ހދ. ނޮޅިވަރަންފަރުގެ ގޭބިސީތަކުން ބަލަހައްޓަމުންދާ ދަނޑުތަކުގެ ކަރަންޓު ބިލްތައް ކައުންސިލުން ދައްކައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.ކައުންސިލުން

މިގޮތަށް ނިންމާފައިވަނީ ރަށުގެ ދަނޑުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

ނޮޅިވަރަންފަރު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ދަނޑުވެރިކަމަކީ އެ ރަށުގައި އެންމެ ޚާއްޞަ އިސްކަމެއް ދީގެން އެންމެ ގިނަ ފަރާތްތަކެއް މަސައްކަތްކުރަމުން އަންނަ މައިގަނޑު އެއް ދާއިރާއެވެ.

މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއިތަކެއް ހޯދައިދިނުމަށް ކައުންސިލުން ނިންމި ނިންމުމާއެކު، ގޭބިސީތަކުން ބަލަހައްޓާ ދަނޑުތަކުން ކަރަންޓް ފީ ނެގުން މިހާރު ވަނީ ހުއްޓާލާފައެވެ. މިއީ ދަނޑުވެރިންގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ.

އެ ރަށުގެ ދަނޑުތަކާ ގުޅޭގޮތުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބްދުﷲ ނަދީމް "ތިލަދުން" އަށް ވިދާޅުވީ، އެ ރަށުގައި 75 އަށް ވުރެ ގިނަ ދަނޑު އޮންނަ ކަމަށެވެ. އަދި އެ ހުރިހާ ދަނޑަކަށް ވެސް ކަރަންޓު ގުޅާފައިވަނީ ކައުންސިލްގެ ނެޓްވޯކަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަދީމް ވިދާޅުވި ގޮތުގައި ކައުންސިލްގެ ނެޓްވޯކް މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާތީ، މީގެ ކުރިން ދަނޑުތަކުގެ ކަރަންޓު ބިލަށްވާ ފައިސާ ދަނޑުވެރިން ދައްކަމުން ދިޔައީ ކައުންސިލަށެވެ.

ނަމަވެސް ކައުންސިލުން އަލަށް ނިންމި މި ނިންމުމާއެކު، ދެން ދަނޑުވެރިންގެ އަތުން އެއްވެސް ކަރަންޓް ފީއެއް ނުނަގާނެ ކަމަށް ނަދީމް ވިދާޅުވިއެވެ. އަދި އެ ހުރިހާ ދަނޑުތަކެއްގެ ކަރަންޓް ބިލަށްވާ ފައިސާ ކުރިއަށް އޮތް ތަނުގައި ސްޓެލްކޯއަށް ދައްކަމުންދާނީ ކައުންސިލުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.