ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއިމެދު ދިވެހި ރައްޔިތުން ކުރި އުންމީދަކީ ''ބަނދަރެއް ކަމުގައި ހަދާފައި'' ނިންމައި ނުލެވޭނެކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

Ad
rt

އީވާ ވިދާޅުވީ، މާލީ ވަޒީރަށް އަންނަ އަހަރުގެ ބަޖެޓް ތަޅުމަށް ހުށަނޭޅެނިސް ސަރުކާރަށް ނިސްބަތްވާ މެންބަރުން އެއީ އުންމީދީ ބަޖެޓެކޭ ވިދާޅުވެއްޖެ ކަމަށެވެ. އަދި އެ ބޭފުޅުން ރަނގަޅަށް ބަޖެޓް ފޮތުގެ ގަނޑުތައް އުކާނުލައި އެއީ އުންމީދީ ބަޖެޓެއްކަމަށް ވިދާޅުވެއްޖެ ކަމަށް އީވާ ވިދާޅުވިއެވެ.

އުންމީދީ ބަޖެޓެކޭ، 42 ބިލިއަންގެ ބޮޑު ބަޖެޓެކޭ ވިދާޅުވީމަ ވިދާޅުވީ އުންމީދީ ބަޖެޓެކޭ، ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 110 އިންސައްތައަށް އަރައިފިޔޭ ބުނީމަ ބުނީމަ ވިދާޅުވީ އުންމީދީ ބަޖެޓެކޭ، ޑެފިސިޓް 11 އިންސައްތައަށް އެރީމަ ވިދާޅުވީ އުންމީދީ ބަޖެޓެކޭ، އުންމީދީ ކީކީނުން އެ ދަރަނި އަރަންޏަށް ހެދެންޏާ އަޅުގަނޑަށްވުރެ ގިނައިން އުންމީދޭ ކިޔާނެމީހަކު ނުވާނެ، ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެންޏާ އަޅުގަނޑު އަސްލުވެސް އުންމީދޭ ބުނާނެ'' އީވާ ވިދާޅުވިއެވެ.

އީވާ ވަނީ ސަރުކާރުގެ މާލީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ޚިލާފަށް ސަރުކާރަކީ ވިޔަފާރިކުރާ ތަނަކަށް ވެއްޖެ ކަމަށް ވިދާޅުވިއެވެ.

''އެމްޑީޕީއާއި ދޭތެރޭ ރައްޔިތުން ކުރި އުންމީދަކީ ބަނދަރުކަަމަށްވަންޏާ ހިނގާ އުންމީދޭ ކިޔަން،'' އީވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަނދަރާއި ފެނާއި، ނަރުދަމާގެ މުހިންމުކަން އެއްވެސް ރައްޔިތަކަށް ނޯޅޭނެ ކަމަށާއި، އެއީ އަސާސީ ޚިދުމަތްތައް ކަމަށެވެ. އަދި އެމްޑީޕީއަށް ރައްޔިތުން ކުރި އުންމީދަކީ ބަނދަރެއް ކަމަށް ހަދާފައި ނިންމައިނުލެވޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އުންމީދު ނިމޭހިސާބަކީ ބަނދަރު އެކަނި ނޫންކަމަށް ވިދާޅުވެފައެވެ. މިގޮތުން ކޮންމެ ބަނދަރަކާއި އަދި ކޮންމެ ބަނދަރަކާއިގުޅިގެން އެމްޑީޕީގެ އަސާސީ ސިފަ ފެންނަންވާނެ ކަަމަށް ވިދާޅުވިއެވެ. އެއީ ކޮރަޕްޝަނުގެ ސަބަބުން ގެއްލުނު ފައިސާ ހޯދުމާއި، މަރުތަކަށް އިންސާފު ހޯދައިދިނުމާއި، ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުންފަދަ ކަންކަންކަމަށް ވިދާޅުވިއެވެ.

އީވާ ވަނީ، އައު ބަޖެޓަކާ ކުރިމަތިލާއިރު، ހަތަރު އަހަރު ނިމުނުއިރު މި ސަރުކާރުން ފަށައިގެން މާލޭ ރައްޔިތަކަށް ފޯރުކޮށްދިން ބޯހިޔާވަހިކަމެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.