ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ހިތާމައިގެ މި ވަގުތުގައި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި ދިވެހި ސިފައިންނަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
މީގެއިތުރުން، މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައްޔާއި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ބިލާލް އާދަމް އިބްރާހީމް މަނިކު ލެހެއްޓެވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.
މަރްޙޫމްގެ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަރްޙޫމް އާދަމް އިބްރާހިމް މަނިކަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ދިފާޢުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައި ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެއް ކަމަށެވެ.
އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް، ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި ދުޝްމަނުންގެ ހަރަކާތްތައް ބެއްލެވުމުގެ ޢަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައިވެސް ރައީސް ވަނީ މަރްޙޫމް ފާހަގަކުރައްވާފައެވެ.
ބިލާލް އާދަމް މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ސިފައިންގެ އިސް އޮފިސަރެކެވެ. އަދި ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއްގެ އިތުރުން، އެމަނިކުފާނުގެ ޚިދުމަތުގެ ދިގު މުއްދަތުގައި ސިފައިން ހިންގާފައިވާ ތަފާތު ގިނަ ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އިޚުލާޞްތެރިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!