ބޭރު ފައިސާ ގަނެވިއްކުމުގެ ގަވާއިދާ ހިލާފުވި ތިން ކުންފުންޏެއްގެ މަނީ ޗޭންޖިން ލައިސަންސް ބާތިލުކޮށް، އެ ތަންތަން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށެވެ. މި ތިން ކުންފުނީގެ ވެސް މަނީ ޗޭންޖިން ހިދުމަތް ދިނުމުގެ ހުއްދަ މިހާރު ވަނީ ބާތިލުކޮށްފައެވެ.
ލައިސަންސް ބާތިލުކުރުމުގެ އިތުރުން އެ ކުންފުނިތަކުގެ މައްޗަށް މާލީ ބޮޑެތި ޖޫރިމަނާތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އެލްވީއާރު އިންވެސްޓްމަންޓާއި މޭޑް މަނީ އެކްސްޗޭންޖް، ކުރެ ކޮންމެ ކުންފުންޏެއް 250,000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މައިޒޯން އެކްސްޗޭންޖް ޖޫރިމަނާކޮށްފައިވަނީ 500,000 (ފަސް ލައްކަ) ރުފިޔާއިންނެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ބައެއް ފަރާތްތަކުން ގާނޫނީ އޮނިގަނޑާ އެއްގޮތަށް އަމަލުނުކުރާކަން ވަނީ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެމްއެމްއޭއިން ބުނީ، "ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުންނުދާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަވެފައެވެ. ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ."
މީގެއިތުރުން، ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް ކުރިއަށްއޮތް ތަނުގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ އިންޒާރު މަރުކަޒީ ބޭންކުން ވަނީ ދީފައެވެ.
ގަވާއިދާ ހިލާފުވެގެން މީގެ ކުރިން ވެސް އެމްއެމްއޭއިން ވަނީ ފިޔަވަޅު އަޅައިފައެވެ. އެގޮތުން މިދިޔަ މަހު ވެސް ފުޅާދާއިރާއެއްގައި ފައިސާ މާރުކުރުމުގެ ހިދުމަތް ދެމުން އައި "އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުނީގެ ލައިސަންސް ވަނީ ހިފަހައްޓައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!