ރ. ހުޅުދުއްފާރާއި ފ. މަގޫދޫގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދެ ރަށުގައި ގޮފިތައް ހުޅުވާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުންނެވެ.

ހުޅުދުއްފާރާއި މަގޫދޫގައި އަލަށް ހުޅުވި ދެ ގޮތްޕާއެކު، މި ސަރުކާރުން މިހާތަނަށް ބިނާކުރި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ.

މި މަޝްރޫޢުގެ ދަށުން މީގެ ކުރިން އުތުރުގެ ގިނަ ރަށްތަކެއްގައިވެސް ވަނީ މަރުކަޒުގެ ގޮފިތައް ހުޅުވާފައެވެ. އެގޮތުން ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު އަދި ރ. ރަސްމާދޫގައި ވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކޮށްފައެވެ.

މީގެ އިތުރުން މާލެ އަތޮޅާއި ދެކުނުގެ ރަށްތަކަށް ބަލާއިރު، ކ. ހުރާ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ލ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީގައިވެސް މީގެ ކުރިން ވަނީ އެ މަރުކަޒުގެ ގޮފިތައް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ހިލޭ ކިޔަވައިދޭ ޤުރުއާން ކުލާސްތައް އިތުރުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.