2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ ކްރިސްޓިއަނުންނަށް ވުރެ މުސްލިމުންގެ އާބާދީ އިތުރުވާނެކަމަށް ދުނިޔޭގެ ދީންތަކުގެ މުސްތަޤުބަލާ ގުޅޭގޮތުން ޕިއު ރިސާޗް ސެންޓަރުން ހެދި އާ ދިރާސާއަކުން ދައްކައިފިއެވެ.
ދުނިޔޭގެ މައިގަނޑު ހަތް ދީނީ ފިކުރެއްގެ އާބާދީއަށް 2020 އިން 2070 އަށް އަންނާނެ ބަދަލުތައް ބަލައި އެ އިދާރާއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދެ ދީނުގެ އާބާދީ ވެސް އިތުރުވަމުން ދިޔަ ނަމަވެސް، މުސްލިމުންގެ އާބާދީ ފުޅާވަމުންދާ ނިސްބަތް މާ ބޮޑަށް ވެސް އަވަސް ކަމަށެވެ.
ފަހަކަށް އައިސް ފެންނަމުންދާ މިސްރާބު މިގޮތުގައި ދެމިއޮވެއްޖެ ނަމަ، 2070 ވަނަ އަހަރާ ހަމައަށްދާއިރު މުޅި ދުނިޔޭގައި މުސްލިމުންގެ އާބާދީ 3.6 ބިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށާއި، ކްރިސްޓިއަނުންގެ އަދަދު އުޅޭނީ ތިން ބިލިއަނަށް ވުރެ ތަންކޮޅެއް ދަށުގައި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ ޖުމްލަ އާބާދީ %29 އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، އާބާދީގެ ކުރިއެރުމާ އެއް ހަމައެއްގައި ދެމިއޮންނާނީ ހަމައެކަނި މުސްލިމުންނާއި ކްރިސްޓިއަނުންނެވެ. އެގޮތުން ކްރިސްޓިއަނުންގެ އާބާދީ %30 އިތުރުވާއިރު، މުސްލިމުންގެ އާބާދީ %80 އަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއާއެކު 2020 ގައި ދުނިޔޭގެ އާބާދީގެ %26 ގައި ހުރި މުސްލިމުންގެ ނިސްބަތް 2070 ގައި %36 އަށް އަރާއިރު، ކްރިސްޓިއަނުންގެ ނިސްބަތް ހުންނާނީ %29 ގައެވެ.
ޕިއު ރިސާޗުން ބުނި ގޮތުގައި މި ބޮޑު ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ އާބާދީގެ އޮނިގަނޑާއި އުފަންވާ ރޭޓެވެ. އެގޮތުން 2020 އާއި 2025 އާ ދެމެދު މުސްލިމް އަންހެނެއްގެ ވިހާ ރޭޓް އެވްރެޖުކޮށް 3.1 ކުދިންނަށް އަރާއިރު، މުސްލިމް ނޫން އަންހެނުންގެ އެ ރޭޓް ހުރީ 2.0 ގައެވެ. އަދި 2020 ވަނަ އަހަރު މުސްލިމުންގެ މެދުމިން އުމުރު (މީޑިއަން އޭޖް) 24 އަހަރުގައި ހުރިއިރު، މުސްލިމް ނޫން މީހުންގެ މެދުމިން އުމުރު ހުރީ 33 އަހަރުގައެވެ. މީގެއިތުރުން، މި ޤަރުނުގައި ދުނިޔޭގެ އާބާދީ އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެނީ ކްރިސްޓިއަނުންނާއި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަބް-ސަހާރަން އެފްރިކާގައެވެ.
ޤައުމުތަކުގެ ނިސްބަތަށް ބަލާއިރު، 2070 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނާނެ ކަމަށް ލަފާކުރެވެނީ ޕާކިސްތާނުގައެވެ. ދެވަނައަށް އިންޑިއާ އޮތްއިރު، އޭގެ ފަހަތުން އަންނަނީ ނައިޖީރިއާ އަދި އިންޑޮނޭޝިއާ އެވެ. އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ ވެގެންދާނީ އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު އެންމެ ގިނަ އަދަދަކަށް ކްރިސްޓިއަނުން ދިރިއުޅޭ ޤައުމަށެވެ. އަނެއްކޮޅުން އެމެރިކާ، ކެނެޑާ އަދި ޖަރުމަނަކީ 2070 ވަނަ އަހަރާ ހަމައަށްދާއިރު ކްރިސްޓިއަން އަޣުލަބިއްޔަތު ގެއްލޭނެ ކަމަށް ލަފާކުރެވޭ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކެވެ.
އެހެން ދީންތަކަށް ބަލާއިރު، ހިންދޫންނާއި ޔަހޫދީންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވި ނަމަވެސް، ދުނިޔޭގެ ޖުމްލަ އާބާދީގެ ނިސްބަތުން އެ މީހުންގެ ހިއްސާ ދަށްވާނެ އެވެ. އަދި ބުދުދީނުގެ މީހުންގެ ޖުމްލަ އަދަދާއި ދުނިޔޭގެ އާބާދީގެ ނިސްބަތުން އެ މީހުންގެ ހިއްސާ ވެސް ދަށަށްދާނެ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ޕިއު ރިސާޗުން ބުނެފައިވާ ގޮތުގައި މި އަންދާޒާތައް ބިނާކޮށްފައިވަނީ ދީން ބަދަލުކުރުމާއި ހިޖުރަކުރުމުގައި ފަހަކަށް އައިސް ފެންނަމުންދާ އޮއިވަރު އެގޮތުގައި ކުރިއަށްދާނެ ކަމަށް ބަލައިގެންނެވެ. އަދި އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ އާބާދީ 2010 އާއި 2020 އާ ދެމެދު އަންދާޒާކުރި ވަރަށް ވުރެ ބާރަށް އިތުރުވެފައިވާތީ، އެ ބައިގަނޑުގެ ކުރިއެރުމާ ގުޅޭގޮތުން އެ އިދާރާގެ މޮޑެލްގައި ލަފާކޮށްފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ވެދާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!