ސަރުކާރުން އިފްތިތާހުކުރި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއަކީ މި ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ އެއްވަރުގެ މުހިންމު މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ޒުވާނުން ބިނާކުރުމަށް މަސައްކަތް ކުރަމުންދަނީ ހަމައެކަނި ވިޔަފާރީގެ ގޮތުން ނޫން ކަމަށެވެ. އޭގެ އިތުރުން އަހުލާގީ ގޮތުންނާއި ފިކުރީ ގޮތުން ވެސް ޒުވާނުން ބިނާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އިހުތިރާމު އަދާކުރުމުގެ ކެމްޕޭނަކީ އެކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިހާރު ގައުމު މިއޮތް ހާލަތަކީ އެކަކު އަނެކަކަށް އިހުތިރާމް އަދާނުކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށެވެ. އަދި މިކަންކަން އިސްލާހުކޮށް ރަނގަޅުކޮށްފިނަމަ، ގައުމުގައި ހުރި ހުރިހާ ބިނާތަކުގެ ފުރިހަމަ މާނަ ނުކުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަތަނީ ހިދުމަތުގެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެއީ ޒުވާނުން ބިނާކުރުމަށް ވަރަށް މާތް މަގުސަދެއްގައި ފެށި މަސައްކަތެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވެ، އެތައް އާއިލާއަކަށް އުފާވެރިކަން ލިބިގެން ގޮސްފައިވާ ކަމަށާއި، ގައުމު ދެކެ ލޯބިވާ، މަސައްކަތް ކުރަން ދަންނަ، މުރާލި ބަޔަކަށް ޒުވާނުން ހަދައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ޒުވާނުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ގައުމު ދެކެ ލޯބިވާ، ވަފާތެރި، ގައުމަށް ހިދުމަތް ކުރާނެ އަދި މައިންބަފައިން ފަހުރުވެރިވާނެ ޒުވާނެއް ބިނާކުރުމަކީ އުމްރާނީ ތަރައްގީއަށް ވުރެވެސް މާބޮޑު ކަމެއް ކަމަށެވެ.
"އެފަދަ ބިނާކުރަނިވި ފައިދާ މާނަހުރި ދެމެހެއްޓެނި ކަންކަން މުޅިން ވެސް މިކުރަނީ. އެފަދަ މަޝްރޫއެއް އިހުތިރާމް އަދާ ކުރުމުގެ މަޝްރޫއަކީވެސް. ހުރިހާ އަތްލެވޭ ތަރައްގީ އެއްފަރާތަށް ލާފައި، އޭގެ ހަމަ އެއްވަރުގެ ތަރައްގީއެއް އިހުތިރާމު އަދާކުރުމުގެ މަޝްރޫއުއަކީ ވެސް. އޭގެން އަންނާނެ ނަތީޖާއަކީ، 50/50. އަޅުގަނޑުމެން އެހާވެސް ސީރިއަސް ވާންޖެހޭ ކަމެއް މިއީ،" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!