އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އިންސާނީ ޙައްޤުތަކުގެ އަސާސަކީ ހަމައެކަނި ޙައްޤުތަކެއް ލިބުމެއް ނޫން ކަމަށެވެ. އަދި އަސާސީ ކޮންމެ ޙައްޤަކާއެކު އުފުލަންޖެހޭ ޒިންމާތަކަކާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއްވާ ކަމަށް ވިދާޅުވިއެވެ.

Ad
rt

މިގޮތުން އެމަނިކުފާނު ވަނީ، ދިރިހުރުމުގެ ޙައްޤު ލިބުމަށް އެދޭއިރު، އަނެކާގެ ފުރާނައަށް ގެއްލުމެއް ނުދިނުމުގެ ޒިންމާއާއި، މުދަލާއި އާމްދަނީ ހޯދުމުގެ ޙައްޤަށް އެދޭއިރު، އަނެކާގެ މުދަލާއި ތަކެއްޗަށް ނުޙައްޤުން އަރައިނުގަތުމުގެ ޒިންމާއާއި ތިމާގެ އަބުރާއި ކަރާމާތް ރައްކާތެރިކުރުމަށް އެދޭއިރު، ކުރާ ކަމަކުން ނުވަތަ ބުނެލާ ބަހަކުން ވިޔަސް، އަނެކާގެ އަބުރާއި ޢިއްޒަތަށް އުނިކަމެއް ނުދިނުމުގެ ޒިންމާ އޮންނަކަން ފާހަގަ ކުރައްވާފައެވެ.

''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް ވަކާލާތުކުރާއިރު، އަނެކާގެ އަބުރާއި ޢިއްޒަތް ގެއްލިގެންދާ މިންވަރަށް ތިމާގެ މިނިވަންކަމުގެ ލަގަން ދޫކޮށްނުލުމުގެ ޒިންމާއެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށެވެ. އަދި އިންސާނީ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޒަރޫރީ ޚިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ވިދާޅުވިއެވެ.

''ރަށްރަށުގައި ޤާއިމުނުކުރެވި ހުރި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރުމަށް ސަރުކާރުން ނިންމައިގެން އެ މަސައްކަތް ކުރިއަށް ގެންދަނީ، އިންސާނީ އަސާސީ ޙައްޤުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ޤާނޫނުއަސާސީން ދިވެހި ދައުލަތާ މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

މިއަދުގެ ޚިޠާބުގައި ރައީސް ޞާލިޙް ވަނީ، މިނިވަންކަމާއި ޢަދުލު އިންޞާފާއި ޞުލްޙަވެރިކަން، މުޖްތަމަޢުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިޙްތިރާމާއި ލޯތްބާއި އިންޞާފާއެކު މުޢަމަލާތު ކޮށްގެންކަމަށާއި، ތިމާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ އިޙްތިރާމާއި މިނިވަންކަމާއި އިންޞާފު، ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެންކަމުގައި ފާހަގަކުރައްވާފައެވެ.

މިއަދަކީ މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހަށް، އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރު، "ކަރާމާތާއި މިނިވަންކަމާއި އިންޞާފު، އެންމެންނަށް" އެވެ.