މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދެއްވުމަށް ހަމަޖެހިއްޖެއެވެ.
މި އިނާމުތައް ދެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ލިބިވަޑައިގަންނަވާއިރު، މި އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރައްވާފައިވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި، އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވާ އިނާމަކަށްވާއިރު، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައިވެސް ވަނީ މި އިނާމު އަރުވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަންނަވާ 57 ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 6 ބޭފުޅުންނާއި، ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ އެނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން މި އަހަރު އެއް ފަރާތަކުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ހާސިލުކުރެއެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!