މިދިޔަ މަހު މާލޭގައި ވަރީގެ މައްސަލަތައް މަދުވެ އަދި ރީތި ތާރިޚުގައި ކުރި ކައިވެނިތަކާ އެކު ކައިވެނީގެ އަދަދު އިތުރުވެއްޖެ އެވެ.

އާންމު އުސޫލުން ކައިވެނީގެ އަދަދުގެ ދެ ބައި ކުޅަ އެއް ބަޔާ ގާތަށް ކޮންމެ މަހަކު ވެސް މާލޭގައި ވަރިކުރެ އެވެ. އެހެން ނަމަވެސް މިދިޔަ މަހު ވަނީ އެ އަދަދު ދަށްވެފަ އެވެ.

Ad
rt

ސަބަބަކީ ރީތި ތާރީޚުގައި ކުރި ކައިވެނިތައް އިތުރުވުމެވެ. މިދިޔަ މަހު 309 ކައިވެންޏެއް ކުރިއިރު, ވަރިކުރީ 94 މީހެކެވެ.

ރީތި ތާރީހުތަކުގައި ކައިވެނިކުރަން ގިނަ ބަޔަކު އިސްކަން ދޭއިރު މިދިޔަ މަހަކީ އެފަދަ ތާރީހުތައް ގިނަ މަހެކެވެ. މިދިޔަ މަހު އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނިކޮށްފައި ވަނީ އެ މަހުގެ އެންމެ ރީތި އެއް ތާރީހު 22/12/2022ގަ އެވެ. އެ ދުވަހު އެކަނި 58 ކައިވެނި ކޮށްދިނެވެ.

ޑިސެމްބަރު މަހު ފެމިލީ ކޯޓުން 94 ވަަރި ކޮށްދިން އިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު ވަރީގެ 144 މައްސަލަައެއް ކޯޓަށް ހުށަހެޅި އެވެ.

ޑިސެމްބަރު މަސް ފެށުނު އިރު ވެސް، ނުނިމި އޮތް ވަރީގެ 136 މައްސަލަ ކޯޓުގައި އޮތް އިރު، މަސް ނިމުނު އިރު ވަރީގެ ހުރިހާ މައްސަލަތަކުގެ ތެރެއިން ގޮތެއް ނިންމާފައި ވަނީ 120 މައްސަލައެއްގަ އެވެ.

ޑިސެމްބަރު މަހު ވަރިވުމަށް އެދި ހުށަހެޅި މައްސަލަތައް ވަރި ކުރުމަށް އެދި ހުށަހެޅި މައްސަލަތަކަށް ވުރެ ގިނަ އެވެ. ވަރިވުމަށް އެދި 61 މައްސަލަ ހުށަހެޅި އިރު ވަރި ކުރުމަށް އެދި ހުށަހެޅީ 21 މައްސަލަ އެވެ.