މާލެ ސަރަހައްދުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އެކަށީގެންވާ އަގެއްގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން، ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ "އެކުވެހި" އެކޮމޮޑޭޝަން އިމާރާތުގައި ދިރިއުޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
ދަނާލެއްގެ ގޮތަށް ހިންގާ މި ތަނުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދަރިވަރަކަށް މަހަކު 3،500 ރުފިޔާގެ ރޭޓުންނެވެ.
ވިނަރެސް ޓަވަރުތަކުގެ ކައިރީގައި ހަދާފައިވާ މި އިމާރާތުން ކޮޓަރިތައް ކުއްޔަށް ދޫކުރަނީ ދެ ދަރިވަރުންނަށް ހިއްސާކޮށްގެން އުޅެވޭ ގޮތަށެވެ. އެގޮތުން، ކޮންމެ ކޮޓަރިއެއްގައި ވެސް ދެ ދަރިވަރަކަށް ވަކިން އެނދު ބަހައްޓާފައި ހުންނައިރު، ކިޔެވުމަށް ބޭނުންކުރާނެ ސްޓަޑީ ޓޭބަލާއި އަމިއްލަ ފާހާނާއެއް ކޮންމެ ކޮޓަރިއެއްގައި ވަކިން ހިމެނެއެވެ.
މީގެ އިތުރުން، އެ ތަނުގައި ދިރިއުޅޭ ދަރިވަރުންނަށް ކިޔެވުމާއި ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި އަމިއްލައަށް ކައްކައިގެން ކެވޭނެ ވަސީލަތްތަކާ އެކު ތައްޔާރުކޮށްފައިވާ ބަދިގެއަކާއި، އަންނައުނު ދޮވެ ހިއްކުމަށް އެންމެންނަށް ބޭނުންކުރެވޭނެ ޖާގައެއްގެ އިތުރުން، ދަރިވަރުންނަށް ކިޔެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މީޓިން ރޫމާއި ކޯވޯކިން ސްޕޭސް ހިމެނެއެވެ. އަދި ކޮމަން ކޯޓްޔާޑަކާއި ޓެރަހެއްގެ އިތުރުން، ކުޅިވަރު ކުޅެވޭ ގޭމް ލައުންޖަކާއި، އައުޓްޑޯ ޖިމަކާއި، ނަމާދުކުރާ ކޮޓަރިއެއްގެ އިތުރުން ޕާކިން ޖާގަ ވެސް މި އިމާރާތުގައި ވަނީ ގާއިމުކޮށްފައެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، މި އިމާރާތުގެ ސާފުތާހިރުކަމާއި، މެއިންޓަނަންސް އަދި ސެކިއުރިޓީގެ ހުރިހާ ކަމެއް ވެސް ގަވާއިދުން ބަލަހައްޓަމުން ގެންދާނީ އެ ކޯޕަރޭޝަނުންނެވެ. އެހެންކަމުން ދަރިވަރުންނަށް ރައްކާތެރި އަދި އަމާން މާހައުލެއް މި އިމާރާތުގައި ކަށަވަރުވެގެންދާނެއެވެ.
"އެކުވެހި" އިމާރާތުން ޖާގަ ހޯދުމަށް އެދި ހުށަހެޅޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ދަރިވަރުންނަށެވެ. އޭގެ ތެރޭގައި، އުމުރުން 35 އަހަރުން ދަށުގެ ދަރިވަރަކަށް ވުމާއި، ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި ރަޖިސްޓްރީވެފައިވުމުގެ އިތުރުން އެމްކިއުއޭ އެޕްރޫވްޑް ކޯހެއް ހަދަމުންދާ ދަރިވަރަކަށް ވާންޖެހެއެވެ. އަދި ގަވާއިދުން ކްލާސްތަކަށް ހާޒިރުވެގެން ކިޔަވާ ފުލްޓައިމް ދަރިވަރަކަށް ވާންޖެހޭއިރު، ކިޔެވުން ނިންމުމަށް މަދުވެގެން އެއް އަހަރުގެ މުއްދަތެއް އޮންނަންވާނެއެވެ.
ޝަރުތު ހަމަވާ ދަރިވަރުން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، އައިޑީކާޑާއި، ޕޮލިސް ރިޕޯޓް އަދި ކޮލެޖު ނުވަތަ ޔުނިވާސިޓީގެ ޕްލޭސްމަންޓް ލެޓާ ހުށަހަޅަން ޖެހޭނެއެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުންނެވެ. އަދި ޖާގަ ކަށަވަރުވުމުން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ދިރިއުޅުން އެ ތަނަށް ބަދަލުކުރެވޭނެއެވެ.
މާލެ ސަރަހައްދުގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ހާއްސަކޮށްގެން މިފަދަ ޒަމާނީ ދަނާލެއް ހުޅުވި މިއީ ފުރަތަމަ ފަހަރެވެ. ރަށްރަށުން މާލެއަށް ކިޔަވަން އަންނަ ގިނަ ދަރިވަރުންނަށް އެކަށީގެންވާ އަގެއްގައި ދިރިއުޅޭނެ ތަނެއް ނުލިބުމާއި، ބޮޑު ކުލި ދައްކައިގެން ހާލަތު ދަށް ތަންތަނުގައި ތޮއްޖެހިގެން އުޅެންޖެހުމުގެ މައްސަލައަށް މި މަޝްރޫއުގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!