އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އަމާޒުތަކަށް ހަމަލާދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްފައިވޭތޯ ސާފުކުރުމަށް އެމެރިކާގެ ސެނެޓަރު ކާސްޓަން ގިލިބްރޭންޑް ގޮވާލައްވައިފިއެވެ.
މީގެ އިތުރުން އަސްކަރިއްޔާގައި އޭއައި ބޭނުންކުރުމުގައި އިންސާނުންގެ ބެލުމުގެ ދަށުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ނިއުޔޯކަށް ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ސެނެޓަރު ގިލިބްރޭންޑް ފާހަގަކުރެއްވި ގޮތުގައި، ދިފާއުގައި އަންނަ މިސައިލްތައް ދެނެގަނެ ހުއްޓުވުމަށް އޭއައިގެ އެހީތެރިކަން ލިބިދާނެއެވެ. ނަމަވެސް އަމާޒުތައް ކަނޑައެޅުމުގައި ހެދޭ ގޯސްތަކުގެ ސަބަބުން އާންމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލިދާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އެހެންކަމުން، އޭއައި ހިމެނޭ ހަތިޔާރުގެ ނިޒާމުތަކުން ކުރެވޭނެ ކަންކަމާއި، އެ ނިޒާމުތައް އިންސާނުން ބަލަހައްޓާ ގޮތް، އެމެރިކާ ސެނެޓުގެ އާމްޑް ސާވިސަސް އަދި އިންޓެލިޖެންސް ކޮމިޓީތަކުން ފުންކޮށް ބަލައި ދިރާސާކުރަންޖެހޭ ކަމަށް ގިލިބްރޭންޑް ވިދާޅުވިއެވެ.
މި މައުޟޫއަށް އަލިއަޅުއްވާލައްވަމުން ގިލިބްރޭންޑް ވިދާޅުވީ، އަވަސްއަރުވާލައިގެން ކަންކަން ކުރުމުގެ ތެރޭގައި، ބޭރު ގައުމެއްގެ އަންހެން ކުދިންގެ ސްކޫލަކަށް ބޮން އެޅޭކަށް އޭނާ އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ ކަމެއް ދިމާވެދާނީ އޭއައިއަށް ތަފާތު ދެނެގަންނަން ނޭނގިގެން، ނުވަތަ ސީދާ ލޮލުން ފެންނަން ނެތުމުން، ނުވަތަ ބެލި މައުލޫމާތަކީ މީގެ 10 އަހަރު ކުރީގެ މައުލޫމާތަކަށް ވުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގިލިބްރޭންޑް އިތުރަށް ވިދާޅުވީ، އީރާނުގެ ހަނގުރާމައިގައި އަމާޒުތައް ކަނޑައެޅުމުގައި އޭއައިގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ގަބޫލުކުރާނެ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ހިނގިތޯ ޔަގީންކަމާއެކު އެނގެން ބޭނުންވާ ކަމަށާއި، މީހުން މެރުމާ ގުޅޭ ނިންމުންތަކުގައި އޭއައިގެ އޮޅުންތަކަށް ޖާގަދެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީނާބް ސުކޫލަށް ދިން ހަމަލާގެ ބިރުވެރިކަން
2026 ވަނަ އަހަރު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލް ގުޅިގެން ހަނގުރާމަ ފެށި ފުރަތަމަ ދުވަހު (ފެބްރުއަރީ 28 ގައި)، އަމާޒަށް ވާސިލްވާ ފަދަ އެމެރިކާގެ ޓޮމަހޯކް މިސައިލެއް މީނާބް އެލެމެންޓްރީ ސުކޫލަށް އަމާޒުކުރުމުގެ ސަބަބުން އެ ސުކޫލް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. މި ހަމަލާގައި 168 އާއި 175 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވިއިރު، އޭގެ ތެރެއިން 100 އަށްވުރެ ގިނައީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ސުކޫލް ކުދިންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެހެނިހެން މިނިވަން ތަހުގީގުތަކުން ނިންމާފައިވަނީ މީގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެމެރިކާ ކަމަށެވެ. އެ ފަރާތްތަކުން ސިފަކުރި ގޮތުގައި އެތަނަކީ ސުކޫލެއްކަން އެނގެން އޮތްއިރުވެސް ދިން މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާއެކެވެ.
މި ހަމަލާގެ ޒިންމާ އުފުލަންޖެހެނީ އެމެރިކާއިން ކަމަށް ދައްކާ ހެކިތައް އިތުރުވަމުން ދިޔަ ނަމަވެސް، އޭގެ ފަހުން އިޒްރޭލާއި އެމެރިކާއިން ދަނީ އެކަމުން ބޯދަމައިގަންނަން ތަފާތު ބަހަނާ އުފަންކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!