އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ ނޮޓިންހަމް ފޮރެސްޓުން 3-2 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް، ތާވަލުގެ ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލައިފިއެވެ.

މޯގަން ގިބްސް-ވައިޓް ދެވަނަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ފޮރެސްޓުން މި މޮޅު ހޯދިއިރު، މެޗުގެ ނަތީޖާ ދައްކާ ގޮތަށް ވުރެ ވެސް ފަސޭހަކޮށް އެ ޓީމުން ވަނީ ޗެލްސީގެ މައްޗަށް ކުރިހޯދައިފައެވެ.

މި ނަތީޖާއާއެކު މިއީ ލީގުގައި ޗެލްސީ ވިދިވިދިގެން ބަލިވި ތިންވަނަ މެޗެވެ. މި މެޗު ފެށިއިރު ރެލިގޭޝަން ޒޯނުގެ އެންމެ މަތީގައި، ތާވަލުގެ 17 ވަނައިގައި އޮތް ފޮރެސްޓް މި ކާމިޔާބީއާއެކު ވަނީ 14 ވަނައަށް ޖެހިލައިފައެވެ. އެ ޓީމު މިހާރު އޮތީ ކޮވެންޓްރީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ނިއުކާސަލްއަށް ވުރެ އެއް ޕޮއިންޓް ފަހަތުގައެވެ.

ފޮރެސްޓުގެ ސިޓީ ގްރައުންޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. ކަނާތްފަރާތުން ނަގައިދިން ހުރަހަކުން، ޕެނަލްޓީ ސްޕޮޓް ކައިރިން އެނބުރިލުމަށް ފަހު ފޮނުވާލި ވޮލީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އިގޯ ޖީސަސްއެވެ. ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯ މެދުތެރެއަށް ކުޅޭ މޮއިސެސް ކައިސެޑޯ ސެންޓަ ބެކަކަށް ކުޅުވަން ނެރުނު ނަމަވެސް، އޭނާއަށް އެ މަގާމުގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މި މެޗުގެ ކުރިން ލީގުގައި އެންމެ މަދުން ލަނޑު ޖެހި ދެވަނަ ޓީމުގެ ގޮތުގައި އޮތް ފޮރެސްޓްގެ ގޯލަށް، މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފު ވެސް ޗެލްސީއަށް ފެށުނީ ދަށްކޮށެވެ. އޭރިއާ ތެރެއިން ލިއަމް ޑެލަޕްއަށް ވެސްލީ ފޮފާނާ ކުރި ފައުލަކާ ގުޅިގެން ފޮރެސްޓަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ގިބްސް-ވައިޓް އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. އޭގެ ތިން މިނެޓު ފަހުން ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ބަދަލު ކުޅުންތެރިޔާ އެމަނުއެލް އެމެގާ ޗެލްސީއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، މެޗުގެ 72 ވަނަ މިނެޓުގައި ހިތްގައިމު ނިންމާލުމަކުން ގިބްސް-ވައިޓް ވަނީ އަނެއްކާވެސް ފޮރެސްޓަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

މެޗުގެ ފަހުކޮޅު އެމެގާ އޭނާގެ ދެވަނަ ލަނޑު ޖަހައި ޗެލްސީން އެއްވަރުކުރުމަށް އުންމީދީ މަސައްކަތްތަކެއް ކުރި ނަމަވެސް، ފޮރެސްޓުން ވަނީ ހިފަހައްޓައި ހައްގު މޮޅެއް ހޯދައިފައެވެ. މެޗަށް ފަހު ޗެލްސީގެ ކޯޗު އަލޮންސޯ ބުނީ ޓީމުގެ އިތުބާރު މިވަގުތު ދަށްވެފައިވާ ކަމަށެވެ. "ނަތީޖާ ހިފަހައްޓަން ޓީމަށް އުނދަގޫވަމުންދާ މަންޒަރު ފެންނާނެ. ނަތީޖާ 2-1 އަށް ބަދަލުކޮށް، އެ ލަނޑުން ކުޑަ ހިތްވަރެއް ލިބުނުތަނާ އަނެއްކާވެސް 3-1 އަށް ބަދަލުވެ ލަނޑެއް މި ވަނީ ވަދެފައި. އެހެންކަމުން ހުރިހާ ކަމެއް މިދަނީ އަހަރެމެން ބޭނުންވާ ގޮތަކަށް ނޫން. މީގެ ޒިންމާ އަހަރެމެން ނަގަން ޖެހޭ، އަދި މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ،" އަލޮންސޯ ބުންޏެވެ.

މިއީ އެއް ފެންވަރެއްގައި ނަތީޖާ ނުނެރެވޭ ސީޒަނެއް ހޭދަކުރަމުން އަންނަ ފޮރެސްޓަށް ލީގުގައި ލިބުނު އެންމެ ތިންވަނަ މޮޅެވެ. މެޗަށް ފަހު ވާހަކަދައްކަމުން އިނގިރޭސި މިޑްފީލްޑަރު ގިބްސް-ވައިޓް ބުނީ މިއީ ސިޓީ ގްރައުންޑުގައި އަލިތަކުގެ ދަށުގައި ހޭދަކުރެވުނު "ފުރިހަމަ ހުކުރު ރެއެއް" ކަމަށާއި، ދަނޑުގެ މާހައުލު ވަރަށް ފޯރިގަދަ ކަމަށެވެ. އަދި ޑްރެސިން ރޫމުގައި މޮޅުވުމުގެ ބަނޑުހައިހޫނުކަމާއި ޝައުގުވެރިކަން އެބައޮތް ކަމަށާއި، ބޭނުންވަނީ އެއް ހަފުތާގައި އެކަން ދައްކާފައި އަނެއް ހަފުތާގައި ނުދައްކާ ހުރުމުގެ ބަދަލުގައި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ދެއްކުން ކަމަށް އޭނާ ބުންޏެވެ. އެކަން ކުރެވިއްޖެނަމަ އެ ޓީމު ހުއްޓުވޭނެ މާ ގިނަ ޓީމުތަކެއް ނުފެންނަ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.