ދެޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ފެށޭ އައު އަހަރާއެކު އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފެށުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ޓްރަމްޕާ ހަވާލާދީ ފޮކްސް ނިއުސް އިން ރިޕޯޓުކުރި ގޮތުގައި، ތެހެރާނާއެކު ނުސީދާ މަޝްވަރާތައް މިހާރުވެސް ކުރިއަށްދިޔަ ނަމަވެސް، އެ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބޭތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޓްރަމްޕް ވަނީ އީރާނުގެ މަޝްވަރާ ޓީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އީރާނުގެ މަންދޫބުންނަކީ "ޕްރޮފެޝަނަލް ޓެޕް ޑާންސަރުން" ނުވަތަ ކަންކަން އޮޅުވާލުމުގައި މޮޅު ބައެއްގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "އެމީހުން އަބަދުވެސް ވާހަކަ ދައްކައެވެ.

''އެމީހުން ކުރާ ހަމައެކަނި ކަމަކީ ވާހަކަ ދެއްކުން، ނަމަވެސް އެއީ ހުސް ބޭކާރު ވާހަކަތަކެއް." ޓްރަމްޕް ވިދާޅުވެފަވެއެވެ.

ޓްރަމްޕް މި އިންޒާރުތައް ދެއްވާފައި މިވަނީ ހޮރްމުޒް ކަނޑުއޮޅީގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ކަނޑުމަގުން ހުރަސްއެޅުންތައް ކުރިމަތިކޮށްފައި ވީނަމަވެސް، ތެޔޮ ޓޭންކަރުތަކަށް އީރާނުން ދޭ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އެމެރިކާއިން އަޅާފައިވާ މި ހުރަސްތައް ފޫއަޅުވާލަން އީރާނުން މަސައްކަތްކޮށްފާނެ ކަމަށް އެޤައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެ ހުރަސްތައް ފަހަނައަޅައި ދާން މަސައްކަތްކުރާ ކޮންމެ އީރާނުގެ އުޅަނދަކަށް ހަމަލާދީ އަޑިއަށް ފައްތާލާނެ ކަމަށެވެ. އަދި އެފަދަ އުޅަނދުތަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ދެއްވިއެވެ.

މީގެއިތުރުން، އީރާނުގައި އަލުން ފެށިގެން އުޅޭ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގެ ވީޑިއޯތައް ބެއްލެވުމަށްފަހު، އެ މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެޤައުމުގެ ރައްޔިތުންނަށް ޓްރަމްޕް ހިތްވަރު ދެއްވި ކަމަށްވެސް ފޮކްސް ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ. ޓްރަމްޕްގެ މި ވާހަކަތައް އައިސްފައި މިވަނީ، ހޮރްމުޒް ކަނޑުއޮޅި ކައިރިން ދަތުރުކުރި ވިޔަފާރި އުޅަނދުތަކަކަށް އީރާނުން އަނެއްކާވެސް ހަމަލާދީ، ބަޙްރައިންގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓުތައް ފެންމަތިވެފައިވާ ވަގުތެއްގައެވެ.

މި ސަރަޙައްދުގައި ހަމަނުޖެހުންތައް އުފެދި ހަނގުރާމައަކަށް ބަދަލުވީ މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ތެހެރާނުން ވަނީ އިސްރާއީލަށާއި ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ދެފަރާތުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމަށްޓަކައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު ޖޫން މަހު ވަނީ އޮނިގަނޑު އެއްބަސްވުމެއްގައި ސޮއިކޮށް، މަޝްވަރާތައް ފަށާފައެވެ. ނަމަވެސް ހޮރްމުޒް ކަނޑުއޮޅިން އަމާންކަމާއެކު މިނިވަންކަމުގައި ދަތުރުފަތުރު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެ ވާހަކަތައް މިހާރު ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، ޖުލައި މަހުން ފެށިގެން ދެފަރާތުގެ ދެމެދުގައި ދޭތެރެދޭތެރެއިން ދަނީ ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންނެވެ.