އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެންވީޑިއާގެ ސްކޭންޑަލާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ، ސިންގަޕޫރުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުންޏެއް ކަމަށްވާ މެގަސްޕީޑް ލިމިޓެޑް، އެމެރިކާގައި ވިޔަފާރިކުރުން މަނާކޮށް ބްލެކްލިސްޓް ކުރަން ނިންމައިފި ކަމަށް އެ ގައުމުން ބުނެފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އިން އިއުލާނުކުރި ގޮތުގައި، އެމެރިކާގައި މުދާ ގަތުމާއި ވިއްކުން މަނާކުރެވިފައިވާ ފަރާތްތަކުގެ ލިސްޓަށް މެގަސްޕީޑް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މައިގަނޑު ގޮތެއްގައި ޑޭޓާ ސެންޓަރުތައް ތަރައްގީކުރާ މެގަސްޕީޑްގެ ކުރީގެ އިސް ވެރިޔަކު ކަމަށްވާ އެލިސް ހުއާންގް، އެންވީޑިއާގެ ވެރިޔާ ޖެންސަން ހުއާންގްއާ ލޯބީގެ ގުޅުމެއް ބޭއްވުމުގެ އިތުރުން ޗައިނާއަށް ޖާސޫސުކޮށްދިން ކަމުގެ ތުހުމަތު ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި އެލިސް ހުއާންގް މަސައްކަތްކުރީ ބެއިޖިންގެ އެސެޓެއްގެ ގޮތުގައެވެ. މި ގުޅުމާ ގުޅިގެން އެމެރިކާގެ ކަމާބެހޭ އިދާރާތަކުގެ ފާރަވެރިކަން ވަރުގަދަވެ، އެންވީޑިއާގެ އެންމެ ޒަމާނީ އޭއައި ކޮމްޕިއުޓަރު ޗިޕްތައް މެގަސްޕީޑް މެދުވެރިކޮށް ޗައިނާއަށް ފޯރުކޮށްދެމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

މެގަސްޕީޑްގެ މައްސަލަ ދެ އަހަރެއްހާ ދުވަސް ވަންދެން ތަހުގީގުކުރަމުން އަންނަ ކަމަށް ކޮމާސް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. އެ އިދާރާއިން ބުނި ގޮތުގައި، 2022 ވަނަ އަހަރުން ފެށިގެން އެފަދަ ޓެކްނޮލޮޖީ ގަތުން ޗައިނާއަށް މަނާކޮށްފައި ވަނިކޮށް، އެންވީޑިއާގެ ޗިޕްތައް ޗައިނާގެ ކުންފުނިތަކަށް ހޯދައިދީ އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލް ގަވާއިދުތަކާ މެގަސްޕީޑުން ހިލާފުވެފައިވާ ކަމަށް ވަނީ ޝައްކުކުރެވިފައެވެ. ސިންގަޕޫރުގައި މައި އޮފީސް ހުންނަ ނަމަވެސް، ޗައިނާގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މެގަސްޕީޑްގެ އެންމެ ބޮޑު އެއް ކަސްޓަމަރަކީ ޗައިނާގެ މަޝްހޫރު އޮންލައިން ރީޓެއިލާ އަލީބާބާއެވެ. އަދި ބިލިއަނެއްހާ ޑޮލަރުގެ އެންވީޑިއާ ޗިޕް ގަނެފައިވާ މެގަސްޕީޑްގެ ސަބްސިޑިއަރީ ކުންފުނި، ސްޕީޑްމެޓްރިކްސް ވެސް ވަނީ އެމެރިކާއިން ބްލެކްލިސްޓް ކޮށްފައެވެ.

މި މައްސަލައިގައި ޗައިނާއިން ވަނީ އެލިސް ހުއާންގްއަކީ ޖާސޫސެއް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އޭއައި ޓެކްނޮލޮޖީއަށް ހުރަސްއަޅައި "ޓެކްނޮލޮޖިކަލް ބްލޮކޭޑެއް" ކުރިމަތިކުރުމުގެ ބަހަނާއަކަށް މި ސްކޭންޑަލް ބޭނުންނުކުރުމަށް ޗައިނާއިން ވަނީ އެމެރިކާއަށް އިންޒާރުދީފައެވެ. މެގަސްޕީޑާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނެ ސީދާ ތާރީހެއް ކޮމާސް ޑިޕާޓްމަންޓުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލަތަކުގެ ތެރޭގައި، އެންވީޑިއާގެ އެހެން މުވައްޒަފަކާ އެކު ވެސް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ތުހުމަތުކުރެވުމާ ގުޅިގެން ނޮވެމްބަރު 12 ގައި ޖެންސަން ހުއާންގް ވަނީ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާގެ އިސްތިއުފާއާ އެކު އެންވީޑިއާގެ ހިއްސާގެ އަގު 30 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސް، ޓެކްނޮލޮޖީ ދާއިރާގެ އެހެން ކުންފުނިތަކުގެ ހިއްސާތަކަށް ވެސް ނޭދެވޭ އަސަރުކުރިއެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކުންފުނީގެ ބޯޑު "އެއްބަސްކުރުވައި އެއްބަސްވުމަކަށް އާދެވުނު" ކަމަށް ވިދާޅުވުމާ ގުޅިގެން، ހޯމަ ދުވަހު ބޯޑުން ވަނީ އޭނާއަށް އަލުން މަގާމު ދީފައެވެ. މަގާމަށް އެނބުރި ވަޑައިގަތުމާ އެކު ހިއްސާގެ އަގު މައްޗަށް ދިޔަ ނަމަވެސް، މި ސްކޭންޑަލް ފެށުމުގެ ކުރިން ހުރި މިންވަރަކަށް އަދި އަގު އުފުލިފައެއް ނުވެއެވެ.

އޭއައި ޗެޓްބޮޓްތަކާއި މޮޑެލްތައް ހިންގުމަށް ބޭނުންވާ ބޮޑެތި ޑޭޓާތައް ޕްރޮސެސްކުރުމަށް އެންވީޑިއާގެ ކޮމްޕިއުޓަރު ޗިޕްތައް ކޮންމެހެން މުހިންމުވެފައިވާއިރު، އެ ކުންފުންޏާއި ޖެންސަން ހުއާންގް ދަނީ ސަރުކާރުގެ ތަހުގީގުތަކަކާ ކުރިމަތިލަމުންނެވެ. ކުރިއަށް އޮތް ހަފުތާތަކުގައި ހުއާންގްއާއި އެންވީޑިއާގެ ޗީފް ލީގަލް އޮފިސަރު އެމެރިކާގެ ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ ސިއްރު ބައްދަލުވުމަކަށް ހާޒިރުވެ މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.