ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް، މިއަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް ސިންގަލް ޑިޖިޓަކަށް ނުވަތަ ގާތްގަނޑަކަށް 6.2 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިގުތިސޯދީ މިނިވަންކަން ވަޒަންކުރާއިރު، ވެރިކަމާ ހަވާލުވި އިރު އިގުތިސޯދީ ހާލަތު އޮތް މިންވަރާއި މިހާރު ހުރި ހިސާބު އަންދާޒާކޮށްލެވޭނެ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10 ޕަސެންޓުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަށް ބަޖެޓް އެކުލަވާލަން ލިބުނީ މިދިޔަ އަހަރަށާއި މި އަހަރަށެވެ. އަދި އޭގެ ކުރީ އަހަރުގެ ބަޖެޓް އެކުލަވާލީ ކުރީގެ ސަރުކާރުން ކަމަށާއި، އޭރު ވެރިކަންކުރި އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެގެން އެ ބަޖެޓް ފާސްކުރީ އާ ސަރުކާރަށް ކަންކަން ކުރަން ދަތިވާނެ ގޮތަށް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އާ ސަރުކާރުން ފިސްކަލް މެނޭޖްމަންޓް ތަންފީޒުކުރަން ފެށި ގޮތް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، "އެހެންވީމާ އަޅުގަނޑުމެން ހެދި ފުރަތަމަ ބަޖެޓް، 2025 ގެ ބަޖެޓުން ފެށިގެން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ފިސްކަލް މެނޭޖްމެންޓް ތަންފީޒުކޮށްގެން، އަޅުގަނޑުމެން ޑެފިސިޓް ކުޑަކުރީ 3.6 އިންސައްތައަށް، ޖީޑީޕީގެ ނިސްބަތުން،" ކަމަށެވެ.

ނަމަވެސް ދުނިޔޭގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ކަންކަން ތަރުތީބުކުރަން ޖެހުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތެލުގެ އަގު ބޮޑުވުމާއި މެދުއިރުމަތީގައި ހިނގަމުންދާ ބޮޑު ހަނގުރާމައިގެ ސަބަބުން ބަޖެޓް މެނޭޖް ކުރުމުގައި ކަންތައްތަކެއް ތަފާތުކުރަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް، މިއަހަރު ނިންމާލާއިރު ސިންގަލް ޑިޖިޓުން، ގާތްގަނޑަކަށް 6.2 އިންސައްތައިގައި ޑެފިސިޓް ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުގެ މެދު ރާސްތާގެ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 2028 ވަނަ އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް ފަސް ޕަސެންޓަށް ވުރެ ކުޑަކުރުމަކީ އަމާޒެއް ކަމަށެވެ. އަދި އެއީ ކުރީގެ ސަރުކާރާ އަޅައިބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ކުރިމަތިވަމުންދާ އެކި ގޮންޖެހުންތަކާ އެކު ވެސް ކަންކަން މެނޭޖު ކުރެވެމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އުންމީދަކީ 2029 ވަނަ އަހަރު ޑެފިސިޓް ސާޕްލަސް އަކަށް ބަދަލުކުރުން ކަމަށާއި، އެގޮތުން އެ އަހަރު ރާއްޖޭގެ ބަޖެޓް ޖީޑީޕީގެ ނިސްބަތުން އެއް ޕަސެންޓް ސާޕްލަސްއަކަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.