ތަޖުރިބާކާރު ނޫސްވެރިޔާ މެތިއު ކޯލް ނެރުނު އައު ފޮތެއްގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް މުޙައްމަދު ބިން ޒާއިދު އަލް ނަހްޔާން (އެމްބީޒެޑް) އާ ދެކޮޅަށް ބޮޑެތި އަދި ސިހުން ގެނުވާފަދަ ސިޔާސީ ތުހުމަތުތަކެއް ކޮށްފިއެވެ.

މި ފޮތުގައިވާ ގޮތުން، އެމަނިކުފާނުގެ ބޭބެފުޅު އަދި ޔޫއޭއީގެ ކުރީގެ ރައީސް ޚަލީފާ ބިން ޒާއިދަށް މަސައްކަތް ނުކުރެވޭ ހާލަތަކަށް ގެންދިޔުމަށްޓަކައި އެމްބީޒެޑް ވަނީ ސިއްރުން ބޭސް ދެއްވައި، ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް ނޭދެވޭ އެތައް ކަމެއް ކުރައްވާފައެވެ.

ވޭތުވެދިޔަ މަހު ޝާއިއުކުރި "ޕްރިންސަސް އެންޑް ތީވްސް: ޖެރެޑް ކުޝްނަރ އެންޑް މުޙައްމަދު ބިން ޒާއިދްސް ސީކްރެޓް ޕްލޮޓް ޓު ރިމޭކް ދަ މިޑްލް އީސްޓް" ގެ ނަމުގައި ނެރުނު މި ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޚަލީފާ ބިން ޒާއިދު ވެރިކަމުގެ ކަންކަމާ ދުރަށް ޖެހިވަޑައިގަތީ އާންމުކޮށް ގަބޫލުކުރެވިފައިވާ ފަދައިން 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކެއްގެ ސަބަބަކުން އެކަންޏެއް ނޫނެވެ. މެތިއު ކޯލް ލިޔުއްވާފައިވާ ގޮތުގައި، 2003 ވަނަ އަހަރު އަބޫދާބީގެ ނައިބު ވަލީއަހުދުގެ މަގާމަށް އެމްބީޒެޑް ވަޑައިގެންނެވި އިރުއްސުރެ، އޭނާ ގެންދެވީ ޚަލީފާއަށް ވަކި ފަރުވާތަކެއް ގަދަކަމުން ދެއްވަމުންނެވެ. މި ފަރުވާތަކުގެ ސަބަބުން ޚަލީފާގެ ހަށިގަނޑުގެ ނާރުތަކަށް ގެއްލުންވެ، ވިސްނުމާއި ހަރަކާތްތަކަށް ހުރަސްއެޅި މަސައްކަތް ނުކުރެވޭ ހާލަތަކަށް ދިޔަ ކަމަށް އެ ފޮތުގައި ބުނެފައިވެއެވެ.

ފޮތުގައި އިތުރަށް ބުނެފައިވަނީ، މި ފަރުވާ ދިނުމުގައި އެމްބީޒެޑާ އާއިލީ ގުޅުމެއް އޮންނަ އެމެރިކާގެ ނަރުހެއް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި އެ ނަރުސް މީހާގެ އަންހެން ކޮއްކޮގެ ދަރިއެއް ކަމަށްވާ ލީސާ ނަމަކަށް ކިޔާ މީހަކާއެކު އެމްބީޒެޑް ޖިންސީ ގުޅުން ހިންގަވައި، ކައިވެނިން ބޭރުން ދަރިއަކު ހޯއްދަވާފައިވާ ކަމަށާއި އެ ކުއްޖާ ބޮޑުވަމުން އަންނަނީ ދެކުނު ކެލިފޯނިއާގައި ކަމަށްވެސް ކޯލް ތުހުމަތުކޮށްފައިވެއެވެ.

މީގެއިތުރުން، 1990 ގެ އަހަރުތަކުގައި ބޭބެ ޚަލީފާ ބްލެކްމެއިލް ކުރުމަށްޓަކައި، ސޫރިޔާގެ ދެ މީހަކު ލައްވައި ދެކުނު ޔޫރަޕްގެ ހޮޓަލެއްގައި ޚަލީފާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ނަގައި، ރަޝިޔާގެ އެޖެންޓުން މެދުވެރިކޮށް އެ ދެބޭފުޅުންގެ ބައްޕާފުޅު ޒާއިދު ބިން ސުލްތާނަށް ފޮނުވި ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އަމަލަކީ އެމްބީޒެޑް ވެރިކަމަށް އައުމަށް ކުރި މަސައްކަތުގެ ކުރީކޮޅުގެ ހެއްކެއްގެ ގޮތުގައި ޝާހީ އާއިލާގެ ތެރޭގައި ދެކެވުނު ކަމަށްވެސް ފޮތުގައި ފާހަގަކޮށްފައިވެއެވެ.

އިސްރާއީލާ ގުޅުން ބަދަހިކުރުމުގެ ދާއިރާއަށް ބަލާއިރު، އެމްބީޒެޑަކީ 1990 ގެ އަހަރުތަކުން ފެށިގެން އިސްރާއީލަށް ތާއީދުކުރެއްވި ބޭފުޅެއް ކަމަށް ފޮތުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން 1998 ވަނަ އަހަރު، އިސްރާއީލުގެ ސޮފްޓްވެއާ ހިމެނޭ އެފް-16 މަރުކާގެ 80 ހަނގުރާމަމަތީ މަތިންދާބޯޓު އެމެރިކާއިން ގަތުމަށް އެމްބީޒެޑް ވަނީ ބާރުއަޅުއްވާފައެވެ. އަދި 2020 ގައި އިސްރާއީލާއެކު ގުޅުން ގާއިމުކުރުމާ ދެކޮޅަށް ކޮލަމެއް ލިޔުއްވި ޔޫއޭއީގެ ޅެންވެރިޔާ ޙަބީބް އަލް-ސާއިޣް 2019 ވަނަ އަހަރު އަނިޔާކޮށް މަރާލާފައިވާ ކަމަށްވެސް މި ފޮތުގައި ވަނީ ތުހުމަތުކޮށްފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރަށް ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު ދިން ކަމަށާއި، އޭގެ ތެރޭގައި ޔޫއޭއީގެ ޗެރިޓީއެއް ކަމަށްވާ ވަތަނީ އަލް އިމާރާތު ފައުންޑޭޝަން މެދުވެރިކޮށް ހަތިޔާރު ގަތުމަށާއި ސިއްރު އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންކުރި 750 މިލިއަން ޑޮލަރު ހިމެނޭ ކަމަށްވެސް ފޮތުގައި ބުނެފައިވެއެވެ. މި ތުހުމަތުތައް ކުޝްނަރު ވަނީ ދޮގުކުރައްވާފައެވެ. މި ފޮތުގައި ހިމަނާފައިވާ ވާހަކަތަކަކީ ވަކި ފަރާތެއް ހާމަނުކުރާ މަސްދަރުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކަންކަން ކަމަށްވާއިރު، މި ތުހުމަތުތަކާ ގުޅިގެން ޔޫއޭއީ އިން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.