އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރިޕޯޓަށް ވޯޓަށް އެހުމަށް ނިންމަވާފައިވާ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް އެވަގުތާއި ހަމައަށް 37 މެންބަރަކު އެދިވަޑައިގެންފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން މިއަދާއި، އަންނަ ހޯމަ ދުވަހު ބަހުސް ކުރިއަށް ގެންދެވުމަށްފަހު، އަންނަ ހޯމަ ދުވަހު ބަޖެޓް ރިޕޯޓަށް ވޯޓަށް އައްސަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ދެން މަޖިލިސް ދާނީ ޗުއްޓީ އަށް ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވަނީ މަޖިލީހުގެ މަސައްކަތަށް މެންބަރުން ފަރުވާ ކުޑަ ކަމަށް ވިދާޅުވެ، ނުރުހުންފާޅު ކުރައްވާފައެވެ. މިގޮތުން މިއަދުގެ ޖަލްސާއަށް ވެސް 22 މެންބަރުން ހާޒިރުވެފައި ވަނީ ޖަލްސާ ފަށަން އޮތް ވަގުތު ފަހަނަހަޅައި ދިއުމަށް ފަހު ރަނގަބީލު ޖެހުމަށް ފަހު ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް އިންތިހާ އަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށާއި ކޮމިޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި މެންބަރެއްގެ މުސާރައިގެ ގޮތުގައި 80،000 އަށް ވުރެ ގިނަ ރުފިޔާ ގެއަށް ގެންދަވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ މެންބަރުންނަކީ، ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މަޖިލީހުގައި ތަމްސީލުކުރައްވާ ފަރާތްތައް ކަމަށާއި މަޖިލީހަށް ވަޑައިނުގަންނަވާ ކަމީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވިދާޅުވިއެވެ.