާނުދާ ކުއްޖެއް ކީއްކުރަން ގެންދަނީ؟ ކަލޭމެންގެ އަގުވެސް ވެއްޓޭނީ! މަވެސް މީނަ މިރަށަށް އައިއްސުރެ މި ކޮޓަރީގަ ބަންދުކޮށްގެން މި ގެންގުޅެނީ.."

ހަމީދާ އެހެން ބުނުމާއެކު ފަހުމީއާ އަމީރާއަށް އުޝާއާދިމާލަށް ބަލާލެވުނީ އެއްފަހަރާއެވެ. އެމީހުން އުޝާ ބަލާ އެއައީވެސް އުޝާއަށް އެޙާލުގައި އުޅެންޖެހިދާނެތީއެވެ.

" އަހަރެން ހިތަށް އަރާ ކަލޭ އުޝާދެކެ ތި އަންނަނީ ކޮން ރުޅިއެއްބާއޭ؟ އަހަރެމެންގެ ދަރިއަކަށް ހަދައިގެން އުޝާ ގެންދިޔަފަހުން އަހަރެމެންނަށް ދަރިންނަކީ ކިހާ މާތް ނިޢުމަތެއްކަން އިޙްސާސްވީވެސް..! އަދި އަހަރެމެންނަށް އޭނާ ދެކެ ލޯބިވެވުނީ މާ ބޮޑަށް. އަހަރެމެންގެ ފިރެހެން ދަރިފުޅުދެކެވެސް ލޯބި ނުވާވަރަށް.! މިއީ ވިޔާނުދާ ކުއްޖެއްނޫން! ކޮންމެ މީހަކަށްވެސް ކުށެެއް ކުރެވިދާނެ! އެކަމަކު އަބަދު އެކުށުގައި ހިފާ ދަމައިގެން މީހާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލުމަކީ އަހަރެން ޤަބޫލުކުރާނެ ކަމެއްނޫން.."

އަމީރާގެ ވާހަކަތަކުން އުޝާގެ ދެލޯ ކަރުނުން ތެންމާލިއެވެ. ދުވެފައި އައިސް އަމީރާގެ ގަޔަށް އޭނާއަށް ޖެހިގަނެވުނެވެ. ބުނާނެ އެއްޗެއް ނޭނގޭ ޙާލު ހަމީދާއަށްވެސް ބަލަހައްޓައިގެން ހުރެވުނީއެވެ.

" އަހަރެން ރަށުތެރެއަށް ގިނަކޮށްނުލާ އަހަރެން ބެލެހެއްޓީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. "

އުޝާ ބަލާލީ ހަމީދާގެ މޫނަށެވެ. އޭރު އާދައިގެ ގޮތަކަށް ބަލަހައްޓައިގެން ހަމީދާ ހުއްޓެވެ.

" އަހަރެމެން މިދަނީ އުޝާ ގޮވައިގެން..."

އުޝާގެ އަތުގައި ހިފާލަމުން އަމީރާ ބުންޏެވެ. އެއްޗެއް ނުބުނެ ހަމީދާއަށް ހުރެވުނީއެވެ. އިތުރަށް މަޑުނުކޮށް އަމީރާ އުޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

" ޒައިންގެ މަންމަމެން ހާދަ އުފާވާނެޔޭދޯ! ހިއެއްވެސް ނުކުރާނެއެއްނު އަހަރެމެން ހިނގައިދާނެކަމަކަށް! "

ނަދާ އިނީ ޒައިންގެ ކޮނޑުގައި ބޯޖައްސާލައިގެންނެވެ. އޭރު ފްލައިޓް އޮތީ ނައްޓާލަން ތައްޔާރަށެވެ.

" ހޫމް.. ދެން މާލޭގަ މަޑުކުރާށޭ ކަންނޭނގެ ބުނާނީ"

މަޖާ ރާގަކަށް ޒައިން ބުނެލިއެވެ. އެއާއެކު ނަދާވެސް ހިނިގަނޑެއް ޖަހާލިއެވެ.

" އަހަރެން ދެން ލަންކާއަކަށް ނުދާނަމޭ! ރާއްޖޭގަ އުޅޭނީ!"

ނަދާ އެހެން ބުނުމުން ޒައިންއަށް ލިބުނީ ކުއްލި ސިހުމެކެވެ.

(ނުނިމޭ)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (10)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (10)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

(ނިމުނީ)