މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ކުރައްވާނީ ހަމައެކަނި ރަސްމީ ދަތުރުފުޅުތަކުގައި ކަމަށެވެ.

Ad
rt

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ސަރުކާރާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެފަދަ ދަތުރުފުޅުތަކުގައި ދައުލަތުގެ އެއްވެސް ވަސީލަތެއް އެމަނިކުފާނު ބޭނުންފުޅު ނުކުރައްވާނެ ކަމަށެވެ.

"ކެމްޕެއިން ދަތުރުތަކަކީ، ކެމްޕެއިން ޓީމުން ހަމަޖައްސާ ދަތުރުތަކެއް. އެ ދަތުރުތަކަށް ހަރަދު ކުރާނީ ވެސް އެޓީމުން." މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށެވެ.

މިއީ ފޭދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެ ވަޑައިތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި ނޭޝަނަލް ކޮލެޖް ފޯ ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ އަވަށްތަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.