ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ މައިގަޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ވިދާޅުވީ، އިއްޔެ ފާހަގަ ކުރި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ފޮނުއްވި މެސެޖެއްގައެވެ.
އުމަރު ވިދާޅުވީ، ކޮރަޕްޝަން މިއަދު މިވަނީ ދައުލަތުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް އަށަގަނެފައި ކަމަށެވެ. އަދި ސިޔާސީ ޕާޓީ ތަކުގެ މައިގަޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުން ކަމަށް ވިދާޅުވެފަވެއެވެ.
''ކޮރަޕްސަން ގެ ކެންސަރުން ދައުލަތް ސަލާމަތް ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާމީހުނަށް އޮތް ހުކުމް، ދައުލަތުން ވައްކަން ކުރާމީހުންގެ މައްޗަށް ތަންފީޒު ކުރެވިގެން'' އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތު އޭނާގެ ބޮލުގައިވެސް އެޅުވުމަށް ވޭތުވި 7 އަހަރުވަންދެން، ދެ ސަރުކާރުންކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެ 'ހުދުވަލުގެ' ހުދުކަން ސާބިތުވެފައި ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މީގެ ކުރިން ވެސް ވަނީ މި މޭރުމުން ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!