ހއ. ފިއްލަދޫ ސިއްޙީ މަރުކަޒުގެ އޯޕީޑީ އޭރިއާ އޭސީކުރުމަށާއި އެ ތަނުގެ މައިދޮރު ބަދަލުކުރުމަށް އެ ރަށު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ad
rt

ކައުންސިލުން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ރަށުގެ މުއައްސަސާތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުންނެވެ.

ފިއްލަދޫ ސިއްޙީ މަރުކަޒުގެ އޯޕީޑީ އޭރިއާ އޭސީ ކުރުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގައި އެދެމުންދާތާ 6 ވަރަކަށް އަހަރު ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މިހާތަނަށް އައިއިރު ވެސް އެ މައްސަލައަށް ކަމާބެހޭ އިދާރާތަކުން އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު "ތިލަދުން" އަށް ވިދާޅުވީ، ރަށުގެ މުއައްސަސާތަކުން އެދޭ ކަންކަން ކައުންސިލްގެ ބަޖެޓުންނާއި ވަސީލަތްތަކުގެ ތެރެއިން ވީވަރަކުން ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރަށުގެ މުއައްސަސާތަކުގެ ހާލަތު ދެނެގަތުމަށް ބޭއްވި ބައްދަލުވުންތަކުގައި، ސިއްޙީ މަރުކަޒުން އެދިފައިވަނީ އޯޕީޑީ އޭރިއާ އޭސީކޮށްދިނުމަށް ކަމަށް ޙާމިދު ވިދާޅުވިއެވެ.

ކައުންސިލުން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ދަށުން، އޯޕީޑީ އޭރިއާ އޭސީކޮށްދީ، ކުރިން އެތަނުގައި ހުރި ލަކުޑި ދޮރު ނަގައި، އެލްމިނިއަމް ދޮރަކަށް ވަނީ ބަދަލުކޮށްފައެވެ. މި މަސައްކަތްތަކަށް ކައުންސިލުން ގާތްގަނޑަކަށް 34،000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވިއެވެ.

މީގެއިތުރުން ޙާމިދު ވިދާޅުވީ، ސިއްޙީ މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް ފަސޭހަ މާޙައުލެއް ގާއިމުކޮށްދިނުމަކީ ކައުންސިލުން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ހޫނު މޫސުމުގައި، ޑޮކްޓަރަށް ދައްކަން އައިސް ރައްޔިތުން ދެން ތިބޭނީ ހިތްހަމަޖެހުމާއެކު ފިނީގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލުން ވެދިން އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ސިއްޙީ މަރުކަޒުން ވަނީ ޚާއްސަ އިވެންޓެއް ބާއްވައި، ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އެ އިވެންޓުގައި، ކައުންސިލުން އަބަދުވެސް ބަހައްޓަވާ ގާތްކަމަށާއި ދެއްވާ އެއްބާރުލުމަށް ސިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.