" އެކަމަކު އަހަރެން؟ އަހަންނަށް މިލިބުނީ ހިތްދަތިކަމާ، ދާއިމީ ނިކަމެތިކަމެއް!"
އުޝާ އެހެން ބުނުމުން ހައިރާންކަމާއެކު ނަދާއަށް ބަލާލެވުނީ ޒައިންއަށެވެ.
" ރަށުން އަނެއްކާ ކަމެއް ދިމާވީތަ؟ އަހަންނަށް އުޝާ އުޅޭކަންވެސް އެނގުނީ މިއަދު"
ޒައިންގެ އަތުން ދޫކޮށްލަމުން ނަދާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. ކޮޅަށް ގިނައިރު ހުންނަން އުނދަގޫވާތީ އުޝާ އެނދުގައި އިށީނދެލިއެވެ. އޭރުވެސް ކުރިމަތީގައި ފަޓްލޫންގެ ދެޖީބަށް އަތްޖަހާލައިގެން ޒައިން ހުއްޓެވެ.
" ތަޤްދީރުގައި ރޭވިފައިވާ ގޮތަށް ހުރިހާ ކަމެއްވެސް ނިމޭނީ! އުފަލަކީ ހުރިހާ އެންމެންގެ ތަޤްދީރުގައި ލިޔެވިފައިވާ ކަމެއް ނޫން ނަދާ! "
ފުން ނަޒަރަކުން ޒައިންގެ މޫނަށް ބަލާލަމުން އުޝާ ބުނެލިއެވެ. އެއާއެކު ނަދާ އައިސް އުޝާއާ ދާދި ގާތުގައި އިށީނެވެ. އެހިނދު ނަދާގެ ގައިން ދުވި ވަސްގަދަ ސެންޓެއްގެ ވަހުން އުޝާއަށް ކެތްކުރެވޭ ގޮތެއް ނުވިއެވެ. އަނެއްކާވެސް މޭނުބައިކޮށް އޯކާ ދެމެން ފެށުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފާޚާނާއަށްވަދެ ބާރުބާރަށް އޭނާ ހޮޑުލާން ފެށުމުން ނަދާ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. ދާދި ދެންމެއަކު އުޝާ ދެއްކި ވާހަކަތަކުން ނަދާގެ ހިތުގައި ހާސްކަން އުފެދެންފެށިއެވެ. އަދި ޒައިންއަށް ބަލަހައްޓައިގެން ނަދާއަށް އިނދެވުނީ ހިތަށް ޖަމާވަމުންދިޔަ ސުވާލުތަކުން އަނގައިން ނުބުނެވިފައެވެ.
" ތި ހިތަށް އަރަނީ ހަމަ ރަނގަޅަށް ނަދާ! "
ފާޚާނައިން ނިކުމެ، އިރުކޮޅަކު ހުރުމަށްފަހު އުޝާ ބުނެލިއެވެ. އެއާއެކު ނަދާއަށް ފުންމައިގެން ތެދުވެވުނެވެ.
" އަހަންނަށް ހޮޑުމިލެވެނީ... ހަމަ އެހެންވެގެން! އަހަރެންގެ ހަށިގަނޑުތެރޭގައި ކުޑަކުޑަ ފުރާނައެއް އެބައޮތް! "
ފާރުގައި އަތް ޖައްސާލައިގެން ހުރެ، އުޝާ ހިނގަމުން އައިސް އެނދުގައި އިށީނދެ ހެޑްބޯޑުގައި ލެނގިލިއެވެ. އެއާއެކު އެނދުތިރީގައި ހުރި ފެންފުޅި ނަގާ، ނަދާ އުޝާގެ އަތަށް ދިނެވެ.
" އުޝާ؟ އެވަރުގެ ބޮޑު ލަނޑެއް ދިނީ ކާކު އުޝާއަށް؟ "
ނަދާއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. ދެލޯމަރާ ބާރުކޮށްލަމުން އުޝާ ހިނިތުންވެލިއެވެ. ނަމަވެސް އޭރު އޭނާގެ ދެލޮލުން ކަރުނަތައް ފޭދިގެން ދެއެވެ.
" އެއީ މި ދުނިޔެއިންވެސް އަހަންނަށް އެންމެ ލޯބިވެވުނު އިންސާނާ! ލޯތްބަކީ ކިހާ ފޮނި އެއްޗެއްކަންވެސް އަހަންނަށް ދަސްކޮށްދިނީ އޭނަ! އަދި ހަމަ ލޯތްބަކީ ކިހާ ހިތްދަތި، ވޭނީ އެއްޗެއްކަންވެސް އިޙްސާސްކޮށްދިނީ އޭނަ! ވަގުތީ އުފަލަކަށްޓަކައި، އޭނަ އަހަރެންގެ މުޅި ޙަޔާތް އަނދިރިކޮށްލައިފި! އަހަންނަކީ އެކަނިވެރިއެއްކަން އެނގި ހުރެވެސް، އަހަންނަށް އިތުރު ހިތްދަތިކަމެއް ދީފި! މިހާރު އަހަރެން ދިރި މިހުންނަނީ އަހަރެންގެ ބަނޑުގައި މިއޮތް ތުއްތު ދަރިފުޅަށްޓަކައި! "
ލަސްލަހުން އުޝާ ވާހަކަ ދައްކަމުންދިޔައެވެ. އެ ޖުމްލަތައް ޒައިންއަށް އިވެމުންދިޔައީ ބިރުވެރި ގޮތަކަށެވެ. އުޝާއަށް ދެވުނު ހިތްދަތިކަން އިޙްސާސް ކުރެވުނެވެ. އުޝާއާމެދު ހަމްދަރުދީ ވެވުނެވެ. މަޢާފަށް އެދެން ބޭނުންވިއެވެ. އުޝާގެ ދެލޮލުން އޮހޮމުންދާ ކަރުނަތައް ފުހެލަދިނުމަށް ހިތް އެދެންފެށީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެެވެ. އުޝާގެ ބަނޑުގައި އެވަނީ އޭނާގެ ދަރިއެއްކަން ޒައިންއަށް ޔަޤީނެވެ. އުޝާ އެހެން ބުނާ ކޮންމެ ފަހަރަކު އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސެއް ކުރެވެއެވެ.
" އެއީ ކާކު؟ ތިވަރުގެ ހިތާމައެއް ދޭން ކެރުނު މީހެއްދެކެތަ އުޝާ އިންތިހާއަށް ތި ލޯބިވަނީ؟ "
އުޝާގެ މަގަތުގައި އިށީނދެލަމުން ނަދާއަށް އަހާލެވުނެވެ. އެއާއެކު ދެލޯ ހުޅުވާލަމުން އުޝާ ގަދަކަމުން ހީލިއެވެ.
" އަހަރެން ބޭނުމެއް ނޫން ދެން އޭނާގެ ވާހަކަ ދައްކާކަށެއް! ނަދާ ދެން މިކަމާ ނުވިސްނާ! އިރާދަކުރެއްވިއްޔާ އަހަރެން ދިރިހުރިހާ ހިނދަކު މިދަރިފުޅަށް އުފާވެރިކަން ހޯދަދޭނީ އޭނަޔާ ނުލާ.. ! އަހަރެންގެ އެހިތްވަރު އެބަހުރި! "
ޒައިންއަށް ބަލާލަމުން އުޝާ ބުނެލިއެވެ. އެއާއެކު ނަދާއަށްވެސް ބަލާލެވުނީ ޒައިންއަށެވެ.
" ފިރެހެނުންގެ ވިޔާނުދާކަން ފެނޭތަ ޒައިން؟ ކިހާ ގޯސްތަ އަޅެ! ދެރަނުވޭ އުޝާ! އިރާދަކުރެއްވިއްޔާ އަހަރެމެން އަބަދުވެސް އުޝާއަށް އެހީވާނަން!" އޯގާތެރިކަމާއެކު ނަދާ ބުނެލިއެވެ. އަދި އޭނާ އުޝާގެ އަތުގައި ފިރުމާލުމަށްފަހު ހިނިތުންވެ އިނދެ ތެދުވެގެން ޒައިންގާތު ހުއްޓުނެވެ.
" އަދި އިންޝާﷲ އުޝާއަށް މިކަހަލަ ރަނގަޅު ފިރިއެއް ލިބޭނެ! ޒައިންއާ ދިމާވުން އެއީ މަގޭ ނަސީބު ހަމަ! " ނަދާ ލޯތްބާއެކު ޒައިންއަށް ބަލާލުމުން ހިނިތުންވެނުލާ ހުންނާކަށް ޒައިންއަކަށް ނުކެރުނެވެ. ޒައިންގެ އެ ހީލުން ވެގެން ދިޔައީ އުޝާގެ ހިތަށް ލިބުނު އިތުރު ހިތްދަތިކަމަކަށެވެ.
" ކަމެއް ބޭނުންވިއްޔާ ބުނެލާތި! "
ނަދާ އެއްޗެއް ހީކޮށްފާނެތީ ޒައިން އަވަސް އަވަހަށް އުޝާއަށް ބަލާލަމުން ބުނެލިއެވެ. އަދި އުޝާގެ ޖަވާބަކަށްވެސް މަޑުކުރުމެއްނެތި އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. އެއާއެކު ދަނީއޭ ބުނެ ޒައިންގެ ފަހަތުން ނަދާވެސް ހިނގައިގަތެވެ.
އެދެމީހުން ކޮޓަރިން ނިކުތުމާއެކު އުޝާ އަވަސް އަވަހަށް އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ތަޅުލިއެވެ. އަދި މޫނުގައި ދެއަތުން އަތް އަޅައިގެން ހުރެ، ލޯގަނޑުކައިރީގައި ހުއްޓުނެވެ. އޭރު ކަރުނައިން އޭނާގެ މުޅި މޫނު ތެމިފޯވެއްޖެއެވެ. މޫނުދޮންނަ ތަށީގެ އިސްކުރު ދޫކޮށްލުމަށްފަހު ދެއަތްގޮށި ފުރާ ފެން އެޅުމަށްފަހު މޫނަށް ފެން ޖަހަމުން ދިޔައީވެސް ރޮމުންނެވެ.
" އެހެން އަންހެނަކާއެކު ޒައިން އުޅޭތަން ދެކެން އަހަންނަކަށް ކެތެއް ނުވެޔޭ ޒައިން... ނުވެޔޭ ކެތެއް!"
ބާރުބާރަށް އުޝާއަށް ބުނެވުނެވެ. މޫނުމައްޗަށް ފައިބަމުންދާ އިސްތަށިތައް ކަންފަތުގެ ފަހަތަށް ގެނައުމަށްފަހު، ދުޅަވެފައިވާ އޭނާގެ މޫނާއި ދެލޮލަށް ލޯގަނޑުން ބަލާލިއެވެ. އެއަށްފަހު މޫނުމަތީގައި މަޑުމަޑުން ފިރުމާލިއެވެ.
" ޒައިން ކީއްވެ އަހަންނަށް ތިހެން ތިހެދީ؟ އެހާ ލޯބި ދީފަ... ވަކިނުވެވޭ ވަރަށް ލޯބި ވެވުނީމަ... ކީއްވެ އަހަރެން ދޫކޮށްލީ؟ ކީއްވެ؟ ކީއްވެ؟ "
ދަތް ވިކައިގަންނަމުން ދެލޯމަރާ ފިއްތާލަމުން އުޝާއަށް ބުނެވުނެވެ. އޭނާގެ ހިތަށް ކުރާ އަސަރުތައް އޭނާއަށް ހިފެހެއްޓޭވަރަށް ވުރެންވެސް އުދަގުލެވެ.
****
އުޝާގެ ވާހަކަތަކުން އަދިވެސް ޒައިންއަށް އުނދަގޫވަމުންދިޔައެވެ. މޭމަތީގައި ބޯއަޅާލައިގެން ނިދިފައި އޮތް ނަދާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ އޮތް އިރުގައިވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އުޝާގެ ޚިޔާލްތަކެވެ. މިއަދު އޭނާ ދެއްކި ވާހަކަތަކެވެ. އުޝާއަށް ދެވުނު ދެރަ ޒައިންއަށް އިޙްސާސްވީވެސް އެ ވާހަކަތަކުންނެވެ. މަޑުމަޑުން ނަދާ އެއްފަރާތް ކޮށްލުމަށްފަހު އޭނާ ތެދުވިއެވެ. ސިކުނޑި ތާޒާކޮށްލުމަށް ކޮފީއެއް ބޯލަން ބޭނުންވުމުން ތިރިއަށްދާން އޭނާ ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ކުރިމަތިން އެ ފެންނަނީ އުޝާގެ ކޮޓަރިއެވެ. އެކޮޓަރީގެ ދޮރަށް ބަަލަހައްޓައިގެން އިރުކޮޅަކު ޒައިންއަށް ހުރެވުނެވެ. އަތުކުރީގައި އޮތް ގަޑި ބަލާލިއިރު ގަޑިން ދަންވަރު އެކެއްވެސް ޖަހަައިފިއެވެ. އޭނާ އަވަސް އަވަހަށް ސިޑިން ފައިބައިގެން ބަދިގެއަށް މިސްރާބު ޖެހިއެވެ. ބަދިގެއަށް ވަނުމާއެކު ހިތަށް ލިބުނީ ކުއްލި ސިހުމެކެވެ. އައިސް އަލަމާރި ކައިރީގައި އެހުރީ އުޝާއެވެ. ކިރުޕެކެޓެއް ނަގައިގެން އެނބުރިލުމާއެކު އުޝާއަށްވެސް ޒައިން ފެނުނެވެ. ދެމީހުން ހަތަރުކަޅި ބައްދަލްވުމާއެކު މީގެ ދުވަސްކޮޅެއްގެ ކުރިއަށް ސިކުނޑިއާއި ހިތް ދަތުރުކުރިއެވެ. ލޯބިން އުޅުނު ދުވަސްތައް ހަނދާންވާންފެށިއެވެ. އެ އިޙްސާސްތަކުން އުޝާއަށް ރޮވޭކަށް މާ ގިނައިރުތަކެއް ނުނެގިއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އަތުގައި ހުރި ކިރުޕެކެޓް އައިސްއަލަމާރިއަށް ލުމަށްފަހު ބޭރަށް ނިކުންނަން ހިނގައިގަތެވެ.
" އުޝާ!"
ޒައިން ގޮވާލުމުންވެސް އުޝާ ނުހުއްޓުނެވެ. އެހެންކަމުން އުޝާގެ ފަހަތުން ގޮސް އޭނާ އުޝާގެ ކުރިމައްޗަށް އެރިއެވެ. އެއާއެކު ބާރުބާރަށް އުޝާ ދެލޯމަރާލިއެވެ.
" މަޑުކޮށްބަލަ! "
އަވަސް އަވަހަށް ޒައިން އެހެން ބުނުމާއެކު، އުޝާގެ ހިތުގައި ހުރި ޝަކުވާތައް ކެކި އަރަން ފެށިކަހަލައެވެ. ދެލޯ ހުޅުވާލުމަށްފަހު އުޝާ ބުނެލިއެވެ.
" ކިހާ ވަރަކަށްތަ އަހަރެން މަޑުކުރަންވީ؟ ކިހާ ދުވަހަކު އަހަރެން އިންތިޒާރުކުރިކަން ޒައިންއަށް އެނގޭތަ؟"
އުޝާގެ އެ ޖުމްލަތަކަށް ޖަވާބުދޭން ބޭނުންވެފައި ހުރިވަރުން ޒައިންވެސް ވާހަކަ ދެއްކުން އަވަސްކޮށްލިއެވެ.
" އަހަންނަށް މަޢާފްކުރޭ އުޝާ! އޭރު އަހަރެން ސީރިއަސްއެއް ނުވަން! ހިއެއް ނުކުރަން އުޝާ އެހާ ސީރިއަސް ވާނެކަމަކަށް! އެހެންވެ ދެން އަހަންނަށް ނުކެރުނީ އެހެން ބުނަން..."
" ލޯބި ނުވާ ވާހަކަ ބުނަން ނުކެރުނު މީހަކަށް އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން ކެރިއްޖެ! ޒައިންއަށް އެނގޭތަ ދުނިޔެ ދެކެ ލަދުން ދުނިޔެއަށް ފިލައިގެންނޭ އަހަރެން މިއިންނަނީ! "
އިތުރަށް އެއްޗެހި ކިޔަން ބޭނުން ނުވެގެން އުޝާ ބާރުބާރަށް ހިނގައިގަތީ އެތަނުން ނިކުންނާށެވެ. ނަމަވެސް އަނެއްކާވެސް ޒައިން އޭނާ ހިފެހެއްޓިއެވެ.
" ދޫކޮށްލާ އަހަރެންގެ އަތުން!"
ފަސްއެނބުރި ޒައިންއާ ދިމާލަށް ބަލައިވެސް ނުލާ ހުރެ އުޝާ ބުނެލިއެވެ.ނަމަވެސް ޒައިން ހުރީ އުޝާއަށް ފޮޅުވާވެސް ނުލެވޭވަރަށް އަތުގައި ހިފާ ބާރުކޮށްލާފައެވެ.
" މިލްކް ބޮއިގެން ދާންވީނު! ކޮފީއެއް ހިފައިގެން އަހަރެން ހިނގައިދާނަން މިތަނުން! އަހަރެން ފެނުނީމަ ތިދަނީ މިލްކް ޕެކެޓް އަލަމާރިއަށް ލައިފަ! ބޭބީއަށް މިލްކް ވަރަށް މުޙިއްމުވާނެ! "
އޯގާތެރިކަމާއެކު ޒައިން އެހެން ބުނުމުން އުޝާގެ މެޔަށް ފިނިވެ، މޯޅިވެފައިވާ ހިތަށް ތާޒާކަން ލިބިގެން ދިޔައެވެ.މިއަދު އުޝާ ބޭނުންވަނީވެސް ހަމައެކަނި ޒައިންގެ އަޅާލުމެވެ. އޭނާގެ ފިރުމުންތަކެވެ.އޭނާގެ ލޯތްބެވެ. ޒައިން ބުނެލި އޯގާތެރިކަމުގެ އެންމެ ޖުމްލައަކުންވެސް އުޝާއަށް ކޮންމެވެސް ވަރެއްގެ އުފަލެއް ލިބުނު ކަހަލައެވެ. ޒައިން ކުއްލިއަކަށް އުޝާގެ އަތުން ދޫކޮށްލިއެވެ. އެހެނަސް ޒައިންއަށް ބަލާލާނެ ހިތްވަރެއް އުޝާ އަކަށް ނުލިބުނެވެ. އެހެންކަމުން އިތުރަށް އެއްޗެއް ނުބުނެ އުޝާ މަޑުމަޑުންގޮސް ކިރުޕެކެޓް ނަގައިގެން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އުޝާާގެ ކިޔަމަންތެރިކަންފެނި، ޒައިންއަށް އިތުރަށް އުޝާއާމެދު ޝައުޤުވެރިވެވުނެވެ. ލޯމަތިން އުޝާ ގެއްލެންދެން އޭނާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ.
***
" އެއީ ލަންކާގައިވެސް އަަހަރެން ދަންނަ ރައްޓެހިންތަކެއް! ދެން ކޮބާތަ މައްސަލައަކީ އެމީހުންނާއެކު ރެސްޓޯރެންޓަކަށް ދިޔަޔަސް! "
ނަދާގެ އަޑު ބާރެވެ. އުޝާގެ ކޮޓަރިއަށްވެސް ނަދާގެ ރުޅިވެރި އަޑު އިވެމުންދެއެވެ.
" ޒައިން އޯކޭ ނުވިޔަސް އަހަރެން ދާނަން! މިހާވަރަށް ތައްޔާރުވީމަތަ ނުދާށޭ ބުނަން އެނގުނީ ؟ "
އަނެއްކާވެސް އިވުނީ ނަދާގެ އަޑެވެ. ވާނުވާ ބަލާލާ ހިތުން އުޝާ މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ދޮރުމަތީގައި މަޑުކޮށްލިއެވެ.
" އެއްފަހަރުވެސް އަހަރެންގާތުން ހުއްދަ ހޯދިންތަ؟ އަހަރެން ހީކުރީ މިއަދު މާވަރަކަށް ރީތިވަނީ އަހަންނާއެކު ބޭރަށް ދާންކަމަށް! "
ޒައިންގެ އަޑުން އޭނާވެސް ރުޅިއައިސް ހުރިކަން އުޝާއަށް އެނގުނެވެ.
" މިދަނީ ދާން! އަހަންނަށް ހެޔޮ ޒައިން ރުޅި އަަޔަސް..."
އެ ޖުމްލައާއެކު ޒައިންގެ ކޮޓަރި ދޮރު ހުޅުވުނެވެ. އެއާއެކު އުޝާގެ ލޮލުގައި އަޅައިގަތީ ނަދާއެވެ.ކަކުލާހަމައަށް އަންނަވަރުގެ ރަތްކުލައިގެ ހެދުމެއްގައި ހުރި ނަދާފެނި، އުޝާވެސް ހައިރާންވިއެވެ. އޭނާ ތައްޔާރުވެފައިވާލެއް ފުރިހަމަކަމުން އުޝާ ހުރީ ހައިރާންވެފައެވެ. ނަދާ ނިކުތުމާއެކު ފަހަތުން ޒައިންވެސް ނިކުތެވެ. ޒައިންއަށް އުޝާ ފެނުމުން ވަގުތުން މައިތިރި ވެވުނެވެ. ނަދާއާ ދިމާލަށް ބުނަން އުޅުނު ޖުމްލަވެސް ބުނާކަށް ނުކެރުނެވެ. އޭރު އެދިޔަ ބާރުމިނުގައި ސިޑިން ފައިބައިގެން ނަދާ ގޮއްސިއެވެ.
" ހާދަ ބާރު ބާރަށް ފައިބައިގެން ނަދާ އެދިޔައީ ކޮންތާކަށްތަ؟"
ސިޑި ކައިރީގައި ހުއްޓިލައިގެން ހުރެ، އަމީރާ ބުންޏެވެ. އަމީރާ ގެ އަޑަށް ޒައިން ދިޔައީ އެއްލިގެންނެވެ. ދެމީހުންގެ ދެމެދު ޖެހޭ އެއްވެސް މައްސަލައެއް މައިންބަފައިންނަށް އެނގޭކަށް ޒައިން ބޭނުމެއްނޫނެވެ. އެހެންކަމުން މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން އޭނާ ބުންޏެވެ.
" ފްރެންޑްސް އާއެކު "
" ދަރިފުޅު ނުދަންތަ؟" ހައިރާން ކަމާއެކު އަމީރާ އެހެން ބުނުމުން ޒައިންއަށް ބަލާލެވުނީ އުޝާގެ މޫނަށެވެ.އޭރުވެސް ދޮރުކަނީގައި ލެނގިލައިގެން މަންޒަރު ބަލަން އުޝާ ހުއްޓެވެ.
" މީ..އާނ... އެއީ... ގަރލްސް ނައިޓެކޯ..އެހެންވީމަ އަހަރެން މަޑުކޮށްލީ!"
ޒައިން އެހެން ބުނުމުން އަމީރާ އެހެންދޯއޭ ބުނެ، އުޝާއަށް ބަލާލިއެވެ.
" ދަރިފުޅާ އުޝާ! ސްކޭނަށް ދާންޖެހެނީ އިރުއޮއްސޭކަންހާއިރު! މަޣްރިބް ނަމާދުކޮށްގެން ތައްޔާރުވެލާތި.."
އޯގާތެރިކަމާއެކު މަންމަ އެބުނި ޖުމްލައިން ޒައިންއަށް އަނެއްކާވެސް އުޝާއަށް ބަލާލެވުނެވެ.
" ކޮން ސްކޭނެއް؟ " އަމީރާއަށް ބަލާލަމުން ޒައިންއަށް ބުނެވުނީ ބޭއިޙްތިޔާރުގައެވެ. އެއާއެކު އުޝާވެސް ބަލާލީ ތިރީގައި ހުރި އަމީރާގެ މޫނަށެވެ. ފެންނަ ފެނުމަށް އޭނާ ހުރީ ޒައިންއަށް ޖަވާބުދޭން ބޭނުންވެފައެއް ނޫނެވެ.
" އެންމެ ރަނގަޅު މަންމާ! ތައްޔާރު ވެގެން ދާނަން މަންމަ ކޮޓަރިއަށް! "
އުޝާ އެހެން ބުނުމުން އަމީރާ ހީލިއެވެ.
" އެއީ ބޭބީގެ ހާޓްބީޓް ބަލަން ކުރާ ސްކޭނެއް! ދަރިފުޅު ނަދާއަށް ގުޅައްޗޭ! އޭނަ އެކަނި އެގޮތަށް ފޮނުވާކަށް ނުވާނެއެއްނު.. ކަމެއް ވެދާނެތީ! ނަޒީރުމެން ވަރަށް ހިތްހަމަ ނުޖެހޭނެ! އެއީ ނަޒީރުމެން މަލެއް ރަނެއްހެން ބަލާ ބޮޑު ކުރި ކުއްޖެއް! "
އަމީރާގެ ޖުމްލައިން ޒައިންގެ ހިތަށް ފޫހިކަން ވެރިވިއެވެ. ޒައިންގެ ކުރިމަތީގައި ޒުވާބުކޮށްފައި ދިޔަމީހަކު އުޅޭ ނޫޅޭ ގޮތް ބަލާކަށް ޒައިން ބޭނުމެއް ނޫނެވެ. ނަމަވެސް އެހެންވެސް މަންމަގާތު ބުނާކަށް ނުކެރުނެވެ.
***
ތައްޔާރުވެގެން އުޝާ ތިރިއަށް ފޭބި އިރު، އަމީރާ އަދި އުޅެނީ ކޮޓަރީގައެވެ. އެހެންކަމުން އޭނާ މަޑުކޮށްލީ ސޯފާގައެވެ. ކަޅުކުލައިގެ އަތްދިގު، ފަސްބައިފުޅާ ދޫ ހެދުމަކާއި ކަޅު ފުޅާ ހަރުވާޅެއްލައިފައި ހުރުމުން އުޝާ ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. އޭނާގެ ފަން އިސްތަށިގަނޑު ، ކޮނޑުގެ އެއްފަރާތަކުން ގެނެސް މޭމައްޗަށް އޮތީ ދޫކޮށްލާފައެވެ. އުނގުގައި އޮތް ފައިލަށް ބަލަން އޭނާ އިނީ އިސްޖަހާލައިގެންނެވެ.
" ދެން ސޮރީއޭ ބޭބް! ތިހެން ހުރީމަ ވަރަށް ދެރަވޭ! ދީބަ ހަގެއް.. ޕްލީޒް..."
ނަދާގެ ތުއިތުއި އަޑު އިވި، ސޯފާގައި އިން އުޝާއަށް ފަސްއެނބުރި ސިޑިއާ ދިމާލަށް ބަލާލެވުނެވެ. އޭރު ސިޑިން ކައިރީގައި ނަދާ ހުރީ ޒައިންގެ ގައިގައި އޮޅުލައިގަނެގެންނެވެ. އަދި ޒައިންގެ ކަނދުރާގައި އޭނާ މޫނު ހާކަމުންދިޔައެވެ. ޒައިންވެސް އޭނާގެ ދެއަތުން ނަދާގެ ހަށިގަނޑު ވަށާލިއެވެ. އެއާއެކު އުޝާއަށް ކޮޅަށް ތެދުވެވުނެވެ. އުޝާއަށް ކުރިމަތިލައިގެން ހުރި، ޒައިންއަށް އުޝާ ފެނުމާއެކު ނަދާގެ ގައިން ދޫކޮށްލުމަށްފަހު އަވަސް އަވަހަށް ނަދާ ދުރުކޮށްލިއެވެ. އޭރު އުޝާއަށް އަވަސް އަވަހަށް ފުންނޭވާތަކެއް ދޫކުރެވެމުންދެއެވެ.
" އޯހް! އުޝާތަ؟ ސޮރީ އިނގޭ! ހިއެއް ނުކުރަން މީހަކު ހުރިކަމަކަށް!"
އަނެއްކާވެސް ޒައިންއަށް ގާތްވެލަމުން ނަދާ ބުނެލިއެވެ. އޭރުވެސް ޒައިންއަށް ހުރެވުނީ އުޝާއަށް ބަލާށެވެ. އުޝާގެ ހިތަށް ކޮށްފައިވާ އަސަރު ޒައިންއަށް އިޙްސާސްވާކަހަލައެވެ. އިސްޖަހާލައިގެން ހުރެ އުޝާ އެދެމީހުންގެ ކުރިމަތިން ގޮސް އަމީރާގެ ކޮޓަރިއަށް ވަނީ އެއްވެސް އެއްޗެއް ނުބުނެއެވެ.
" އުޝާ ދެރަވީ ކަންނޭނގެދޯ! އޭނަ ބިޓު މަތިން ހަނދާންވީކަންނޭނގެ! "
އުޝާގެ އެ ޢަމަލުން ނަދާ ޒައިންއަށް ބަލާލަމުން ބުނެލިއެވެ. އެހިނދު ޒައިން ދެފަރާތަށް ބޯހޫރާލަމުން ނަދާއަށް ބަލާލިއެވެ.
" އެހާ އަވަހަށް މީހުންނަށް ޖަޖް ކުރާކަށް ނުވާނެ! އަހަރެން ވަރަށް ހިތްހަމަނުޖެހޭ ނަދާގެ އެ ސިފަ ހުންނާތީ.. "
" ޒައިންއަށް އަހަރެންގެ ކިބައިގަ ހިތްހަމަޖެހޭ އެއްވެސް ސިފައެއް ހުރޭތަ؟ "
ރޮވޭފަދަ ގޮތަކަށް ރުޅިއައިސްހުރެ، ނަދާ އެހެން ބުނެ ދުވެފައި ސިޑިން އެރިއެވެ. ޒައިންއަށް ދެއަތުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕާލެވުނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (12)
*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!