މިޔަންމާގެ އުތުރު ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގުމުގެ ޒިންމާ އެ ޤައުމުން އުފުލަންޖެހޭނެ ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކަނޑައެޅި ތާރީޚީ ޙުކުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށްފައިވަނީ، ދަ ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި މި މަހުގެ 19 ވަނަ ދުވަހު ކޯޓުން އިއްވި ޙުކުމާ ގުޅިގެންނެވެ.
މިއީ ޤަތުލުޢާންމު ހިންގުމުގެ ޒިންމާ ދައުލަތަކުން އުފުލަންޖެހޭ ކަމަށް އައިސީޖޭ އިން ކަނޑައެޅި ފުރަތަމަ ފަހަރެވެ. މި ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިޔަންމާގެ ސަލާމަތީ ބާރުތަކުން ވަނީ ރޮހިންޖާގެ އެތައް ހާސް އާންމު ރައްޔިތުންނެއް މަރާލައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާގެ ޢަމަލުތައް ހިންގައި، ކުޑަކުދިންނާ ދެކޮޅަށް އިންތިހާއަށް އަނިޔާވެރި ޢަމަލުތައް ހިންގާފައެވެ. މީގެއިތުރުން، އެ ޤަތުލުޢާންމު ހުއްޓުވުމަށާއި، އެކަން ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާ ސަރުކާރު ނުކުޅެދިފައިވާ ކަމަށްވެސް ކޯޓުން ވަނީ ނިންމަވާފައެވެ.
އައިސީޖޭގެ މި ނިންމެވުމުގައި، 2017 ވަނަ އަހަރު ހިންގި "ކްލިއަރެންސް އޮޕަރޭޝަންސް" ގައި ބައިވެރިވި ކަމަށް އެކަށީގެންވާ ގޮތެއްގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަ ތަޙްޤީޤުކޮށް، އެކަމަށް ޒިންމާވާ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށް އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. އަދި އެ ޤައުމުގެ ޣައިރު ޤާނޫނީ ޢަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ދިނުމަށާއި، ގެދޮރު ގެއްލިފައިވާ ފަރާތްތައް ރައްކާތެރިކަމާއެކު އެނބުރި ވަޒަނަށް ރުޖޫޢަވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްވެސް ކޯޓުން ވަނީ އަންގަވާފައެވެ.
ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގެ ދަށުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިޢުލާންކުރި ޤައުމަކީ ދިވެހިރާއްޖެއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ އޭޖެންޓަކަށް ހުންނެވީ ބަންޑާރަނައިބު އަޙްމަދު އުޝާމެވެ. އަދި ރާއްޖެ ތަމްސީލުކުރެއްވި ވަކީލުންނަކީ ބެރިސްޓަރ އަދި ޕްރޮފެސަރ އަމާލް ކްލޫނީގެ އިތުރުން ބެރިސްޓަރ އަދި ޕްރޮފެސަރ ފިލީޕާ ވެބް ކޭސީއެވެ. ރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވެ، މިނިވަން މުސްތަޤިއްލު ޓްރައިބިއުނަލެއްގެ ކުރިމަތީގައި ކުށްވެރިންގެ މައްސަލަ ބަލައި ދަޢުވާކުރުމުގެ ވާޖިބާ ގުޅޭގޮތުން ވަނީ މުހިންމު ނުކުތާތަކެއް ހުށަހަޅާފައެވެ.
ކޯޓުގެ ޙުކުމުގައި، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އުފުލަންޖެހޭ މުހިންމު އިލްތިޒާމުތަކާ ގުޅޭގޮތުން ރާއްޖެއިން ހުށަހެޅި ޤާނޫނީ ނުކުތާތަކަށް ވަނީ ރިޢާޔަތްކޮށްފައެވެ. އެގޮތުން، ދައުލަތެއްގެ ސަރަޙައްދުގައި ޤަތުލުޢާންމު ހިންގައިފިކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ފެންނަ ހިނދުން ފެށިގެން، ހިންގާ ތަޙްޤީޤުތަކަކީ އަވަސް، ހަރުދަނާ، ފުރިހަމަ އަދި މިނިވަން ތަޙްޤީޤުތަކަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ބަޔާންކުރި ވާހަކަތަކަށް ގެމްބިއާއިން ތާއީދުކޮށްފައިވާކަން ޙުކުމުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، އިންސާފުވެރި ޝަރީޢަތަކުން ކަނޑައަޅާ އަދަބަކީ ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ އަދަބަކަށް ވާންޖެހޭނެ ކަމަށާއި، އެފަދަ ޢަމަލުތަކަށް ދަޢުވާކުރެވޭނެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އޮންނަންޖެހޭނެ ކަމަށް ރާއްޖެއިން ވަކާލާތުކުރި ނުކުތާތައްވެސް ކޯޓުން ވަނީ ބަލައިގެންފައެވެ.
މި ތާރީޚީ ޙުކުމާ ގުޅިގެން ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ދިވެހިރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވީ ޤަތުލުޢާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހަދައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ. "ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައްވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަޙްޤީޤުކޮށް، ދަޢުވާކޮށް، އެފަރާތްތަކަށް އަދަބު ދޭންޖެހޭނެ ކަމަށް އައި.ސީ.ޖޭ. އިން ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔަމެވެ،" އުޝާމް ވިދާޅުވިއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި ދިއުން ހުއްޓުވުމަށާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެ ތަމްސީލުކުރެއްވި ވަކީލުން ކަމަށްވާ އަމާލް ކްލޫނީ އާއި ފިލީޕާ ވެބް ކޭސީ ވިދާޅުވީ، މި ޙުކުމަކީ ރެފިއުޖީ ކޭމްޕްތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެތައް ބަޔަކު އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން އައި ނިންމުމެއް ކަމަށެވެ. އަދި ކުށްވެރިންނަށް ދައުލަތްތަކުން ޙިމާޔަތް ނުދެވޭނެ ކަމާއި، މުޢާހަދާގައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރަންޖެހޭނެކަން ކޯޓުން ސާފުކޮށްދީފައިވާތީ، މިޔަންމާއިން ވަގުތުން މި ޙުކުމާ އެއްގޮތަށް ޢަމަލުކޮށް، ޝިކާރައަކަށްވި މީހުންނަށް ޙައްޤުވާ ބަދަލު ދޭންޖެހޭނެ ކަމަށްވެސް އެ ދެ ބޭފުޅުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!