ޗައިނާއަށް ސެމީކޮންޑަކްޓާ ސާމާނު ވިއްކުމާއި އެ ތަކެއްޗަށް ހިދުމަތް ދިނުން ހުއްޓުވުމަށް އެމެރިކާއިން އެކުލަވާލަން އުޅޭ ގާނޫނަކާ ދެކޮޅަށް، ނެދަލެންޑްސްގެ ޗިޕް އުފައްދާ ބޮޑު ކުންފުނި އޭއެސްއެމްއެލްގެ ހައްގުގައި ވިލާތުގެ ބޮޑެތި ބާރުތައް އެއްގަލަކަށް އަރައިފިއެވެ.
ފްރާންސާއި ޖަރުމަނުވިލާތުގެ އިތުރުން ޔޫރަޕިއަން ކޮމިޝަނުން މިހާރު ދަނީ ނެދަލެންޑްސް ސަރުކާރާ ގުޅިގެން، އެމެރިކާގެ މި ނިންމުމަށް ރައްދު ދިނުމަށް ގުޅިފައިވާ މަސައްކަތްތަކެއް ކުރަމުންނެވެ.
ވޮޝިންގޓަންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަމުން ދަނީ ދެ ޕާޓީ ގުޅިގެން ހުށަހަޅާފައިވާ "މަލްޓިލެޓަރަލް އެލައިންމަންޓް އޮފް ޓެކްނޮލޮޖީ ކޮންޓްރޯލްސް އޮން ހާޑްވެއާ" (މެޗް -) އެކްޓް، 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރާ އެމެރިކާގެ އަހަރީ ދިފާއީ ބިލް (އެންޑީއޭއޭ) ގައި ހިމެނުމަށެވެ. މި ގާނޫނު ފާސްވެއްޖެނަމަ، އެމެރިކާގެ ހިފެހެއްޓުންތަކާ އެއްވަރަށް ފިޔަވަޅު އެޅުމަށް އެ ގައުމުގެ ބައިވެރިން ދެކޮޅުހަދާ ހާލަތްތަކުގައި، ބޭރުގެ ސެމީކޮންޑަކްޓާ އުފައްދާ ކުންފުނިތަކުގެ މައްޗަށް އެއްފަރާތްފުރަ ގޮތެއްގައި އެކްސްޕޯޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ބާރު އެމެރިކާއަށް ލިބިގެންދާނެއެވެ.
މި ގާނޫނުގެ ސަބަބުން ނެދަލެންޑްސްގެ އޭއެސްއެމްއެލް ކުންފުންޏަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެއެވެ. އެންމެ ފަހުގެ އީޔޫވީ (EUV) ސިސްޓަމްތައް ޗައިނާއަށް ސަޕްލައިކުރުން އެ ކުންފުންޏަށް މިހާރު ވެސް މަނާކޮށްފައި އޮތް ނަމަވެސް، މެޗް އެކްޓްގެ ސަބަބުން ކުންފުނީގެ "އިމާޝަން ޑީޔޫވީ" މެޝިންތައް ވިއްކުން ހުއްޓުވޭނެއެވެ. މީގެ އިތުރުން ޗައިނާގެ ފެކްޓްރީތަކުގައި މިހާރު ވެސް ބަހައްޓާފައި ހުރި އެ ކުންފުނީގެ އާލާތްތަކަށް ހިދުމަތް ދިނުން ވެސް މި ގާނޫނުން މަނާކުރެއެވެ. ޗައިނާއަކީ އޭއެސްއެމްއެލްގެ އަހަރީ އާމްދަނީގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރާ މުހިންމު މާކެޓެކެވެ.
ނެދަލެންޑްސްގެ ފޮރިން ޓްރޭޑް މިނިސްޓަރު ޝޯޑް ޝޯޑްސްމާ ނޮވެމްބަރު 26 ގައި އެ ގައުމުގެ ޕާލަމެންޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ދިފާއީ ބިލުން މެޗް އެކްޓް ބޭރުކުރުމަށްޓަކައި ފްރާންސާއި ޖަރުމަނު އަދި ޔޫރަޕިއަން ކޮމިޝަނާ ގުޅިގެން ނެދަލެންޑްސް އިން ސީދާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ގާނޫނު އެމެރިކާއިން ފާސްކޮށްފި ހާލަތެއްގައި ވިލާތުގެ އިއްތިހާދުން އަޅާނެ ރައްދު ފިޔަވަޅުތަކަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ވިލާތުގެ ސަރުކާރުތަކުން ދެކޭގޮތުގައި މިއީ ބްރަސަލްސްއާއި ގައުމީ އެކްސްޕޯޓް އިދާރާތަކުގެ ބާރު ކަނޑުވާލައި، އެމެރިކާގެ ސަރަހައްދީ އިމުން ބޭރުން ނުފޫޒު ފޯރުވުމަށް ކުރާ ބަލައިނުގަނެވޭނެ ކަމެކެވެ. ވިލާތުގެ އިސްތިރާތީޖީ މިނިވަންކަމަށް މުހިންމު އިސްކަމެއްދޭ ފްރާންސުން ވަނީ އެމެރިކާގެ މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ވިލާތުގެ ސިނާއީ ބޮޑެތި ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭތީ އަބަދުވެސް ދެކޮޅުހަދަމުންނެވެ. ހާއްސަކޮށް، އެމެރިކާއިން އުފައްދާ ކުރިއަރާފައިވާ ބައެއް އޭއައި ޗިޕްތައް ޗައިނާއަށް ފޮނުވުމުގެ ހުއްދަ އެމެރިކާގެ ކުންފުނިތަކަށް ދީފައި އޮންނަ ދަނޑިވަޅެއްގައި، ވިލާތުގެ ކުންފުނިތަކަށް މިފަދަ ހުރަސްތައް އެޅުމަކީ އިންސާފެއް ނޫން ކަމަށް ޕެރިހުން ދެކެއެވެ.
މި މައްސަލައިގައި އަންނަ މަހު އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20 ސަމިޓުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ސީދާ މަޝްވަރާ ކުރެއްވުމަށް ނެދަލެންޑްސްގެ ބޮޑުވަޒީރު ރޮބް ޖެޓެން ވަނީ ތާވަލުކުރައްވާފައެވެ. މި ދަނޑިވަޅުގައި، އޭއެސްއެމްއެލްގެ ސީއީއޯ ކްރިސްޓޯފް ފޫކޭ އަދި ސީއެފްއޯ ރޮޖާ ޑަސެން ވަނީ ބާވަތްތަކުގެ ކުރީގެ ޖެނެރޭޝަންގެ އާލާތްތަކާއި މަރާމާތު ކުރުމުގެ ހިދުމަތްތައް ހުއްޓުވުމަކީ، ޗައިނާއިން އަމިއްލަ ފައިމައްޗަށް ތެދުވެ ޓެކްނޮލޮޖީ އުފެއްދުމަށް ކުރާ މަސައްކަތް އިތުރަށް އަވަސްވެގެންދާނެ ކަމެއް ކަމަށް ބަޔާންކޮށް އިންޒާރު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!