އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ހއ. ހޯރަފުށީ ދާއިރާގެ އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ)އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒާޔާ ވިދާޅުވީ، ހޯރަފުށީ ދާއިރާގެ ޤައުމީ މަޖިލިސް ގޮނޑިއަށް އިތުރު މީހަކު ކުރިމަތިލާފައި ވަނިކޮށް، އެމީހާގެ ނަން ނަގުވައިދިނީ ސައްލެ އެދިގެން ކަމަށެވެ. އަދި އިންތިޚާބަކާ ނުލައި ސައްލެ އަށާއި ޝިފާއު (އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު) އަށް އެ މަގާމު "ތަބަކަކަށްލާފައި" ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ސައްލެ މިހާރު ވަނީ ބޮޑުތަނުން މަކަރުހަދައި ހޯރަފުށީގެ ނަތީޖާ އޮޅުވާލާފައި ކަމަށް ޒާޔާ ތުހުމަތު ކުރެއްވިއެވެ. އަދި ހޯރަފުށީގެ ނަތީޖާއަށް އެފަދައިން ހެދުމުން، މިއީ ބޮޑު އޮޅުވާލުމެއްކަން އެންމެންނަށް ވެސް މިހާރު އެނގޭނެ ކަމަށް އޭނާ ވިދާޅުވެފަވެއެވެ.
މީގެއިތުރުން ޒާޔާ ވިދާޅުވީ، މީގެ ކުރިން ހޯރަފުށީ ދާއިރާއަށް ކުރިމަތިލައި ސައްލެ ނުހޮވުމުން، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ ހޮވައިދިނީ އެބޭފުޅުން ނުކުމެ ކުރި މަސައްކަތުން ކަން ސައްލެ އެއްވެސް ގޮތަކަށް ހަނދުމަފުޅު ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި އެފަހަރު މަޖިލީހަށް ހޮވައިދިނުމުން ހޯރަފުށީގައި އެއާޕޯޓް އަޅައިދީ، ރަށަށް ތަރައްގީ ގެނެސްދިން ނަމަވެސް، ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގޮނޑި ކާމިޔާބު ނުކުރެވުނީ ކީއްވެގެންކަން ވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯރަފުއްޓަށް ނިސްބަތްވާ ޒާޔާ ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އޭނާގެ ޕްލެޖް ބޮޑުތަނުން އޮޅާލައި ސައްލެ ހިތުހުރި ގޮތެއް ހައްދަވާފައި ވަނީ ޒާޔާގެ ވެސް އާއިލާ އޮތް، އޭނާ އުޅެބޮޑުވި އުފަން ރަށުގައި ކަމަށެވެ. އަދި މިއަދު އެގޮތަށް ކަންކަން ކުރެވިދާނެ ކަމަށާއި، އެކަމަކު ދެން ވާނެ ގޮތް ވެސް ބައްލަވަން ޒާޔާ ވަނީ ވިދާޅުވެފައެވެ.
ހޯރަފުށީ ރައްޔިތުން ހައިރާންވެގެން ސައްލެ ވޯޓު އޮޅުވާލި ވާހަކަ ދައްކަމުންދާ ކަމަށާއި، މި ވާހަކަތައް ހާމަކުރެއްވީ އެ ރައްޔިތުން މި ވާހަކަ ލިޔެދިނުމަށް އެދުމުން ކަމަށް ވެސް ޒާޔާ ވިދާޅުވިއެވެ. އަދި އޭނާ އަދިވެސް ދިރިހުރި ކަމަށް ވިދާޅުވެ އޭނާގެ ޕޯސްޓު ވަނީ ނިންމަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!